ads
ކުކުޅު
ޖަނަވާރުން ބަލި ފެތުރޭ ނަމަ 1 މިލިއަން ރުފިޔާގެ ޖޫރިމަނާ ކުރެވޭ ބިލެއް
ޖަނަވާރުން ބަލި ފެތުރޭ ނަމަ 1 މިލިއަން ރުފިޔާގެ ޖޫރިމަނާ ކުރެވޭ ބިލެއް މަޖިލީހަށް ހުށަހަޅައިފި އެވެ.
Advertisement

މި ބިލަކީ ސަރުކާރުން ހުށަހެޅި "ޖަނަވާރު ގެންގުޅުމާއި ޖަނަވާރުންގެ ރައްކާތެރިކަމުގެ ބިލު" އެވެ.

ސަރުކާރުގެ ފަރާތުން ހިންނަވަރު ދާއިރާގެ މެންބަރު މުހައްމަދު އަބްދުއްރަހުމާން ހުށަހެޅުއްވި މި ބިލުގައި، ޖަނަވާރުގެ ޒަރީއާއިން ބައްޔެއް ފެތުރޭފަދަ އަމަލެއް ކޮށްފިނަމަ 10,000 ރުފިޔާއާއި 1,000,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭގޮތަށް ކަނޑައަޅާފައިވެއެވެ. އަދި ޖަނަވާރަކަށް އަނިޔާއެއް ދީފިނަމަ ކުޑަ ބޮޑު މިނަށް ބެލުމަށްފަހު 5,000 ރުފިޔާއާއި 50,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން، ބިލުގެ ދަށުން ގާނޫނާ ހިލާފަށް ރާއްޖެއަށް ޖަނަވާރު އެތެރެކޮށް ނުވަތަ ރާއްޖެއިން ބޭރުކޮށްފިނަމަ 5,000 ރުފިޔާއާއި 500,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ގާނޫނާ ހިލާފަށް ޖަނަވާރު ވިއްސައި އާލާކޮށް، ގާނޫނާ ހިލާފަށް ޖަނަވާރު ގެންގުޅެ، ސާމްޕަލް އޮޅުވާލައި، ނުވަތަ ޖަނަވާރު ގެންގުޅެންޖެހޭ މިންގަނޑުތަކާ ހިލާފު އަމަލުތައް ކޮށްފިނަމަ 10,000 ރުފިޔާއާއި 100,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، ގާނޫނު ތަންފީޒުކުރާ މައި އިދާރާއަކީ އެނިމަލް ވެލްފެއާ މިނިސްޓްރީއެވެ. މީގެކުރިން ނުރައްކާތެރި ޖަނަވާރު ރާއްޖެ އެތެރެކުރެވެނީ ޑިފެންސް މިނިސްޓްރީގެ ހާއްސަ ހުއްދައެއް ނަގައިގެންނެވެ. ނަމަވެސް މި ބިލުގެ ދަށުން އެ ބާރު ލިބިގެންދަނީ އެނިމަލް ވެލްފެއާ މިނިސްޓްރީއަށެވެ. މީގެ އިތުރުން، ރާއްޖެއަށް ޖަނަވާރު އެތެރެކުރުމުގެ އަސާސީ ޝަރުތުތަކުގެ ތެރޭގައި، އެ ޖަނަވާރަކީ ރާއްޖެއަށް އެތެރެކުރުން މަނާކޮށްފައިވާ ޖަނަވާރަކަށް ނުވުމާއި، އިމްޕޯޓުކުރަން ހުއްދަކުރާ ބޭނުމަކަށް އެތެރެކުރުން ހިމެނެއެވެ.

މިއަދުގެ މަޖިލިސް ޖަލްސާގައި މި ބިލުގެ ފުރަތަމަ ކިޔުން ވަނީ އިއްވާފައެވެ. ބިލު މަޖިލީހުގެ ތަޅުމުން ފާސްވެ ގާނޫނަކަށް ވުމުން، ޖަނަވާރަށް އަނިޔާކުރުމާއި ބަލި ފެތުރުމުގެ މައްސަލަތަކަށް ކަނޑައަޅާފައިވާ އަދަބުތަކާ އެކު ތަންފީޒީ މަރުހަލާއަށް ދާނެކަމަށް ބެލެވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް