ads
އައްބާސް
އައްބާސްގެ ކަންބޮޑުވުން: ޖަނަވާރުންނަށް އަޅާލާވަރަށް އިންސާނުންނަށް އަޅާނުލާ
ރާއްޖޭގައި ދިރިއުޅޭ ޖަނަވާރުންނަށް އަޅާލާ ފަދައިން އިންސާނުންނަށް ވެސް އަޅާލަންޖެހޭނެ ކަމަށް ބުނެ، ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް މިއަދު މަޖިލީހުގައި ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
Advertisement

މިއަދު މަޖިލިސް ޖަލްސާގައި ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ބިލުގެ ބަހުސް ކުރިއަށްދިޔައިރު އައްބާސް ފާޅުކުރެއްވި ކަންބޮޑުވުންތައް ރައްދުވަނީ ރައްޔިތުންނާ މެދު އިހުމާލުވާ ފަރާތްތަކަށެވެ.

އައްބާސް ވިދާޅުވީ، ޖަނަވާރުންނަށް ރަނގަޅު ސިއްހީ ފަރުވާއާއި ރަނގަޅު ކާނާ ދީ، ޖަނަވާރުން ގެންގުޅޭނެ ތަންތަން ގާއިމުކުރަން ނިންމާއިރު، އޭނާ ނިސްބަތްވާ ދާއިރާގެ ރައްޔިތުން ދިރިއުޅޭނީ ވަރަށް ދަތި ހާލުގައި ކަމަށެވެ. އެގޮތުން ޅޮހީ ރައްޔިތުން ނަޖިސް ފެނުން ފެންވަރަމުންދާތީ، މިއީ ކިހާ ބޮޑު އަނިޔާއެއްތޯ ސުވާލު އުފެއްދެވިއެވެ. ޅޮހީގައި ފެނާއި ނަރުދަމާގެ 85 ޕަސަންޓު މަސައްކަތް ނިމިފައި އޮންނަތާ ހަ އަހަރުވެގެން ދިޔަ ނަމަވެސް، އެ ރައްޔިތުންނަށް ވަމުންދާ އިހުމާލުގައި ޖޫރިމަނާވީ ކާކުތޯ އައްބާސް ސުވާލު އުފެއްދެވިއެވެ.

އައްބާސް ވިދާޅުވި ގޮތުގައި "ޖަނަވާރުންނަށް އިހުމާލުވުމުން ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރާ އިރު، ރައްޔިތުންނަށް ވާ އިހުމާލުގައި އެއްވެސް ފަރާތެއް ޖޫރިމަނާ ނުވަނީ ކީއްވެގެންތޯ؟،" ސުވާލުކުރެއްވިއެވެ. އިންސާނުންނާ ދޭތެރޭ ގޯސްކޮށް ކަންތައް ކުރެވުނީމާ ވެސް ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރެވެންވާނެ ކަމަށް އައްބާސް ގަބޫލުކުރައްވައެވެ.

ސަރުކާރުގެ ފަރާތުން ހުށަހެޅިފައިވާ ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ބިލުގައި، ގާނޫނާ ހިލާފުވެއްޖެ ހާލަތުގައި ހަރުކަށި ފިޔަވަޅުތަކެއް ކަނޑައަޅާފައިވެއެވެ. މީގެ ތެރޭގައި ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރުމާއި، ޖަނަވާރުގެ ޒަރީއާއިން ބައްޔެއް ފެތުރިއްޖެނަމަ މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދަކުން ޖޫރިމަނާކުރުން ހިމެނެއެވެ. މި ބިލު މިހާރު މަޖިލިސް ކޮމިޓީގައި އިތުރަށް ދިރާސާކުރުމަށް ފަންނީ މާހިރުންގެ ލަފާ ހޯދުމަށް ވެސް މަޖިލިސް މެންބަރުން އެދިވަޑައިގެންފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް