
މޮންޑްރިއަން ބްރޭންޑުގެ ދަށުން ހުޅުވާ ރިސޯޓަށް ބަދަލުކުރުމުގެ ކުރިން މި ރިސޯޓު ކުރެދިވަރު ރިސޯޓު އެންޑް ސްޕާގެ ނަމުގައި އެނިސްމޯގެ ބެލުމުގެ ދަށުން ހިންގާނެއެވެ.
ކުރިން މޫވެންޕިކް ބްރޭންޑުގެ ދަށުން ހިންގަމުންއައި މި ރިސޯޓަކީ މާލެ އިންޓަނޭޝަނަލް އެއަރޕޯޓުން ސީޕްލޭނުގައި 45 މިނެޓުގެ ދަތުރެއްގައި ދެވޭނެ ރަށެކެވެ. ރިސޯޓު މޮންޑްރިއަންގެ ދަށަށް ބަދަލުކުރުމަށްފަހު 105 ވިލާ ހިމެނޭނެއެވެ. މީގެ ތެރޭގައި 30 ބީޗް ޕޫލް ވިލާ، 72 އޯވާވޯޓާ ޕޫލް ވިލާ އަދި ތިން ކޮޓަރީގެ ބީޗް ޕޫލް ރެސިޑެންސްތައް ހިމެނެއެވެ. ރިސޯޓުގެ ކޮންމެ ވިލާއެއްގައި ޕްރައިވެޓް ޕޫލެއް އޮންނާނެއެވެ.
މޮންޑްރިއަން މޯލްޑިވްސްގައި ގާއިމުކުރާނީ ސަގާފަތާއި އައު ފެންވަރުގެ ކެއުން ބުއިމުގެ ތަޖުރިބާ ފޯރުކޮށްދިނުމަށް ހާއްސަކޮށްފައިވާ ހަތަރު ރެސްޓޯރަންޓާއި ބާތަކެއްކަމަށް އެ ކުންފުނިން ބުނެއެވެ. އަދި ރިސޯޓުގެ ސްޕާ، ޖިމް، ޑައިވިން ސެންޓަރާއި ކިޑްސް ކްލަބެއްވެސް ހުންނާނެއެވެ. ރިސޯޓު ފަރުމާކުރެވިފައި ހުންނާނީ މޮޑަން ޑިޒައިން، އާޓް އަދި ކަލްޗަރަށް އިންސްޕަޔަރވާ ގޮތަށެވެ.
މޮންޑްރިއަން ބްރޭންޑުގެ ދަށުން މިހާރު ދުނިޔޭގެ އެކި ސަރަހައްދުތަކުގައި 10 ރިސޯޓެއް ހިންގަމުންދާއިރު، އަބޫދާބީ، ޓުލުމް، ދުބާއި އަދި އޮސްޓްރޭލިއާގެ ގޯލްޑް ކޯސްޓް ފަދަ މަންޒިލްތަކުގައި އިތުރު ރިސޯޓުތައް ހުޅުވުމަށް ވަނީ ރޭވިފައެވެ. މޮންޑްރިއަން މޯލްޑިވްސް އަކީ މިގޮތުން ހުޅުވުމަށް ހަމަޖެހިފައިވާ އެހެން ރިސޯޓެކެވެ.