
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިބޫ ވިދާޅުވީ، އެންމެ މަތީ ކޯޓުގައި ދުސްތޫރީ މައްސަލައެއް ކުރިއަށްދަނިކޮށް، ފަނޑިޔާރުންނަށް ބިރުދައްކައި، މުއައްސަސާތަކުގެ މުސްތަގިއްލުކަން ނަގާލުމުގެ ހުތުރު އަމަލުތަކެއް ހިންގަމުންދާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުން ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ފާސްކުރުމަށްފަހު، ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ޖޭއެސްސީން ވަނީ ސަސްޕެންޑް ކޮށްފައެވެ. މި ކަންކަން ހިނގަމުންދަނީ ޕާޓީން ވަކިވާ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް މަޖިލީހުން ގެނެސްފައިވާ އިސްލާހު ބާތިލްކުރުމުގެ މައްސަލަ ސުޕްރީމް ކޯޓުގައި ކުރިއަށްދާ ދަނޑިވަޅެއްގައެވެ.
ކުރީގެ ރައީސް އިބޫ ވިދާޅުވީ ރާއްޖެ މިހާރު މިސްރާބު ޖަހާފައިވަނީ ހުދުމުހުތާރު ވެރިކަމާ ދިމާލަށް ކަމަށާއި، އެތައް ބައެއްގެ ބުރަ މަސައްކަތުން ހޯދި ހައްގުތަކާއި ތިން ބާރު ވަކިވެފައިވާ ނިޒާމު ހަލާކުކުރަމުން މިދަނީ ރައީސްގެ މުށުތެރެއަށް ބާރުތައް އެއްކުރުމަށް ކަމަށެވެ. އަދި މީގެ ހިތި ނަތީޖާ ތަހައްމަލުކުރަން ޖެހޭނީ އާންމު ދިވެހި ރައްޔިތުން ކަމަށްވެސް އިބޫ ވިދާޅުވިއެވެ.