
އެފްއޭއެމަށް ފީފާ އިން ފޮނުވި ފައިސާތަކަށް ހިޔާނާތްތެރިވި ކަމުގެ ތުހުމަތުގައި އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމްގެ މައްޗަށް އުފުލާފައިވާ ދެ ދައުވާގެ އިތުރު އަޑު އެހުމެއް އޮންނާނީ މިއަދު މެންދުރު ކްރިމިނަލް ކޯޓުގައެވެ.
އެފްއޭއެމްގެ ހިޔާނާތުގެ މައްސަލާގައި ބައްސާމްގެ މައްޗަށް ފުރަތަމަ އުފުލި ހިޔާނާތްތެރިވުމާއި މަނީ ލޯންޑްރިންގެ ދައުވާގެ ޝަރީއަތުގެ އެންމެ ފަހުން އޮތް އަޑު އެހުމުގައި ދައުލަތުން ވަނީ އޭނާގެ މައްޗަށް ދައުވާ އިއްވައި، ދައުވާ ސާފުކޮށްދީފަ އެވެ. އެ ދުވަހުގެ އަޑު އެހުމުގައި ބައްސާމްވަނީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަށް އިންކާރުކޮށްފަ އެވެ.
ދެ ދައުވާއަށް ބައްސާމް އިންކާރު ކޮށްފައިވާތީ، ޝަރީއަތް ފެށުމުގެ ކުރީގެ ހުށަހެޅުންތަކަށް 10 ދުވަހުގެ ފުރުސަތެއް ގާޒީ ދެއްވި އެވެ. މިއަދުގެ އަޑު އެހުމަކީ، އެފަދަ ހުށަހެޅުމެއް އޮތް ނަމަ ހުށަހަޅަން އޮންނަ އަޑު އެހުމެވެ.
މީގެ ކުރިން ބައްސާމްގެ ދެ ވަކީލުން އެ މައްސަލައިން ތަނާޒުލްވެފައި ވާއިރު، އެންމެ ފަހުން އަޑު އެހުން އޮތް ދުވަހު އޭނާ ކޯޓަށް ވަޑައިގަތީ އެހެން ވަކީލަކާ އެކު އެވެ. އެ ވަކީލް ވަނީ ދައުވާއަށް ޖަވާބުދާރީވާން، ލިޔުންތައް ދިރާސާކުރަން އިތުރު ވަގުތު ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް، އެ މައްސަލަ ބައްލަވާ ގާޒީ އިސްލާއިމް ޝަފީއު ވިދާޅުވީ އެގޮތަށް ޝަރީއަތް ކުރިއަށް ނުދާނެ ކަމަށާއި އެ ދުވަހު ދައުވާތަކަށް ޖަވާބުދާރީވާން ޖެހޭނެ ކަމަށެވެ.
އެ ދުވަހު، ބައްސާމްގެ ވަކީލް ވިދާޅުވީ ދެ ދައުވާއަށް ވެސް އިންކާރު ކުރާ ކަމަށެވެ. ދައުވާތަކަށް ބައްސާމް އިންކާރު ކުރަނީ ވަކީލް ވިދާޅުވި ގޮތުގައި، ދައުވާގައި ބުނަނީ ކަން ހިނގާފައިވާ ގޮތް ނޫން ކަމަށް ވާތީ އެވެ.
ބައްސާމްގެ މައްޗަށް ފުރަތަމަ ދެ ދައުވާކުރީ ފީފާއިން ފޮނުވި ފައިސާގެ ތެރެއިން 10،000 ޑޮލަރު އޭނާގެ އަމިއްލަ އެކައުންޓަށް ފޮނުވައި، އަމިއްލަ ކަންކަމަށް ބޭނުންކޮށްފައި ވާތީ ކަމަށް ޕީޖީ އޮފީހުން ކުރިން ވަނީ ބުނެފަ އެވެ.