
އެމްއެމްއޭ އިން އާންމުކުރި ހިސާބުތަކަށް ބަލާއިރު، ޖެނުއަރީ މަހު ޔޫޒަބަލް ރިޒާވް ހުރީ 116 މިލިއަން ޑޮލަރުގައި ކަމަށާއި ފެބްރުއަރީ ނިމުނު އިރު މިއަދަދު 179 މިލިއަން ޑޮލަރަށް އަރާފައިވާ ކަމަށް ވެއެވެ.
ރިޒާވްގެ ހާލަތު ރަނގަޅުވާން ފެށީ އިންޑިއާގެ ރިޒާވް ބޭންކުން ނެގި 400 މިލިއަން ޑޮލަރުގެ ކަރެންސީ ސްވޮޕް ބޭނުންކުރަން ފެށުމުންނެވެ. މި ފައިސާގެ ތެރެއިން 120 މިލިއަން ޑޮލަރު ވަނީ ރާއްޖޭގެ ބޭންކުތަކަށް އިންވެސްޓްކޮށްފައެވެ. މިއީ ކަރެންސީ ސްވޮޕް ފެސިލިޓީ މިގޮތަށް ބޭނުންކުރި ފުރަތަމަ ފަހަރެވެ. އޭގެ ކުރިން މި ފަންޑުގެ ފައިސާ ބެހެއްޓީ ބޭރުގެ ބޭންކުތަކުގައެވެ.
ރިޒާވް އިތުރުވެފައިވާ އިރު، އެމްއެމްއޭ އިން ވަނީ ޓޫރިޒަމް ދާއިރާއަށް ވަންނަ ޑޮލަރު ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް މާރުކުރަން ފަށާފައެވެ. މި ފިޔަވަޅުތަކުގެ ސަބަބުން ރިޒާވް އިތުރުވެފައިވާ ކަމަށް ބެލެވެއެވެ. ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު، މިދިޔަ އަހަރުގެ ފެބްރުއަރީ މަހުވެސް ރިޒާވް ވަނީ އެންމެ މަތީ އަދަދެއްކަމަށްވާ 128 މިލިއަން ޑޮލަރަށް އަރާފައެވެ.
ނަމަވެސް، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖޭގެ ރިޒާވް ވަނީ 32 މިލިއަން ޑޮލަރަށް ވެއްޓިފައެވެ. އެއީ ރިޒާވް އެންމެ ދަށަށް ދިޔަ ހިސާބެވެ. ފެބްރުއަރީ މަހު ޔޫޒަބަލް ރިޒާވް އިތުރުވި އިރު ޖުމްލަ ރިޒާވްވެސް ވަނީ 832 މިލިއަން ޑޮލަރަށް އަރާފައެވެ.