
ގައްބަރޭއަކީ އެ ޕާޓީގެ މައްޗަންގޮޅި ދެކުނު ދާއިރާގެ ރައީސްއެވެ. އޭނާއަކީ 2023 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރަށް ހަމަލާދިން މައްސަލައިގައި ހައްޔަރުކޮށް، ފަހުން ދައުވާ ވެސް ކޮށްފައިވާ މީހެކެވެ.
ގައްބަރޭއާއެކު އެމްޑީޕީގެ މައްޗަންގޮޅި މެދު ދާއިރާގެ ރައީސް އަހުމަދު ޝަޒީން ވެސް ހައްޔަރުކުރިއެވެ. ގައްބަރޭއާއި ޝަޒީން ދޫކޮށްލުމަށް އެމްޑީޕީން ސޯޝަލް މީޑިއާގައި ގޮވާލަމުން ދެއެވެ.
ހުކުރު ދުވަހުގެ ރެއިން ފެށިގެން އެމްޑީޕީން ސިލްސިލާ މުޒާހަރާތަކެއްކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. މި މުޒާހަރާތަކުގައި އެމްޑީޕީން ގޮވާލަމުން ދަނީ ސަރުކާރުން ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވާ ކަމަށް ބުނާ އަމަލުތައް ހުއްޓުވުމަށެވެ. މީގެއިތުރުން އެމްޑީޕީގެ ވެރިކަމުގައި ފެށި ގެދޮރުވެރިޔާ ސްކީމުން ފުލެޓު ލިބޭ މީހުންގެ ލިސްޓު މި ސަރުކާރުން މުރާޖާކުރި ގޮތާމެދު ކަންބޮޑުވުންތައް ވެސް ފާޅުކުރަމުންނެވެ.
ރޭގެ މުޒާހަރާގައި ފުލުހުން ގައްބަރޭ ހައްޔަރުކުރީ މުޒާހަރާގެ ބައިވެރިން ފުލުހުން ޖަހާފައި ހުރި ބެރިކޭޑުތައް ހުރަސްކޮށް ކުރިއަށް ދިއުމަށް މަސައްކަތްކުރި ވަގުތުގައެވެ. އެ ވަގުތު ފުލުހުންނާއި މުޒާހަރާކުރަން ތިބި މީހުންނާ ދެމެދު ކުރިމަތިލުމެއް ހިނގައި، ފުލުހުން ބައެއް މީހުން ބިންމައްޗަށް ވައްޓާލިކަމަށް އެމްޑީޕީން ތުހުމަތުކޮށްފައިވެއެވެ.