
މި ގަރާރަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަހަރަށް މަޖިލީހުން ފާސްކުރި ބަޖެޓާއި ގާނޫނުތަކާ ހިލާފަށް ފައިސާ ޗާޕުކުރަން އުޅޭ މައްސަލައިގައި މަޖިލިސް މެންބަރުން ދެކޭގޮތެއް ހޯދުމަށް ހުށަހަޅާފައިވާ ގަރާރެކެވެ. މިއަދު އޮތީ މި ގަރާރުގެ ފުރަތަމަ ކިޔުން އިއްވުމެވެ.
ޝަމްހީދު ހުށަހެޅުއްވި ގަރާރުގައި ބަޔާންކޮށްފައިވާ ގޮތުގައި ގާނޫނުއަސާސީގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުން ހުއްދަ ލިބިގެން މެނުވީ މަޖިލީހުން ފާސްކުރާ ބަޖެޓަށްވުރެ އިތުރަށް ހަރަދު ނުކުރެވޭނެ ކަމަށެވެ. އަދި ވަކި ކަމަކަށް ހާއްސަ ހަރަދެއް ކުރަން ބަޖެޓުގައި ކަނޑައަޅާފައިވާނަމަ، އެ ފައިސާއެއް ހަރަދު ކުރަންޖެހޭނީ އެކަމަކަށްކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާކަމަށް ގަރާރުގައި ފާހަގަކޮށްފައިވެއެވެ.
ގަރާރުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، އެމްއެމްއޭއިން ފައިސާ ޗާޕުކުރަން މި އުޅެނީ މިއަހަރަށް މަޖިލީހުން ފާސްކުރި ބަޖެޓުގައި ދައުލަތަށް ފައިސާ ހޯދާނެކަމަށް ފިނޭންސް މިނިސްޓަރު ބަޔާންކޮށްފައިވާ ކަންކަމާ ހިލާފަށެވެ. މިއީ މަޖިލީހުގެ ހުއްދަ ހޯދުމަކާ ނުލައި ކުރަން އުޅޭ ކަމެއްކަމަށް ގަރާރުގައި ޝަމްހީދު ފާހަގަކޮށްފައިވެއެވެ. އަދި ދައުލަތުގެ މާލިއްޔަތު ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތް ނޫން ގޮތަކަށް ފައިސާއިން ހަރަދުކުރުމާއި މުދަލެއް ވިއްކައިލުމާއި ނައްތައިލުން ފަދަ ކަންކަމަކީ މަނާކަމެއްކަމަށް ވެސް މާލިއްޔަތު ގާނޫނުގައި ބަޔާންކޮށްފައިވާކަން ގަރާރުގައި ފާހަގަކޮށްފައިވެއެވެ.
ދައުލަތުގެ ފިސްކަލް ޒިންމާގެ ގާނޫނުގައި ސަރުކާރުން އެމްއެމްއޭއިން ދަރަންޏަށް ފައިސާ ނަގަން ވާނީ ދައުލަތުގެ ކޭޝްފްލޯ މެނޭޖުކުރުމަށް، ގިނަވެގެން 91 ދުވަސް ތެރޭ އެ ފައިސާ އަނބުރާ ދައްކާ ގޮތަށް އެޑްވާންސެއްގެ ގޮތުގައި ކަމަށް ބަޔާންކޮށްފައިވާކަން ޝަމްހީދުގެ ގަރާރުގައި ފާހަގަކޮށްފައިވެއެވެ. އަދި މިގޮތަށް ވެސް ފައިސާ ނެގޭނީ ފާއިތުވި ތިން އަހަރުދުވަހުގެ ތެރޭގައި ސަރުކާރަށް ލިބުނު ޖުމުލަ އާމްދަނީގެ މައްޗަށް ބިނާކޮށް އަހަރަކަށް ޖެހޭ އެވަރެޖް އާމްދަނީގެ 2.5 ޕަސަންޓަށްވުރެ އިތުރު ނުވާނެ ގޮތެއްގެ މަތިން ކަމަށް އެ ގާނޫނުގައި ކަނޑައަޅާފައިވާކަމަށް ގަރާރުގައި ބުނެފައިވެއެވެ.
ގަރާރުގައި އެމްއެމްއޭގެ މައިގަނޑު މަގުސަދެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ އިގުތިސާދީ ކުރިއެރުމަށް މަގުފަހިވާ ގޮތެއްގައި އަގުތައް އެއް ހަމައެއްގައި ހިފެހެއްޓުމާއި އެކަމަށް މަގުފަހިވާނޭހެން މާލީ ހަމަޖެހުން ގާއިމުކުރުން، އަދި އިޖުތިމާއީ ހަމަޖެހުމާއި ކުރިއެރުން ގެނައުމަށް ސަރުކާރަށް އެހީތެރިވުންކަމަށެވެ. މިފަދަ ގަރާރެއް ޝަމްހީދު ހުށަހެޅުއްވުމުން، މަޖިލީހުން އެމްއެމްއޭގެ މި މައްސަލައާމެދު ކޮން ފިޔަވަޅެއްތޯ އަޅާނީ މަޖިލީހުގެ މެންބަރުން މިހާރު ވަނީ ހޫނު ބަހުސްތަކެއް ކުރަން ފެށިފައެވެ.