ads
އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީސް - ފޮޓޯ:ސަން
ރައީސްގެ ދަރިކަލުންނާ ގުޅުވައި ދެއްކި ވާހަކަ އޮމްބަޑްސްޕާސަންގެ އޮފީހުން ކުށްވެރިކޮށްފި
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލަކާ ގުޅޭ ގޮތުން އިދިކޮޅު އެމްޑީޕީގެ މުޒާހަރާއެއްގައި ދެއްކި ވާހަކަ، ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން ވެސް ކުށްވެރިކޮށްފި އެވެ.
Advertisement

ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެމްޑީޕީގެ މުޒާހަރާގައި ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަމެއް ލިބިދާނެފަދަ ގޮތަކަށް ވާހަކަ ދައްކާފައިވާ ކަމަށެވެ. 

އެ ބަޔާނުގައި އެމްޑީޕީގެ ނަމެއް ސީދާ ނުބުނެ އެވެ. އެ ވާހަކަތައް ބްރޯޑްކާސްޓް ކުރުން ވެސް ނިއުމާތުގެ އޮފީހުން ވަނީ ކުށްވެރިކޮށްފަ އެވެ. އެ މުޒާހަރާ ލައިވް ކުރީ ރާއްޖެ ޓީވީއިންނެވެ.

"ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ސިޔާސީ ޕާޓީއަކުން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ އެއްވުމެއްގެ ތެރެއިން ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން އަތުވެދާނެ ފަދަ ގޮތަކަށް ވާހަކަ ދެއްކުމާއި ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާއަކުން އެ މަންޒަރާއި އަޑު ދައްކާފައިވާތީ ކުޑަކުއްޖަކާމެދު ހިންގާފައިވާ މި އަމަލު ކުށްވެރި ކުރަން،" ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

އެ އޮފީހުންވަނީ، ކުޑަކުދިންގެ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާއިން ކުޑަކުދިންނަށް ލިބިދޭންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ ހައްގުތަކާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގައި ހުރިހާ ފަރާތްތައް ވެސް ދެމިތިބުމަށް އިލްތިމާސްކޮށްފަ އެވެ. 

އަދި ކުޑަކުދިންނަށް ލިބެންޖެހޭ ހިމާޔަތާއި ރައްކާތެރިކަމާއި އަޅާލުން ފޯރުކޮށްދިނުމަކީ މުޅި މުޖުތަމައު ހިމެނޭހެން ހުރިހާ ފަރާތެއްގެ މައްޗަށް ގާނޫނުން ލާޒިމުކުރާ ކުރާ ކަމެއް ކަމަށް ފާހަގަކޮށް، އެ ކުދިންގެ މަސްލަހަތަށް ރިއާޔަތް ކުރުމެއް ނެތި ކުރާ އަމަލުތައް ތަކުރާރުވިޔަ ނުދިނުމަށް ދިވެހި މުޖުތަމައަށާއި ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކަށް އެ އޮފީހުން އިލްތިމާސްކޮށްފައިވެ އެވެ.

އޮމްބަޑްސްޕާސަންގެ އޮފީހުން ވަނީ، އެ މައްސަލަ ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށާއި އެކަން ގާތުން ބަލަމުން އަންނަ ކަމަށް ވެސް ބުނެފައެވެ.

އެ މައްސަލަައިގައި މަންދީގެ އިތުރުން އެމްޑީޕީ އަދި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްގެ މައްޗަށް މަދަނީ ދައުވާއެއް ކުރުމަށް ފަސްޓް ލޭޑީ ސާޖިދާ ވަނީ ނިންމަވައިފަ އެވެ. ދައުވާ ކުރަނީ ދެއްކި ކޮން ވާހަކައެއްގެ މައްޗަށް ބިނާކޮށް ކަމެއް ސާޖިދާގެ ވަކީލު އާޒިމާ ޝަކޫރު ވިދާޅެއްނުވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް