ads
ޗައިނާ ބޯޓެއް
ދިވެހި ކަނޑުގައި ޖާސޫސީ އާލާތްތައް ހަރުކުރަން އުޅޭ ކަމަށް ބުނެ އިންޑިއާގެ ކަންބޮޑުވުން
ޗައިނާ އިން ދިވެހި ކަނޑުގައި ޗައިނާގެ ޖާސޫސީ އާލާތްތަކެއް ހަރުކުރުމަށް މަޝްވަރާކުރަމުންދާ ކަމަށް ބުނެ، އިންޑިއާއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
Advertisement

މި އާލާތްތަކަކީ ދިވެހިރާއްޖޭގެ މަސްވެރިކަން ތަރައްގީކުރުމަށްޓަކައި ފެޑްތަކުގައި ހަރުކުރާ، ކަނޑުގެ ކެމިކަލް އަދި ފިޒިކަލް މައުލޫމާތު އެއްކޮށް، އަދި މަސްމަހާމެހީގެ ހަރަކާތްތެރިކަން ދެނެގަންނަ އާލާތްތަކެއް ކަމަށް ޗައިނާއިން ބުނެއެވެ. 

ދިވެހިރާއްޖޭގެ މަސްވެރިކަން ދަށަށް ގޮސްފައިވާ މި ދަނޑިވަޅުގައި، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ މިނިސްޓަރު އަހުމަދު ޝިޔާމް، ޗައިނާގެ ސެކަންޑް އިންސްޓިޓިއުޓް އޮފް އޯޝަނޮގްރަފީގެ އިސް ވަފުދަކާ ބައްދަލުކޮށްފައިވާ ކަމަށް ރާއްޖެ އެމްވީން ރިޕޯޓްކޮށްފައިވެއެވެ. މި މަޝްވަރާތަކަކީ ދެ ގައުމުގެ ގުޅުން ވަރުގަދަކުރުމަށް ކުރެވުނު މަސައްކަތްތަކެއް ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

އެހެންނަމަވެސް، މި އާލާތްތަކާ ގުޅޭގޮތުން އިތުރު މައުލޫމާތު ހާމަނުކުރުމުން، މިއީ އިންޑިއާއަށް ބޮޑު ކަންބޮޑުވުމެއް ކަމަށްވެފައިވެއެވެ. އިންޑިއާގެ ބައެއް މާހިރުން ބުނާގޮތުގައި މި އާލާތްތަކަކީ ކަނޑުގެ ތިމާވެށި ދިރާސާކުރުމުގެ ބޭނުމުގައި އެކަނި ބޭނުންކުރާ އެއްޗެހިތަކެއް ނޫން ކަމަށާއި، ޖާސޫސީ މަސައްކަތްތަކަށް ބޭނުންކުރެވިދާނެ އާލާތްތަކެއް ކަމަށެވެ.

ނިމިދިޔަ އަހަރު ޖެނުއަރީގައި ޗައިނާގެ ޝިއަންގް ޔަންގް ހޮންގް 03 ނަމަކަށް ކިޔާ ރިސާރޗް އުޅަނދެއް ދިވެހިރާއްޖެއަށް އައިސް މަހަކަށްވުރެ ގިނަ ދުވަހު މާލޭގައި އޮތްކަމާއި، އެ އުޅަނދު އެނބުރި ކަނޑަށް ދިއުމަށްފަހުގައިވެސް ދިވެހިރާއްޖޭގެ އިގްތިސާދީ ސަރަހައްދުގެ ކައިރިން ހަރަކާތްތެރިވެފައިވާކަން އިންޑިއާއިން ފާހަގަކޮށްފައިވެއެވެ. މި އުޅަނދު އައީ ރައީސް މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެ ދުވަސްކޮޅެއްފަހުންނެވެ.

އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒްގެ ބަހުރުވައިގެ އޮފިޝަލް ރަންދިރު ޖައިސްވާލް ބުނެފައިވަނީ އިންޑިއާގެ ގައުމީ އަދި އިގްތިސާދީ ސަލާމަތަށް އަސަރުކުރާނެފަދަ ހުރިހާ ކަމަކާމެދު އިންޑިއާއިން ވަރަށް ބޮޑަށް ސަމާލުކަން ދޭ ކަމަށެވެ. އޭނާ އިތުރަށް ބުނީ، މިފަދަ ކަންކަމުން އިންޑިއާގެ އަމަންއަމާންކަން ރައްކާތެރިކުރުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅާނެ ކަމަށެވެ.

ދިވެހިރާއްޖެއަކީ އިންޑިއާގެ ލަކްޝަދީބުގެ މިނިކޮއި ރަށުން އެންމެ 70 ނޯޓިކަލް މޭލް ދުރުގައި އޮންނަ ގައުމަކަށްވެފައި، އިންޑިއާ ކަނޑުގެ މުހިންމު ވިޔަފާރީގެ މަގުތަކުގެ މެދުގައި އޮންނަ ގައުމަކަށްވުމުން، ދިވެހިރާއްޖޭގެ ސްޓްރެޓެޖިކް އަހައްމިއްޔަތުކަން ވަރަށް ބޮޑެވެ. އެހެންކަމުން، ދިވެހިރާއްޖޭގެ ކަނޑުގައި ޗައިނާއިން މިފަދަ އާލާތްތަކެއް ހަރުކުރުމަކީ އިންޑިއާއިން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއްކަމަށް ރިޕޯޓުތައް ބުނެއެވެ. 

71%
ކަމުގޮސްފި
29%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް