
"ސިކަންދަރު" ގެ ނަމުގައި 2025 ވަނަ އަހަރުގެ ރޯދަ މަހުގެ އީދަށް ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ފިލްމަށް ހައިދަރާބާދުގައި ކުރިއަށްގެންދިޔަ ޝޫޓިން ފުރިހަމަކޮށް ނިންމާލާފައިވަނީ 10 ދުވަހުގެ ބުރަ މަސައްކަތުންނެވެ.
ފިލްމުގެ ފަހުގެ ޝޫޓިންއަކީ ވަރަށް ބޮޑު ސްކޭލެއްގައި ރޭވިފައިވާ އެކްޝަން ސީކުއެންސްއެކެވެ. މީގައި ހިމެނެނީ ސިޓީއެއްގެ ސަރަހައްދެއް އަލުން އުފައްދާފައިވާ ސެޓެއްގައި ބޮޑު ދުއްވުމުގެ މަޝްހަދުތަކާއި، ކާރުތަކުގައި ޖަހައި އަނބުރާލުމާއި، ސަލްމާން ހާންއެކަނި ބައިވަރު މީހުންނާ ހަނގުރާމަކުރާ މަންޒަރުތަކެވެ. މި ބޮޑެތި ސްޓަންޓުތައް ހެދުމަށް ދެކޮރެއާއިން ހާއްސަ ސްޓަންޓް ކޯޑިނޭޓަރުންގެ ޓީމެއް ގެނެސް، 200 އަށްވުރެ ގިނަ ޖޫނިއާ އާޓިސްޓުން ބައިވެރިކުރިއެވެ.
ސެޓުން ލީކްވެފައިވާ އެއް ފޮޓޯއެއް އިއްޔެ ސޯޝަލް މީޑިއާގައި ވައިރަލްވެފައިވެއެވެ. އެ ފޮޓޯގައި ފެންނަނީ ސަލްމާން ހާން ކަޅު ވެސްޓެއް ލައިގެން އަތުގައި ސްޓީލް ހޮޅިއެއް ހިފައިގެން އުޅޭ މަންޒަރެވެ. މި ލުކަކީ "ޓައިގާ 3" ފިލްމުގައި ފެނުނު ކްލީން-ޝޭވްޑް ލުކާ އެއްކޮށް ތަފާތު އައު ސަލްމާން ހާނެކެވެ.
މި ފިލްމަކީ "ގަޖީނީ" ގެ ޑައިރެކްޓަރު އޭއާރު މުރުގަދާސް އަދި ޕްރޮޑިއުސަރު ސަޖިދު ނަޑިއަދްވާލާއާއެކު ސަލްމާން ހާން މަސައްކަތްކުރާ އެކްޝަން-ޑްރާމާ ފިލްމެކެވެ. ފުރަތަމަ ފަހަރަށް ސަލްމާންއާއެކު ރަޝްމިކާ މަންދަންނާ ފެންނާނެ މި ފިލްމުގައި ސުނިލް ޝެޓީ އަދި ޕްރަތީކް ބައްބަރާ ފަދަ ތަރިން ހިމެނޭ ކަމަށްވެސް އަޑުތައް ފެތުރުފައިވެއެވެ.
ފިލްމުގެ ވާހަކައާ ބެހޭގޮތުން ގިނަ މައުލޫމާތެއް ހާމަކޮށްފައިނުވި ނަމަވެސް، ސަލްމާން ކުޅޭނީ ކުޅަދާނަ ހަނގުރާމަވެރިއެއްގެ ރޯލު ކަމަށް ލަފާކުރެވެއެވެ.
"ކިސީ ކާ ބާއީ ކިސީ ކާ ޖާން" (2023) ފިލްމަށް ލިބުނު ތަޖުރިބާއަށް ފަހުން ސަލްމާން "ސިކަންދަރު" ފިލްމަށް ސަލްމާން ވަރަށް ބޮޑަށް މަސައްކަތް ކުރާކަމަށް ރިޕޯޓުތައް ބުނެއެވެ.
އީދު ގާތްވަމުން ދާއިރު، "ސިކަންދަރު" އަކީ ބޮލީވުޑްގެ "އަންޑިސްޕިއުޓެޑް އެކްޝަން ކިންގް" ގެ ނަން އަނެއްކާވެސް ދަމަހައްޓައިދޭނެ ފިލްމަކަށް ވާނެ ކަމަށް އުއްމީދުކުރެއެވެ.