
ދިވެހި ފުލުހުންގެ ހިދުމަތު މިރޭ ނެރުނު ބަޔާނެއއްގައި ބުނީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ހިނގާ ސްކޭމް މައްސަލަތަކާ ގުޅޭ އެންމެހާ ފިޔަވަޅުތައް އެޅުމާއި އެހެންިހެން އިދާރާތަކާއެކު ކުރަންޖެހޭ މުއާމަލާތުތައް މަރުކަޒީ ގޮތެއްގައި މިއަދުން ފެށިގެން ބަލަހައްޓަމުން އަންނަނީ އެންޓި ސްކޭމް ސެންޓަރުންކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަލީ ސުޖާއު ކަނޑައަޅުއްވާފައިވާކަމަށެވެ.
މި އާ ނިޒާމުގެ ދަށުން ސްކޭމް މައްސަލަތައް ރިޕޯޓްކުރުމަށް ހާއްސަ ކޯލް ސެންޓަރެއް ގާއިމުކުރެވިފައިވާކަމަށް ފުލުހުންގެ ނޫސްބަޔާނުގައިވެއެވެ. އަދި މި ކޯލް ސެންޓަރަށް މައްސަލައެއް ރިޕޯޓް ކުރެވޭ ހިސާބުން މާލީ އިދާރާތަކާއި ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމާއި އެ އިދާރާތަކުން ލިބެންޖެހޭ މައުލޫމާތު ހޯދުމުގެ މަސައްކަތް އެންޓި ސްކޭމް ސެންޓަރުން ވަގުތުން ކުރިޔަސް ގެންދާނެކަމަށެވެ.
މީގެއިތުރުން އެންޓި ސްކޭމް ސެންޓަރުގެ އީ މެއިލް [email protected] މެދުވެރިކޮށްވެސް ސްކޭމް މައްސަލަތައް ހުށައެޅޭނެކަމަށް ފުލުހުން ބުނެެއެވެ.
މިދިޔަ އަހަރުގެ ފުރަތަމަ ފަސްމަހު ސްކޭމްގެ 877 މައްސަލަ ވަނީ ރިޕޯޓްކޮށްފައިވާއިރު އެ މައްސަލަތަކުން 11 މިލިއަނަށްވުރެ ގިނަ ރުފިޔާ ސްކޭމަރުން ފޭރިގަންފައިވާކަން ފުލުހުންގެ ހިސާބުތަކުން ދައްކައެވެ.
ފުލުހުންގެ ހިސާބުތަކުން ދައްކާ ގޮތުން އެވްރެޖު ގޮތެއްގައި ސްކޭމް ކޮށްގެން ދުވާލަކު 6 މައްސަލަ ހުށައަޅައެވެ. އެއީ މަހަކު 192 މައްސަލައެވެ.