ads
އެމްޑީޕީގެ މުޒާހަރާގެ ތެރެއިން
އެމްޑީޕީގެ މުޒާހަރާތަކުގައި ހިޔާލުފާޅުކުރުމުގެ ހުދޫދުތައް ފަހަނައަޅައިދިޔަ: އެޗްއާރުސީއެމް
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ނެރުނު ބަޔާނެއްގައި، އެމްޑީޕީން ފާއިތުވި ދުވަސްތަކުގައި ބޭއްވި މުޒާހަރާތަކުގައި ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަގޮތަށް ވާހަކަދެއްކުމަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ތެރޭގައި ހިމެނޭ ކަމެއް ނޫންކަމަށް ބުނެފިއެވެ.
Advertisement

ކޮމިޝަނުން މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން މާލޭގައި ކުރިއަށްގެންދިޔަ އެމްޑީޕީގެ މުޒާހަރާތައް މޮނިޓާ ކުރަމުންދާކަން އަންގައި، މުޒާހަރާގެ ތެރެއިން ފާހަގަކުރެވިފައިވާ ކަންބޮޑުވާންޖެހޭ ކަންކަން ކުށްވެރިކޮށްފައިވެއެވެ.

އެޗްއާރުސީއެމުން ބުނެފައިވާ ގޮތުގައި މިމަހުގެ 12 ވަނަ ދުވަހު އެމްޑީޕީން ކުރިއަށްގެންދިޔަ މުޒާހަރާގައި ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން އަންނަފަދަ ގޮތަކަށް ބައިވެރިން ވާހަކަދައްކާފައިވެއެވެ. މިފަދަ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި، ކުޑަކުދިންނަކީ ގާނޫނު އަސާސީއާއި ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރުމުގެ ގާނޫނުން ހާއްސަ ރައްކާތެރިކަމެއް ލިބިދީފައިވާ ބަޔަކަށްވާއިރު، އެކުދިންގެ ކަރާމާތަށާއި އަބުރަށް އުނިކަން އަންނަފަދަ ގޮތަކަށް ސީދާގޮތުންވެސް އަދި ނުސީދާގޮތުންވެސް އަމަލުކުރުން ހުއްޓާލުމަށް އެޗްއާރުސީއެމުން ގޮވާލާފައިވެއެވެ.

އެކޮމިޝަނުން ފާހަގަކޮށްފައިވާ ގޮތުގައި މުޒާހަރާތަކުގައި ބައިވެރިންނާއި ފުލުހުންނާ ދެމެދު ކުރިމަތިލުންތަކެއް ހިންގާ، ބައިވެރިންނަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވެއެވެ. މީގެއިތުރުން، މުޒާހަރާގެ ބައިވެރިން އަޑުގަދަކުރާ ބޭނުންކޮށްގެން މާލޭގެ މަގުތަކާއި ގްރީން ޒޯންއަށް ވަންނަން މަސައްކަތްކުރިކަންވެސް ފާހަގަކޮށްފައިވެއެވެ. މުޒާހަރާކުރުމުގައި އާންމުންނަށާއި ޓްރެފިކަށް ދަތިނުވާނެހެން އިންތިޒާމުކުރުމަށް ކޮމިޝަނުން ގޮވާލާފައިވެއެވެ.

އެޗްއާރުސީއެމުން އިލްތިމާސްކޮށްފައިވަނީ އެއްވެ އުޅުމުގެ މިނިވަންކަން ބޭނުންކުރާއިރު އެކަކު އަނެކާގެ ހައްގުތަކަށް އުނިކަން ނާންނާނެ ގޮތަކަށް ޒިންމާދާރުކަމާއެކު ހައްގުގެ ބޭނުންކުރުމަށެވެ. އަދި ގާނޫނު އަސާސީގައި އެއްވެ އުޅުމުގެ މިނިވަންކަން ލިބިދީފައިވާ ހުދޫދުގެ ތެރޭގައި އެކަން ކުރެވޭނެ މާހައުލެއް ގާއިމުކޮށްދިނުމަށް ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށާއި، ބާރުގެ ބޭނުންކުރަންޖެހޭ ހާލަތްތަކުގައިވެސް ގާނޫނީ އިމުގެ ތެރެއިން އަމަލުކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތަށްވެސް ގޮވާލާފައިވެއެވެ. ހަމައެއާއެކު، މުޒާހަރާތައް ކަވަރުކުރުމަށް ހަރަކާތްތެރިވާ ނޫސްވެރިންގެ މަސައްކަތަށް ހުރަސްނޭޅޭނެހެން ފުރުސަތު ދިނުމަށްވެސް އިލްތިމާސްކޮށްފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް