ads
ދަ ގާޑަންސް ޕްރޮޖެކްޓު
ހުޅުމާލޭ "ދަ ގާޑަންސް" ޕްރޮޖެކްޓް ޖާހު އިންވެސްޓްމަންޓްގެ އަތުންނަގައިފި
ޖާހު އިންވެސްޓްމަންޓުން ހުޅުމާލޭގައި ތަރައްގީ ކުރަމުންދާ "ދަ ގާޑަންސް" ޕްރޮޖެކްޓް ނުނިންމުމުން އެ ކުންފުންޏާއެކު ހެދި އެއްބަސްވުން ބާތިލުކޮށްފި އެވެ.
Advertisement

ހުޅުމާލޭގައި ތަރައްގީކުރަމުން އައި "ދަ ގާޑަންސް" ޕްރޮޖެކްޓް ނިންމުމަށް ދެވުނު ގިނަ މުއްދަތުތަކުގައިވެސް އެ ޕްރޮޖެކްޓް ނުނިންމުމުގެ ސަބަބުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއި ދެމެދު ވެފައިވާ އެއްބަސްވުން ބާތިލްކޮށް އެޕްރޮޖެކްޓް ކުންފުނީގެ އަތުން ނަގައިފި އެވެ.

2017 ވަނަ އަހަރު ފެށުނު މި ޕްރޮޖެކްޓުގެ މަސައްކަތް ނިންމުމަށް އެކި ފަހަރު މަތިން އިތުރުކޮށްދެވުނު މުއްދަތުތަކުގައިވެސް މަސައްކަތް ނުނިންމުމުން، އެޗްޑީސީގެ ބޯޑުން ނިންމައި 27 ޖަނަވަރީ 2025 ގައި ޖާހު އިންވެސްޓްމަންޓަށް ގާނޫނީ ނޯޓިސްއެއް ދީފައިވެއެވެ. އެ ނޯޓިސްއާއެކު 45 ދުވަހުގެ މުއްދަތެއް ކުންފުންޏަށް ދީފައިވާއިރު، އެ މުއްދަތުގައިވެސް ޕްރޮޖެކްޓްގެ ނުނިމިހުރި މަސައްކަތްތައް ނުނިންމުމުން 16 މާރިޗު 2025 ގައި އެޗްޑީސީން ވަނީ އެއްބަސްވުން ބާތިލްކޮށް، ތަން ހަވާލުކުރުމަށް ކުންފުންޏަށް އަންގާފަ އެވެ.

އެޗްޑީސީން މި ފިޔަވަޅު އަޅާފައިވަނީ "ދަ ގާޑަންސް" ޕްރޮޖެކްޓުން އެޕާޓްމަންޓް ގަނެފައިވާ ފަރާތްތަކަށް ވީ އެންމެ އަވަހަކަށް އެޕާޓްމަންޓްތައް ހަވާލުކުރެވޭނެ މަގު ފަހިކުރުމުގެ ބޭނުމުގައި ކަމަށް އެޗްޑީސީން މައުލޫމާތު ދީފައިވެއެވެ. މީގެއިތުރުން، އެއްބަސްވުން ބާތިލްކުރުމަށްފަހު ޕްރޮޖެކްޓްގެ މަސައްކަތް ނިންމުމަށް ރޭވިފައިވާ ގޮތުގެ މައުލޫމާތު އެޕާޓްމަންޓް ގަނެފައިވާ ފަރާތްތަކާ ހިއްސާކުރާނެ ކަމަށް އެޗްޑީސީން ބުނެފައިވެ އެވެ.

"މި ކޯޕަރޭޝަނުން މި އެޅި ފިޔަވަޅު އަޅާފައި މިވަނީ ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން އެޕާޓްމަންޓް ގަތުމަށް ފައިސާ ދައްކާފައވާ ފަރާތްތަކަށް، ވީއެންމެ އަވަސް މުއްދަތެއްގައި އެޕާޓްމަންޓްތައް ހަވާލުކުރެވޭނެ މަގުފަހިކުރުމުގެ ބޭނުމުގައިކަން މި ކޯޕަރޭޝަނުން ފާހަގަކުރަމެވެ،" އެޗްޑީސީ އިން މިއަދު ނެރުނު ބަޔާނެއްގައިވެ އެވެ.

ޕްރޮޖެކްޓް ނެގުމަށްފަހު ދެން ކަންތައްތައް ކުރިއަށްދާނެ ގޮތާ ގުޅޭ ތަފްސީލީ މައުލޫމާތު އަދި ހާމަކޮށްފައިނުވިނަމަވެސް، ގިނަ އަހަރުތަކެއް ވަންދެން ގެ ބަދަލުވުމުގެ އުންމީދުގައި ތިބި އެޕާޓްމަންޓް ގަތް ފަރާތްތަކަށް މިއީ ހިތްހަމަޖެހުމެއް ލިބޭނެ ކަމެއް ކަމަށް ބެލެވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް