
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިކަން އަންގާރަ ދުވަހުގެ ޖަލްސާގައި އިއުލާންކުރައްވަމުން ވިދާޅުވީ، މަޖިލީހުގެ ޖަލްސާތައް ވަގުތުން ދައްކާއިރު ތަޅުމުން މަދު މެންބަރުންތަކެއް ފެނުމުން، މެންބަރުން ހާޒިރުނުވެ މުސާރަ ނަގާކަމަށް ބެލުންތެރިންނަށް ހީވެދާނެކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ކުރިއަށްދާގޮތް ރައްޔިތުންނަށް ހާމަވެފައި އޮތުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށާއި، އަދި އެކަން ހާމަކުރުމަކީ މަޖިލީހުގެ ރިޔާސަތުގައި އިންނަވާ ބޭފުޅެއްގެ ޒިންމާއެއް ކަމަށް ވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. މީގެ ކުރިން މަޖިލީހުގެ ޖަލްސާ ފެށުމުގެގޮތުން ހަމައެކަނި އެ ދުވަހެއްގެ އެޖެންޑާ އިއުލާންކުރަމުން ގެންދިޔަނަމަވެސް، އަންގާރަ ދުވަހުން ފެށިގެން މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ވެސް ޖަލްސާތަކުގައި ހާމަކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސް ވިދާޅުވިގޮތުގައި، ބިލުތައް ދިރާސާކުރުމުގައި ކޮމިޓީތަކުން ވަރަށް ބުރަ މަސައްކަތްތަކެއް ކުރަންޖެހެއެވެ. ބިލަކާ ގުޅިގެން ދިރާސާކުރަންޖެހޭ ކަންކަން ދިރާސާކޮށް، މައުލޫމާތު ހޯދަންޖެހޭ ފަރާތްތައް ހާޒިރުކޮށް، ސަރުކާރު މުއައްސަސާތަކުން މައުލޫމާތު ހޯދުންފަދަ މަސައްކަތްތައް ކުރުމަށްފަހު އެއީ ބިލު ކޮމިޓީ މަރުހަލާ ނިމިގެން ތަޅުމަށް އަންނަކަމަށް ވެސް ވިދާޅުވިއެވެ. މި މަސައްކަތްތަކަށް ގިނަ ވަގުތު ހޭދަވާއިރު، މި ވަގުތުތަކުގައިވެސް މެންބަރުން އެބޭފުޅުންގެ މަސްއޫލިއްޔަތު އަދާކުރަމުންދާކަން ރައްޔިތުންނަށް އަންގައިދިނުމަކީ މުހިންމު ކަމެއްކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ރޯދަ މަހުގެ ހެޔޮކަމާއި ފައިދާ ފުރިހަމަ ގޮތުގައި ހޯއްދެވުމަށް މަޖިލީހުގެ މެންބަރުންނަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.