
ލިބުނު މާޔޫސްކަމުގައި ފުންނޭވާއަކާއެކު ހަމަޖެހިލެވޭތޯ އުޅުނީމެވެ. ނަމަވެސް ކުއްލިޔަކަށް ނޭފަތު ކުރީގައި އީތަންގެ ތުންފަތް ލުއިގޮތަކަށް ޖައްސާލުމުން ދެ ލޯ ބޮޑުކޮށްލެވުނެވެ.
އީތަންގެ އުނގުމަތީގައި އަހަރެން ބޭއްވީ ކޮންއިރަކު ހެއްޔެވެ؟ ދެ ލޯ މަރައިލާން މަޖުބޫރުވީ، މޫނާއި ދެ ލޮލުގައި އީތަންގެ ތުންފަތުން ބީހެމުން ދިޔައީތީ އެވެ. ކުރިއެކޭ އެއްގޮތަށް މޫނާއިކަނދުރާގައި އީތަން ރަސްކަންކުރަން ފަށައިފި އެވެ. އަހަރެންގެ ނަފުސުގެ ކޮންޓްރޯލް އަހަރެންގެ ކިބައި ގެއްލުނުތާ ކިތަންމެ އިރެކެވެ. ލޯބީގެ ގޯނާތަކުގައި ކެތްތެރިކަން ކޮޅުންލުމުން އަހަރެންގެ ދެއއަތުން އީތަންގެ ގަމީހުގެ ގިރުވާނުގައި ހިފާފައި، އަހަރެންގެ ކަނދުރާއަށް އަމާޒުކޮށް އީތަންގެ މޫނު ތިރިކުރީމެވެ. ދެވުނީ ދައުވަތެއްކަން ވިސްނާކަށް ހިއްސުތައް ހަމައެއް ނޫނެވެ.
"އީތަން" އެ ނަން ދުލުން ބޭރުވީ އިހްތިޔާރަކު ނޫނެވެ. އެއީ ބޭއިހްތިޔާރުގައި ނިކުތް އާހެކެވެ.
އެންމެ ސިކުންތެއްވެސް ބޭކާރުނުކޮށް 'އީތަން ބޭނުންވި ގޮތަށް ޝިކާރަކޮށްފި' އެވެ.
ޖެހިފައިވާ މަޅިން ނިކުތުމަށް އަހަރެންގެ ސިކުނޑި ތަކުރާރުކޮށް އިންޒާރުކުރަމުން ދިޔަ އެވެ. ފާއިތުވި މާޒީގައި އަހަންނާއިމެދު އީތަން އަމަލްކޮށްފައިވާ ހަރުކަށިކަމާއި، ރަހުމުކުޑަ އަމަލުތައް އަހަރެންގެ ލޮލުގެ ކުރިމަތީގައި ސިފަކުރުވާން ސިކުނޑި ދިޔައީ މަސައްކަތްކުރަމުންނެވެ. ނަމަވެސް އަހަރެންގެ މޫނުގެ ދެފަރާތުން އީތަން ހިފަހަށްޓާލާފައިވާ ދެއަތް ނައްޓުވާލުމުގެ ބަދަލުގައި އެކަމަށްވެސް އަހަރެންގެ ހިތް ދިނީ އެއްބާރުލުމެވެ. ގޮތް ހުސްވުމުން، ސިކުނޑީގެ އިންޒާރުތައް ހުއްޓާލި އެވެ. ހަމައެވަގުތު ކަންފަތުގައި ގުގުމާލީ ރޭގައި އިކާންއާއި ކާމިލްއަށް އަހަރެންވީ ވައުދެވެ.
"އިން ޝާ ﷲ އީތަންއާއި އަހަރެންނާއި ދެމެދުގައި ދުރުކަން ދަމަހައްޓާނަން.. ކުރިއެކޭ އެއްގޮތަށް ގާތްވިޔަކަ ނުދޭނަން.."
ހިނގަމުންމިދަނީ އިންތިހާ ބޮޑު ގޯހެއްކަން އިހްސާސްވެއްޖެ އެވެ. މިއީ ކަންވެގެން ވާނެ ގޮތެއް ނޫނެވެ. މިއީ ނުރައްކަލުގެ ރަނގަބީލެކެވެ. މިއީ ފާޅުގައި އިކާންއާއި ކާމިލްއަށް ވެވުނު ބޭވަފާތެރިކަމެކެވެ.
ނަމަވެސް ބައެއް ލިޔުންތެރިންގެ ލިޔުންތަކުން އަހަރެން ކިޔަމެވެ. ނުރައްކަލެއް ނުވަތަ ގޯހެއް ހެދުމުން، އެއއީ ނުރައްކަލެއްކަން ނުވަތަ ގޯހެއްކަން ތިބާއަށް އިހްސާސްނުވަންޏާއި އެއީ ގޯހަކަށް ނުވާނެ އެވެ. އެއީ ބޭވަފާތެރި ވުމެއްވެސް ނޫނެވެ. އެކަންކަން ކުރެވެނީ އެކަމަށް އަހަރުމެންގެ ހިތް އެދޭތީ އެވެ. އަދި އެ އަމަލުތަކުން ތަސައްލީއާއި އަރާމު ލިބޭތީ އެވެ. މޮޅު ލިޔުންތެރިންގެ މި ހިޔާލުގައި ބުރަދަނެއް ނެތީހެއްޔެވެ؟ އެކަން އޮންނަނީ އެހެނެއް ނޫންބާ އެވެ؟
ކުރިމަތިވި ސުވާލާއެކު ފާހަގަކުރެވުނީ މުޅިންއައު ހަރަކާތެކެވެ. އަހަރެންގެ މުޅި ހަށިގަނޑުގައި ބީހުނު އީތަންގެ އަތުގެ ހަރަކާތެއް ނެތެވެ. އޭނާގެ މަސައްކަތް ނިންމާލުމަށްފަހު، ނޭވާ ހަމަޔަކަށް އެޅެންދެން، އަހަރުމެން ދެމީހުންގެ ނިއްކުރި ޖައްސާލައިގެން، ހިމޭން ވަގުތުކޮޅެއް ހޭދަކުރުމަކީ އަހަރުމެން މި 'ގުޅުމުގެ' އާދައެކެވެ. ނަމަވެސް މިވަގުތު އެ ކަމެއްވެސް ނެތެވެ. އަހަރެންގެ ގައިން އީތަން ދޫކޮށްލައިފި އެވެ. އޭނާގެ ކަރުހިއްކުން ފިލުމުން އަހަންނާއި ދުރަށްވެސް ޖެހިއްޖެ އެވެ. ކުރެވުނު ޝައްކުގެ ބިރުވެރިކަމުގައި ދެ ލޯ ހުޅުވާލީމެވެ. ފެނުނީ ބިރުވެރި ހުވަފެނެކެވެ.
ސުބުހާނައްﷲ އެވެ. މަލާމާތުގެ ގޮތަކަށް އެއްމިޔަކަނުން ހިނިއައިސްފައި އިން އީތަންއަށް ބަލައިލެވުމާއެކު، އަހަރެންގެ ދެ ލޮލުގެ ވިދުން ފަނޑުކޮށްލި އެވެ. މަލާމާތާއި ކާމިޔާބުގެ މަކަރުވެރި ހިންޏަކުން ހިނިއައިސްފައި އީތަން ބަލަހައްޓައިގެންއިނީ ބެލްކަނީގެ ދޮރާއި ދިމާއަށެވެ. ހަމަ އެ މިސްރާބަށް ކަނދުރާ އަނބުރާލާފައި، އަހަރެން ބަލައިލީމެވެ. ފެނުނީ ދުވަހަކުވެސް ދެކެން ބޭނުންވި މަންޒަރެއއް ނޫނެވެ. އީތަންގެ އުނގުން ފުންމައިގެން ތެދުވެވުނީ ކިހިނެއް ކަމެއްވެސް ނޭގެ އެވެ. މުޅި ހަށިގަނޑަށް ފާޑެއްގެ ފިނިގަނޑެއް އެރިހެންވެސް ހީވި އެވެ. ކަންފަތުން ހޫނު އާވި ނިކުތެވެ. ދެ ލޯ ކަރުނުން ފުރުނީ ފަޅިސިކުންތެއްގެ ތެރޭގަ އެވެ. ނުބައި ހީލަތްތެރި ހިންޏެއް އައިސްފައި އީތަން އިނީ އޭނާއަށް ލިބުނު ކާމިޔާބުގަ އެވެ.
ބުނާނެ އެއްޗެއް ނޭގުނެވެ. ހަދާނެ ގޮތެއް ނޭގުނެވެ. އަހަރެންގެ ކުރިމަތީގައި ރުޅިއައިސް ރަތްވެ، ފުފިފައި ތިބި ދެ ފިރިހެނުންނާއި ހަތަރުކަޅި ހަމަކުރާނެ ގޮތެއްވެސް ނޭގުނެވެ. ދެފައިގެ އިނގިލިތަކަށްވުރެން ޝައުގުވެރި އެއްޗެއް މި ވުޖޫދުގައިވެސް ނުވާ ފަދައިން އަހަރެންގެ ދެ ލޯ ތަތްވެފައިވަނީ ދެފަޔަށެވެ. ކުރިމަތީގައި ތިބި ދެމީހުންގެ ލޮލުން އަލިފާންކަނި ބުރަ އެވެ.
މާހައުލަށް ބަދަލެއް އައިހެން ހީވެގެން މަޑުމަޑުން އިސް އުފުލާލީމެވެ.
"އިކާން... ކާމިލް......" އަހަރެންގެ އަޑު އެއިން މީހަކަށް ނުވެސް އިވޭނެ އެވެ.
ލިބެން އޮތް ހުރިހާ ގެއްލުމެއް މިއޮތީ ލިބި ނިމިފަ އެވެ. ވީ ވައުދާއި، އަމިއްލަ ނަފުސުގެ އިތުބާރާއި، ހިތްވަރާއި އަޒުމު ފުނޑުފުނޑުވެ ވެއްޔަށްވެގެން މިދިޔައީ ހިނދުކޮޅެއްގެ ތެރޭގަ އެވެ.
މޫނުގައި ދެއަތް އަޅައި ބާރުކޮށްލެވުނެވެ. އައްސިވަމުންދިޔަ ބޮލުގެ ރިހުން މައިތިރިކުރެވޭނެކަމުގެ އުއްމީދެއް ނެތެވެ. އަމިއްލައަށް އާރާސްތުކުރި ބިނާ، ފުނޑުފުނޑުކޮށްލީ އަމިއްލަ ދެއަތުންނެވެ. ފުން ނޭވާތަކެއް ލީމެވެ. ހަގީގަތާއި ފިލުމަކީ ރިދީ އއިމާދުގެ ތަބީއަތުގައި ލައްވާފައިވާ ކަމަކަށް ނުވާތީ، ހާލަތާއި ކުރިމަތިލީމެވެ. ހީލަތްތެރިކަމާއެކު އެއްމިޔަކަނުން ހިނިއައިސްފައި އިން، މޮންސްޓަރ އަށް އަހަރެން ބަލައިލީމެވެ. ދުނިޔޭގައި ނެތްވަރުގެ މޮޔައަކަށް އަހަރެން ވީ ކޮންއިރަކު ބާއެވެ؟ ކުރިމަތީގައި ހިމޭނުން އިން ހިޔޔަޅު އިންސާނާ ޖަހާ ކޮންމެ މަޅިއެއްގައި އަހަރެން ބެދެނީ ހޭބަލިވެގެން ހެއްޔެވެ؟
އޭރު އީތަން އެދިޔައީ ދޮރު ހުޅުވާށެވެ. ގޭގެ ބެލްޖެހި އަޑު ނުވަތަ ޓަކިޖެހި އަޑުވެސް ނީވުނީ އަހަންނަށެވެ. މިހުރިހައި ޑްރާމާއެއް ކުޅެ، އޭނާގެ އަނދަވަޅުގައި އަހަރެން އެ ގެންގުޅުނީ ގަސްތުގަ އެވެ. އިކާންއާއި ކާމިލްއަށް، އީތަންގެ ކާމިޔާބު ސްކްރިޕްޓޓްގެ ޑެމޯ ދައްކާލުމަށެވެ.
އީތަންއަކީ ހަގީގީ މޮންސްޓަރއެކެވެ!
އަހަރެންގެ ހަށީގައި އަނދަމުންދިޔަ ހުޅުގަނޑުން އަހަރެންގެ ނަފުސު، ޒަހަމްކުރަމުންދިޔަ އެވެ. ރުޅިގަދަވެ ސިކުނޑި ފަޅައިގެންދާން އުޅޭހެން ހީވަނީ އެވެ. ދެއަތުގެ އިނގިލިތައް ވަށްކޮށްފައި ގޮއްމުށްކަވާލެވުނެވެ. ދެ ލޯ މަރާފައި ނޭވާލެވޭތޯ މަސައްކަތްކުރީމެވެ. ލިބުނު ހިތްވަރުގައި ގައިހުރި ބާރެއްލާފައި އިތަންގެ އަނގަމަތީގައި ޖެހީމެވެ.
އާއެކެވެ. 'އައި ޕަންޗްޑް ހިމް'! އަމިއްލަ ސިކުނޑިއަށް ތަސައްލީއަކަށް ބުނެލީމެވެ.
އިންޒާރަކާއި ނުލައި އަހަރެން ދިން ހަމަލާއިން އީތަން ދިޔައި ސިއްސައިގެންނެވެ. ތިރީ ތުންފަތުން ހޯސްލާފައި ލޭ އަންނަން ފަށައިފި އެވެ. ދެ ލޯ ރަތްވެ އަނގުރުއަލިފާނެކޭ އެއްފަދަ އެވެ. އެ ބިރުވެރި ބަލައިލުމުން އަހަންނަށް އަސަރެއް ނުކުރިކަން އީތަންއަށް އިނގޭނެ އެވެ.
"މޮންސްޓަރ" އަޑުގެ ނެތްތަނަށް އަހަރެން ހަޅޭއްލަވައިގަތީމެވެ.
ދެލޮލުން ހޯސްލާފައި ހޫނު އާވި ފައިބަން ފަށައިފި އެވެ. އަތުގެ ނުފުށުން އޭނާގެ އަނގަމަތި ފޮހެލި އެވެ. ކކުރިން ހުރި ހީލަތްތެރި ހިނިތުންވުން އަނެއްކާވެސް އެމޫނުން ފެންނާން ފަށައިފި އެވެ.
"ރޯންގް ސްޓެޕް ޕްރިންސެސް، ދިސް މޮންސްޓަރ ވިލް ޑިސްޓްރޮއި ޔޫ..!" އަޑަށް ބާރުލާފައި އީތަން އިންޒާރުކުރި އެވެ.
ހިމޭންކަމާއެކު އީތަން ދިން އިންޒާރުގެ ސަބަބުން އަހަރެންގެ ގައިން ހީބިހި ނަގުވާލި އެވެ. އެނބުރި ދިޔައީ ފަސްއެނބުރި ބަލައިވެސް ނުލަ އެވެ.
އޮހޮރެމުންދިޔަ ކަރުނަތަކާއެކު ހުރި ފިޔަވަޅުމައްޗަށް ވެއްޓިގަނެވުނީ އަހަރެންގެ މޮޔަކަމާއި ބަލިކަށިކަން ހިތަށް އަރާފަ އެވެ. އަހަރެންގެ އަމާން ކުޑަކުޑަ ދުނިޔޭގައި ހުޅު މިޖެހީ އަހަރެންގެ އަމިއްލަ އަތުންނެވެ. އެ ހުޅުގަނޑަށް ޕެޓްރޯލްއަޅައި އަލިފާންގަނޑު ވަރުގަދަކުރީވެސް އަހަރެންގެ އަމިއްލަ އިހްތިޔާރުގަ އެވެ. އެކަން ބަދަލުކުރާން، ނުވަތަ އަލިފާން ކޮންޓްރޯލްކުރުމާއި ހުޅުގަނޑު ނިވާލުމުގެ އެއްވެސް އިހްތިޔާރެއް އަހަރެންގެ އަމިއްލަ ކޮންޓްރޯލްގައި ނެތެވެ.
އަހަރެންގެ ލޯތްބާއި އަހަރެންގެ ދުނިޔެ ވީރާނާކުރީ އަހަރެންގެ ދެއަތުންނެވެ!
................
'އީތަން'، މި ދުނިޔޭގައި އަހަރެން ހަމައެކަނި ލޯބިވި މީހަކީ އެއީ އެވެ. އަހަރެންގެ ލޯބި އަހަންނަށް ބޭވަފާތތެރިވީ، ދުވަހަކުވެސް އިންސާނަކު ހިތަށްވެސް ނާރާފަދަ އިހާނެތި ގޮތަކަށެވެ. އަހަރެންގެ ލޯތްބަކީ ޝަރުތެއް ނެތް، ސާފު ޖަޒްބާތެކެވެ. ލޯބީގައި ކުރެވުނު އުއްމީދަކީ އަހަންނަށް މިދުނިޔޭގައި ލިބުނު އެންމެ ބޮޑު އެއް ހަދިޔާ އެވެ. އަހަންނަކީ 'ފޮރެވަރ' ގަބޫކުރާ މަދު މީހުންގެ ތެރެއިން ބަދުނަސީބު މީހަކީމެވެ. ލިބުނު ލޮބުވެތި ހަނދާންތަކާއި ކުރެވުނު ހިތްގައިމު އިހްސާސްތައް އޭނާގެ އަނިޔާވެރިކަމާއެކު ކަފުންކުރެވިއްޖެ އެވެ. އަނދިރި ރޭތަކުގައި ހަނދުގެ ހަނދުވަރު އަލީގައި ލިބިދިން އުފާތަކާއި، އަހަންނަށްޓަކައި ބަދިގެއަށްވަދެ، ގޫގުލް ބަލައިގެން ކެއްކި 'އެކްސްޕެރިމެންޓް ޑިޝް'ތަކާއި ބަލިވުމުން ލިބުނު އޯގާތެރިކަމާއި އަޅާލުމާއި ހަމްދަރްދީއަކީ ކޯންޗެއްބާ އެވެ؟ އެތައް ރެއަކު ތަރިތަކާއި ހަނދު ހެކިކޮށް ވެވުނު ވައުދުތަކާއި ހުވަޔާ އަހުދުތަކަކީ ހަގީގަތެއްބާ އެވެ؟ އިޝްގުގެ ބީހުންތަކާއި ލޯތްބާއި އިހްސާސްކުރެވުނު ފިރުމުންތަކާއި ބަދަލުކކުރެވުނު 'ގާތްކަން'އެއީ ހުވަފެނެއްބާ އެވެ؟ އެކަކު އަނެކަކު އަތުތެރޭގައި ހޭދަކުރެވުނު ވަގުތުތަކާއި ލޯބިކަމަށް އިހްސާސްވި ޖަޒްބާތުތަކަކީ ހޭލާހުއްޓައި ފެނުނު ރީތި ހުވަފެންތަކެއްބާ އެވެ؟ ނޫނެކެވެ! އެއީ އަހަރެންގެ ހަޔާތުގައި އިހްސާސްކުރި ސާފު ތޯހިރު ލޯތްބެވެ. އެއީ ޝަރުތެއް ނެތް ހަގީގަތެކެވެ. މަޖުބޫރުކަމެއް ނެތް ގުޅުމެކެވެ. އީތަންގެ ގޮތެއް ނޭގެ އެވެ. އަހަންނަށްޓަކައި މިދުނިޔޭގައި ލެއްވި އެންމެ ލޮބުވެތި އިހްސާސުން ލިބުނު ރީތި ފުން ހަނދާންތަކެކެވެ.
..................
ފަސް ދުވަސް ފާއިތުވީ އެވެ.
އާއެކެވެ. އަހަރެންގެ ގޭގައި އެދުވަހު ހިނގާދިޔަ ނުރައްކާތެރި، ދަށުދަރަޖައިގެ ހާދިސާއަށް ފަސް ދުވަސްވީ އެވެ. އަހަރެންނާއި އީތަން 'ކި*' ކުރަނިކޮށް ކާމިލްއާއި އިކާންއަށް ފެނުނުފަހުން ފަސް ދުވަސް ފާއިތުވީ އެވެ. އަހަރެންގެ ހަޔާތް ބަރުބާދުކޮށްލާނެކަމަށް އީތަން މުހައްމަދު މަނިކު އިންޒާރު ދިންފަހުން، ފަސް ދުވަސް ފާއިތުވީ އެވެ. ދުނިޔޭގެ ލޯތަކަށް ފިލައިގެން އަހަރެންގެ ގޭގައި ބަންދުވެގެން މިހެން އިންނަތާ ފަސް ދުވަސް މާޒީވީ އެވެ. އަހަރެންގެ ފޯނު ނިވާލައިގެން، ކިތަންމެ ވަރަކަށް ބެލް އެޅިޔަސް، ދޮރު ފަޅައިގެންދާވަރަށް ދޮރުގައި ތެޅިޔަސް، ދޮރު ނުހުޅުވާ މިހެން އިންނަތާ ފަސްދުވަސްވީ އެވެ. ދުލުން އެންމެ ބަހެއްވެސް ބޭރުނުކޮށް، އޮއްޓަރުހުރި އެންމެ އެއްޗެއްވެސް އަރުތެރެއަށް ނުލައި، ކިރިޔާ ދިރިހުރެވޭވަރަށް ފެން ފޮދެއް ބޮއެގެން މިހެން މި އިންނަނީ ކޮން އުއްމީދެއް އޮތީމައި ހެއްޔެވެ؟ އޮފީސް ދަބަހުގައި ގެންގުޅޭ ފެންފުޅިން ފަސްދުވަހު ފެން ބޮއެފައި އަދިވެސް ބާކީ އެފުޅީގައި ހުރުމުން، ފާއިތުވި ފަސްދުވަހު ފެންބޮވުނު އަދަދު ހާމަވޭ އެވެ. ދޮރުގައި ތަޅަނީ ކާކު؟ ކޮންބައެއްކަން ނޭގުނަސް، އީތަން ނާންނަކަން ޔަގީނެވެ.
އަހަރެންގެ ގެއަށް އޭނާ ބޭނުންވަގުތަކު ވަންނަ ގޮތެއް ނޭގެ އެވެ. ނަމަވެސް ބޭނުންވެއްޖެ ކޮންމެ ވަގުތެއްގައި ވަންނަކަން އެއީ ހަގީގަތެކެވެ. ފާއިތުވި ފަސްދުވަހު އަހަރެންގެ ގެއަށް 'ފުރޭތަ'ނާރަނީ ކީއްވެކަމާމެދު އުފައްދާނެ ސުވާލެއް ނެތެވެ. މިވަގުތަށް ހިތް ފުރުނީ އެވެ. ނުވަތަ އޭނާގެ މަގުސަދު ހާސިލްވީ އެވެ. ކުދިކުދިވެފައިވާ ހިތުގެ އެތިކޮޅުތައް ގުޅުވާނުލެވޭވަރަށް މިހިތް ފުނޑުފުނޑުކޮށްފި އެވެ.
އަހަރެންގެ ހިއްސުތަކުގައި ވިންދެއް ހުރިކަމުގެ އިހްސާސްކުރެވުނެވެ. ކަންފަތުގައި ގުގުމާލީ މީގެ ފަސްދުވަސްކުރީން އަހަރެން ކީ ލަވައިގެ ތަންކޮޅެކެވެ.
މަޖުބޫރު ހިތުގެ ހިޔާލުގާ
މަޖުނޫނު ފަދައިން ވޭނުގާ..
މަޖުނޫނު ފަދައިން ވޭނުގާ
މެހެބޫބު ދެއްވި އަޒާބުގާ
މަރު ނޫން އެހެން އަސަރެއް ނެތޭ..
ނޫނެކެވެ. މިއީ ނިމުމެއް ނޫނެވެ. މިއީ ފެށުމެކެވެ. އަހަރެން ކޮޅަށް ތެދުވާނަމެވެ. ބައްޕަގެ ރިދީއަކީ ހިތްވަރުގަދަ ކުއްޖެކެވެ. ބައްޕަގެ ހައްގުގައިވެސް ދުނިޔެއާއި ކުރިމަތިލާނަމެވެ. މިއީ އަމިއްލަ ނަފުސުގެ ހައްގުގައި ވެވޭ ވައުދެކެވެ.
ފާރުގައި ހިފަހަށްޓަމުން އަހަރެން ފިޔަވަޅުނެގީ ނުހަނު ފަރުވާތެރިކަމާއެކު އެވެ. އަޅަމުންދިޔަ ވޭނުގައި މޫނުމައްޗަށް އަނދިރިވެ، ހަށިގަނޑު ބިންމަތީގައި ދެމިފައި އޮތަސް، އެހެންމީހެއްގެ އެހީތެރިކަމެއް މިވަގުތަކު ނުލިބޭނެ އެވެ.
އުނދަގުލުން ފާހާނާއަށް ވަނީމެވެ. ހިއްސުތަކަށް ދިރުން ލިބޭވަރަށް ފެންވެރީމެވެ. ދިރިއުޅުމަށް ދެވަނަ ފުރުސަތެއް ދޭން އަހަރެން ނިންމީ އިހުނަށްވުރެން ގަދަ ހިއްވަރާއި އަޒުމާއެކު އެވެ.
އަހަރެންގެ ދިރިއުޅުމުގައި މިއަށްވުރެން ވަކި ނިކަމެތި ހާލަތެއް ދެން ނާންނާނެ އެވެ. ވާނެ ހުރިހާ ގޯހެއް މިއޮތީވެފަ އެވެ. މިއަދުން ފެށިގެން މިހާލަތު ބަދަލުކުރާނީ އަހަރެންނެވެ. އަހަރެންގެ ދިރިހުރުމާއި ދިރިއުޅުމާއި ދެމެދަށް ބާރުފޯރުވޭނެ އިތުރު އިންސާނަކު ދެން ނުހުންނާނެ އެވެ. މިއީ އަހަރެންގެ ނިންމުމެވެ. ފަސް ދުވަސް ފަހުން ފެންވަރައިގެން މި ނިކުތީ އަޒުމެއްގަ އެވެ. ދިރިއުޅުން ވިއްސިވިހާލިވެ ނިމިއްޖެ އެވެ. މި ތެދުވީ ދިރިއުޅުމައިގެން ކުރިއަށްގޮސް، ކާމިޔާބުކުރުމުގެ އަޒުމުގަ އެވެ.
..................
ބުނަން ނޭގޭ ބާރަކުން އަހަރެންގެ ސިކުނޑީގައި ހިޔާލެއް އާލާކުރަން ފަށައިފި އެވެ. ދިރިއުޅުމުގައި މި ހުރެވުނު ފިޔަވަޅުމަތިން ހުރަސްކުރުމުގެ ކުރީން، އީތަން މުހައްމަދު މަނިކުގެ އޮފީހަށް ގޮސް، ބޮލުގެ އިސްތަށިގަނޑުގައި ހިފާފައި ފާރެއްގައި ނުވަތަ އޭނާގެ މޭޒުމަތީގައި ތަޅާތަޅާ ލޭ އަންނަވަރުވުމުން އޭނާއާއި ސުވާލެއް ކުރަން ސިކުނޑި މަޖުބޫރުކުރަނީ އެވެ.
އަހަރެންގެ އިހްސާސްތަކާއި ކުޅެ، މިހެން ހެދީ ކީއްވެތޯ ސުވާލުކުރާން ވަރަށް ބޭނުމެވެ. ހިތަށް އެރުމުން ގާތްކޮށްފައި، ބޭނުންވުމުން ދުރުކުރަނީ ދުޝްމިނަކާއި މެދުގައިވެސް މީހަކު އަމަލުނުކުރާނެ ފަދަގޮތަކަށެވެ. ގަސްތުގައި އަހަރެން، އޭނާއަށް ނަފުރރަތުކުރުވަން މިފަދަ އަނިޔާތައް ދެނީ ކީއްވެތޯ ސުވާލުކޮށް، އޭގެ ޖަވާބުތައްވެސް ބޭނުމެވެ.
އަހަރެންގެ ހިތަކީ ބަލިކަށި ހިތަކަށް ވެދާނެ އެވެ. ނަމަވެސް ސިކުނޑީގެ ވިސްނުމާއި ފިކުރު އަބަދުވެސް އަހަންނަށް ހެޔޮގޮތާއި ތެދުމަގު ދައްކަ އެވެ. ސިކުނޑީގެ ބަސް ނޭހުނީ އަހަރެންގެ މޮޔަކަމުންނެވެ.
ފަސްދުވަހު، ނުކައި ނުބޮއި އިނުމުން އަހަންނެކޭ ޒޮންބީއެކޭ ތަފާތެއް ނެތެވެ. (ނުނިމޭ)