ads
އޭޓީއެމަށް ފައިސާ ޖަމާކުރަނީ - ފޮޓޯ:ބީއެމްއެލް
ކޯޓު އަމުރެއް ނެތި ސްކޭމް އެކައުންޓުތައް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް
ސްކޭމް މެދުވެރިކޮށް ރައްޔިތުންގެ އަތުން ފޭރިގަންނަ ފައިސާ އެކައުންޓުތަކުން ބޭރުކުރުމުގެ ކުރިން ހުއްޓުވުމަށް، ކޯޓު އަމުރެއް ނެތި ވެސް އެކައުންޓުތައް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ލިބިއްޖެއެވެ.
Advertisement

މި ބާރު ފުލުހުންނަށް ލިބުނީ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނައި އިސްލާހަށް ޢަމަލުކުރަން ފެށުމާ ގުޅިގެންނެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު ތަސްދީގުކުރެއްވި މި އިސްލާހުގައި، ސްކޭމްގެ މައްސަލަތަކުގައި ކޯޓު އަމުރެއް ނެތި އެކައުންޓުގައި ހުންނަ ފައިސާ ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ލިބިދީފައިވެއެވެ. މި އިސްލާހަށް އަމަލުކުރަން ފަށާފައިވަނީ ގެޒެޓްކުރިތާ 30 ދުވަސް ފަހުންނެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 73 ވަނަ މާއްދާގެ (ހ) އަށް ގެނައި އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުން، ޖިނާއީ ބޮޑު ކުށެއް ނުވަތަ މަކަރާއި ހީލަތުން ނުވަތަ ސްކޭމަކުން އެކައުންޓްގެ ވެރިފަރާތަށް އޮޅުވާލައިގެން ފައިސާ ނަގަމުންދާ ކަމަށް ބާރުދޭ ސަބަބުތަކެއް ހުރިނަމަ، އެ އެކައުންޓުގައިވާ ފައިސާ އާއި ކުށްކުރުމަށް ފައިސާ ޓްރާންސްފާ ކުރެވުނު އެކައުންޓުގައިވާ ފައިސާ ވަކި މުއްދަތަކަށް ހިފެހެއްޓުމަށް ނުވަތަ އެ ފައިސާއިން މުއާމަލާތްކުރުން ހުއްޓުވިދާނެއެވެ.

މީގެ އިތުރުން، ކޯޓު އަމުރަށް އެދި ހުށަހަޅާ ހުށަހެޅުމާމެދު ގޮތެއް ނިންމުމަށް ކޯޓުން ހޭދަވާ މުއްދަތުގައި، އެކައުންޓުގެ ވެރިފަރާތް ނުވަތަ ތިންވަނަ ފަރާތެއްގެ ހައްގު ރައްކާތެރިކުރުމުގެ ގޮތުން އެކައުންޓުގައިވާ ފައިސާ ހިފެހެއްޓުމަށް ނުވަތަ އެ ފައިސާއިން މުއާމަލާތްކުރުން ހުއްޓުވުމުގެ އަމުރެއް ފުލުހުންނަށް ނެރެވިދާނެއެވެ. އަދި ސަބް އިންސްޕެކްޓަރ އޮފް ޕޮލިސްގެ ރޭންކުން ފެށިގެން މަތީ ރޭންކެއްގެ އޮފިސަރަކަށް މިފަދަ އަމުރެއް ނެރުމުގެ ބާރު ލިބިގެންވެއެވެ.

މިއާއެކު ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ސައިބާސްޕޭސްގެ ކުށްތަކާއި ގުޅޭ ބައިތައް ވެސް ހިމަނާފައިވެއެވެ. މި ގާނޫނީ އޮނިގަނޑު ހަރުދަނާކުރުމުގެ މަގްސަދަކީ ސައިބާސްޕޭސްގައި ކުރާ ކުށްތައް ރާއްޖޭގައި އިތުރުވަމުން އަންނާތީ، މިފަދަ ކުށްތައް ހުއްޓުވުމަށާއި އެފަދަ ކުށްތައް ތަހުގީގުކޮށް ދައުވާކުރުމަށް ތަންފީޒީ އިދާރާތަކަށް ބޭނުންވާ ބާރުތައް ހޯދައިދިނުމެވެ. ސައިބާ ކްރައިމްއާއި ކޮމްޕިއުޓަރ ސިސްޓަމާއި އިލެކްޓްރޯނިކް ހެކި އެކުލެވޭ ކުށްތައް ހުއްޓުވުމަށް ގާނޫނީ ބާރުވެރިކަން ހޯދައިދިނުމަށް މި އިސްލާހުން މަގުފަހިކޮށްދެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް