
ސަހަރާގައި ބައިބަލާ ކުޅޭ ކޯޓެއް ހަދަމުންދާ ކަން އެނގުނީ ދިވެހި ތާރީހު ދިރާސާކުރައްވާ ބޭފުޅެއް ކަމަށްވާ ނާޖިހު ދީދީ، އެކްސްގައި ފޮޓޯތަކެއް ހިއްސާކުރުމުންނެވެ.
މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް މި މައްސަލައާ ގުޅޭގޮތުން ވިދާޅުވެފައިވަނީ ސިޓީ ކައުންސިލުން އެ ސަހަރާގައި ކުރަމުންދަނީ ސާފުކުރުމުގެ މަސައްކަތްތަކެއް ކަމަށާއި، ބައިބަލާ ކޯޓެއް އެޅުމުގެ ހުއްދަ އެއްވެސް ފަރާތަކަށް ދީފައިނުވާ ކަމަށެވެ. އަދި ސަހަރާގައި ބައިބަލާ ކޯޓެއް އޮތްކަން އެނގުމުން ވަގުނުން ނަގާފައިވާނެކަމަށެވެ.
ކޯޓު އެޅުމުގެ މަސައްކަތުގައި ބިދޭސީން ބަޔަކު ހަރަކާތްތެރިވެ، ވެލި ބަސްތާތަކާއެކު ޕިކަޕެއް ވެސް އެ ސަރަހައްދަށް ވައްދާފައިވާކަމަށް ބައެއް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް މިކަމުގެ ހަގީގަތެއް އަދި ސާފެއް ނުވެއެވެ.
ބައިބަލާ އެސޯސިއޭޝަނުގެ އޮފިޝަލަކު ބުނެފައިވަނީ މިއީ އެ އެސޯސިއޭޝަނުން ހިންގި މަސައްކަތެއް ނޫން ކަމަށެވެ. ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ސަހަރާއަށް ވަދެ ކޯޓު އެޅީ ކޮން ބައެއްކަން އަދި ނޭނގެއެވެ.
މާފަންނު ސަހަރާއަކީ ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި ޝަހީދުވި ބައެއް އާންމުން ވަޅުލާފައިވާ ތާރީހީ ތަނެކެވެ. މި ސަހަރާގައި އެންމެ ފަހުން މީހުން ވަޅުލީ 90 ގެ ފަހު އަހަރުތަކުގައެވެ.
ސިޓީ ކައުންސިލުން ފަހަކަށް އައިސް ސަހަރާ ސާފުކުރުމުގެ މަސައްކަތް ފަށާފައިވަނީ މާލެއަށް ދިމާވެފައިވާ ޕާކިން މައްސަލަ ހައްލުކުރުމަށް ޕާކިން ޒޯނެއް ހެދުމަށް ކަމަށް ބުނެއެވެ. ނަމަވެސް މިކަމަށް އާންމުންނާއި ތާރީހު ދިރާސާކުރާ ބޭފުޅުން ވެސް ވަނީ ފާޑުކިޔައި، ނުރުހުން ފާޅުކޮށްފައެވެ. އަދި ތާރީހީ ސަހަރާއަށް ބަދަލުގެނައުމާ ދެކޮޅަށް އަޑުއުފުލަމުންވެސް ދެއެވެ.