
މިއަދު ބޭއްވުނު ކޮމިޓީގެ ބައްދަލުވުމުގައި ހާޒިރުވި ހުރިހާ މެންބަރުން ވަނީ ހުސައިން ޝަހީދުގެ ނަންފުޅަށް ތާއީދުކޮށްފައެވެ.
ކޮމިޓީގައި މެންބަރުން ދެއްކެވި ވާހަކަފުޅުތަކުގައި މި ނަންފުޅަކީ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ އިންޓަވިއުކުރުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅެއް ކަމަށްވާތީ، އިތުރު ދިރާސާއެއް ކުރުމަކާ ނުލައި ރުހުން ދިނުމަށް ނިންމާފައިވާކަން ފާހަގަކުރެވެއެވެ. މިގޮތުން ކޮމިޓީން އިތުރު އެއްވެސް ދިރާސާއެއް ނުކޮށް ވަނީ ވޯޓަށް އަހައި މި ނަންފުޅު ފާސްކޮށްފައެވެ.
ހުސައިން ޝަހީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލައްވާފައިވަނީ ޖޭއެސްސީއިން ދެވަނަ ފަހަރަށް މި މަގާމަށް އިއުލާން ކުރުމުންނެވެ. ޖޭއެސްސީން މި މަގާމަށް އިއުލާން ކުރީ އޭސީސީން ބަލަމުންދިޔަ މައްސަލަތަކަކާ ގުޅިގެން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑް ކުރުމަށް ނިންމުމާ ގުޅިގެން، ފަނޑިޔާރު ހުސްނުއްސުއޫދު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
މި މަގާމަށް ހުސައިން ޝަހީދު ހަމަޖެއްސުމަށް ޖުޑީޝިއަރީ ކޮމިޓީން ނިންމި ނިންމުން ފާސްކުރުމަށް މަޖިލީހުގެ ޖަލްސާއަށް ހުށަހެޅޭނެއެވެ. މަޖިލީހުގެ ޖަލްސާއިން ފާސްވުމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ހުސައިން ޝަހީދު ހަމަޖެއްސޭނެއެވެ. ހުސައިން ޝަހީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމު ހަމަޖެހުމާއެކު ހައި ކޯޓުގެ އިސް ފަނޑިޔާރުކަމުގެ މަގާމު ހުސްވާނެއެވެ.