
"ޕީރިއޮޑިކް ކުކިންގް" ކިޔާ މި އާ އުކުޅަކީ ބިހުގެ ބޭރު ހުދުބައި ރަނގަޅަށް ކެއްކި އަދި ބިހުގެ ރީނދޫބައި އޮލަކޮށް ކްރީމީކޮށް ހުންނަ ފުރިހަމަ ބިހެއް ކައްކާނެ ގޮތެއް ވަނީ ހޯދާފައެވެ.
"ނޭޕަލްސް ފެޑެރިކޯ II ޔުނިވަސިޓީ" އަދި އިޓަލީގެ "ނޭޝަނަލް ރިސާޗް ކައުންސިލް" ގެ ދިރާސާއިން ދައްކާގޮތުގައި، ބިސް ހުންނަންޖެހޭ ގޮތަކީ ބޭރު ހުދުބައި ހަރުކޮށް އަދި ރީނދޫބައި އޮލަކޮށް ނުވަތަ ކްރީމީކޮށެވެ. ނަމަވެސް މިދެބައި ކެއްކުމަށް ބޭނުންވާ ހޫނުމިން ތަފާތެވެ. ބިހުގެ ހުދުބައި ރަނގަޅަށް ކެއްކުމަށް 85 ޑިގްރީ ސެލްސިއަސް ހޫނުމިން ބޭނުންވާއިރު، ރީނދޫބައި ފުރިހަމައަށް ކެއްކުމަށް ބޭނުންވަނީ 65 ޑިގްރީ ސެލްސިއަސް ހޫނުމިނެވެ. އެހެންކަމުން ބިސް އެއްކޮށް ކެއްކުމުގައި ދިމާވާ މައްސަލައަކީ އެއްބައި ކެކޭއިރު އަނެއްބައި ހަލާކުވާކަމެވެ.
ކުކުޅު ބިސް
އިޓަލީގެ ރިސާޗަރުން ކުރި ދިރާސާއިން ހޯދާފައިވާ އާ އުކުޅަކީ ބިސް ކެއްކުމުގައި ހޫނު ފެނާއި އާދައިގެ ފެން އެކުއެކުގައި ބޭނުންކުރުމެވެ. އެގޮތުން ބިސް ކެއްކުމަށް ދެ ތަށި ބޭނުންކުރަންޖެހެއެވެ. އެއްތަށީގައި ކެކި ހުންނަ ފެނާއި އަނެއް ތަށީގައި 30 ޑިގްރީ ސެލްސިއަސްގައި ހުންނަ އާދައިގެ ފެނެވެ. ދެން ބިސް ދެ މިނެޓަށް ހޫނު ފެނަށްލުމަށްފަހު، ދެ މިނެޓަށް އާދައިގެ ޓެމްޕްރޭޗަރެއް ހުންނަ ފެނަށް ބަދަލުކުރަމުން ގެންދަންޖެހެއެވެ. މި ގޮތަށް ޖުމްލަ އަށް ފަހަރު ފެން ބަދަލުކުރަންޖެހެއެވެ. މިގޮތަށް ބިހެއް ކެއްކުމަށް 32 މިނެޓު ނަގާނެއެވެ.
މި ދިރާސާގައި އަދި ފާހަގަކޮށްފައިވަނީ މި އުކުޅު ބޭނުންކޮށްގެން ކައްކާ ބިހުގައިވާ ފައިދާހުރި ބާވަތްތައް ކަމަށްވާ ޕޮލިފެނޯލްސް އަދި އެމިނޯ އެސިޑްސް ރައްކާތެރިކުރެވޭނެއެވެ. އެހެންކަމުން މި އުކުޅަކީ ރަހައިގެ ގޮތުން ވެސް އަދި ސިއްހީ ގޮތުން ވެސް ކުރިން ބިސް ކެއްކުމުގެ ގޮތްތަކަށްވުރެ ރަނގަޅު ގޮތެއް ކަމަށް ސައިންޓިސްޓުން ބުނެއެވެ.
މި ރިސާޗްގެ ޕޭޕަރު "ކޮމިއުނިކޭޝަންސް އިންޖިނިއަރިންގް" ޖާނަލްގައި ޝާއިއުކޮށްފައިވާއިރު، ރިސާޗް މަސައްކަތަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައިވަނީ އިޓަލީގެ ޔުނިވަސިޓީސް އަދި ރިސާޗް މިނިސްޓްރީންނެވެ. އާންމުންނަށް މި ގޮތަށް ބިސް ކެއްކާލުމަށް ހިތްވަރުދިން ނަމަވެސް، ވަގުތު އިތުރަށް ނަގާކަން ވެސް ސައިންޓިސްޓުން ފާހަގަކޮށްފައިވެއެވެ. އާންމު ގޮތެއްގައި ތަށްޓެއްގައި ބިސް ކެއްކާލަން ނަގާ 12 މިނެޓާ އަޅާބަލާއިރު މި ގޮތަށް 32 މިނެޓު ނަގާނެއެވެ.