ads
ސުޕްރީމް ކޯޓު
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އަލުން ހުޅުވާލައިފި
ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަށް ފަނޑިޔާރަކު ހޯދަން ޖޭއެސްސީން އަނެއްކާވެސް ހުޅުވާލައިފި އެވެ.
Advertisement

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް މީހަކު ހޯދުމަށް ހުޅުވާލުމުން އެކަމަށް ކުރިމަތިލީ އެންމެ މީހެކެވެ. އެއީ، ސިވިލް ކޯޓުގެ ގާޒީކަމާއި ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމު ކުރިން ފުރުއްވާފައިވާ މަރިޔަމް ނިހާޔަތު އެކަންޏެވެ. އެހެންވެ، ޖޭއެސްސީން ކުރި އިއުލާނެއްގައި ބުނީ، ކުރީގެ އިއުލާނުގެ ސުންގަޑި ހަމަވިއިރު، އެކަށީގެންވާ ވަރަށް އެޕްލިކޭޝަން ލިބިފައި ނުވާތީ އަލުން ފުރުސަތު ހުޅުވައިލީ ކަމަށެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ބޭފުޅަކު ހޯދަން ކުރި ދެ ވަނަ އިއުލާނުގެ ސުންގަޑިއަކީ ޖޭއެސްސީން ބުނިގޮތުގައި އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އެވެ.

އެކަމަކު އެ ކޮމިޝަނުން ބުނީ، ފުރަތަމަ އިއުލާނުގެ މުއްދަތު ހަމަވިއިރު ހުށަހަޅާފައިވާ އެޕްލިކޭޝަން ނުވަތަ ނިހާޔަތުގެ ނަން އަލުން ހުށަހަޅަން ނުޖެހޭނެ ކަމަށެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ އެ ދެ މަަސައްކަތުގައި މަދުވެގެން ހަތް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއި އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލް ކޮށްފައި ވުމާއި އުމުރުން 30 އަހަރު ވެފައި މީހަކު ކަމަށް ވުމެވެ. 

މީގެ އިތުރުން ސިޔާސީ ޕާޓީއެއްގެ މެމްބަރަކު ކަމަށް ނުވުމާއި ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކު ކަމުގައި ވެސް ވެގެން ނުވާނެ ކަމަށް ޖޭއެސްސީގެ އިއުލާނުގައި ވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް