
މި ވީޑިއޯ އިޝްތިހާރު ނެރެފައިވަނީ މި ކުންފުނިން ފްރާންސްގެ މާކެޓަށް ވަނުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ. ޓިކްޓޮކްގައި މާރިޗު 11 ވަނަ ދުވަހު ޝާއިއުކޮށްފައިވާ މި އިޝްތިހާރުގައި ފްރާންސްގެ ސަރުކާރުން އިސްލާމީ ހެދުންތަކާ ދެކޮޅަށް ގެންގުޅޭ ސިޔާސަތުތަކަށް އިޝާރާތްކޮށް، "ދަ ފްރެންޗް ގަވާމަންޓް ހޭޓްސް ޓު ސީ މެރާޗީ ކަމިންގް" މިފަދައިން ބަޔާންކޮށްފައިވެއެވެ.
ސިޓިޒަންސް ޕޮލިޓިކަލް މޫވްމަންޓްގެ އިކޮނޮމިސްޓް ފިލިޕް މޫރާ އެއަށްވުރެ ފުންކޮށް ވިސްނައި، ފްރާންސްގައި މެރާޗީގެ ފިހާރަތައް ބަންދުކޮށް، ވެބްސައިޓް ބްލޮކްކުރުމަށް އެދިފައިވެއެވެ.
ފްރާންސްއަކީ މުސްލިމް ހެދުންތަކާ ގުޅޭގޮތުން ހިލާފުތަކެއް ހުރި ގައުމެކެވެ. 2004 ވަނަ އަހަރުން ފެށިގެން ފްރާންސްގެ އާއްމު ސްކޫލްތަކުގައި ހިޖާބު ހިމެނޭ ދީނީ ނިޝާންތައް މަނާކޮށްފައިވެއެވެ. އަދި 2010 ގައި އާއްމު ތަންތަނުގައި ނިގާބު ފަދަ މޫނު ނިވާކުރާ ހެދުންތައް ވެސް މަނާކޮށްފައިވެއެވެ. 2023 ގައި ސްކޫލްތަކުގައި އަބާޔާ (ދިގު ހެދުން) އެޅުން ވެސް މަނާކުރިއެވެ. މި ފަދަ މަނާކުރުންތަކުގެ މާހައުލެއްގައި، ޑިޖިޓަލް އިޝްތިހާރެއްގައި ފްރާންސްގެ އެންމެ މަޝްހޫރު ނިޝާނުގައި އިސްލާމީ ހެދުމެއް އަޅުވާލުމުން، އެއީ ފްރާންސްގެ ގައުމީ އަގުތަކަށް ހުތުރުކޮށް ހިތާ ކަމެއް ކަމަށް ބައެއް މީހުން ދެކިފައިވެއެވެ.
ނަމަވެސް ސޯޝަލް މީޑިއާގައި ބައެއް މީހުން ވަނީ މި ކަމަށް ތައުރީފުވެސް ކޮށްފައެވެ. މިއީ "އުފެއްދުންތެރި މާކެޓިން ސްޓްރެޓެޖީއެއް" ކަމަށާއި ފްރާންސްގެ ދީނީ ސިޔާސަތު ގެނެސްފައިވާ ހަނިކަމާ ދެކޮޅަށް އަޑުއުފުލާ ކަމެއް ކަމަށް ބުނެފައިވެއެވެ.
"ބިއުޓިފުލް ހިޖާބް ސިސްޓާ އީފެލް" އަދި "ބޯލްޑް މޫވް!" ފަދަ ކޮމެންޓްތައް އިޝްތިހާރަށް ތާއީދުކުރާ ފަރާތްތަކުން ދީފައިވެއެވެ.
ފްރާންސްގެ ސަރުކާރުން މިކަމާ ގުޅޭގޮތުން ރަސްމީ ބަޔާނެއް ދީފައެއް ނުވެއެވެ.