
މިއީ ޝާމިލް މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށްގެން ދޮގު މައުލޫމާތު ހިމަނައިގެން ކަމަށް ތުހުމަތުކުރާ މައްސަލައެކެވެ.
ޑރ. އަޒްމިރަލްދާ މި މައްސަލަ އޭސީސީއަށް ހުށަހަޅުއްވާފައިވަނީ މި މަހުގެ 10 ވަނަ ދުވަހުއެވެ.
އޭސީސީގެ ރައީސްއާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައެއް އެ ކޮމިޝަނުގައި ރަޖިސްޓްރީ ކޮށްފައިވާ ކަމަށް އެ ކޮމިޝަނުން މިއަދު ވަނީ ބުނެފައެވެ.
އަޒްމިރަލްދާ ހުށަހެޅުއްވި ސިޓީގައި ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި، އޭސީސީން ޖޭއެސްސީއަށް ސިޓީ ފޮނުވާފައިވަނީ އާއްމު އުސޫލާ ހިލާފަށް ޖެމްސް މެދުވެރިކޮށް ނޫންކަމާއި އަތުން އަތަށް ކަމަށާއި، އޭސީސީން ފޮނުވި ސިޓީގައި ސިޓީ ނަންބަރެއް ނެތްކަމަށާއި، އަދި އޭސީސީން އަޒްމިރަލްދާގެ މައްޗަށް ޖިނާއީ ތަހުގީގެއް ކުރަމުންދާކަމަށް ސިޓީއަކުން ޖޭއެސްސީއަށް އެންގިއިރު އޭނާގެ މައްޗަށް ޖިނާއީ ތަހުގީގެއް ކުރަން އޭސީސީން ނިންމާފައިނުވާކަން ހިމެނެއެވެ.
ފަނޑިޔާރު އަޒްމިރަލްދާގެ ސިޓީގައި ވަނީ ޝާމިލްގެ މި އަމަލަކީ ސުޕްރީމް ކޯޓުގައި ތާވަލްކޮށްފައި އޮތް ޝަރީއަތެއް ހުއްޓާލައި ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވުމަށް ގާނޫނުއަސާސީއާ ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި އެއީ ރަސްމީ ހައިސިއްޔަތު ނުވަތަ އެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށް، ތިމާއަށް އަދި މަންފާ ލިބެންނުޖެހޭ ފަރާތަށް މަންފާ ހޯދައިދިނުމުގެ މަގުސަދުގައި ކޮށްފައިވާ ކަމެއް ކަމަށްވެސް ވިދާޅުވެފައިވެއެވެ.
އޭސީސީން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ، އަޒްމިރަލްދާގެ އިތުރުން، ސުޕްރީމް ކޯޓުގެ ފަނޑީޔާރު މަހާޒު އަލީ ޒާހިރު އަދި ހުސްނުއްސުއޫދު ސަސްޕެންޑު ކުރީ މިދިޔަ މަހުގެ ފަހުކޮޅުއެވެ. ހުސްނުއްސުއޫދު މިހާރު ވަނީ އެ މަގާމުން އިސްތިއުފާ ދެއްވާފައެވެ. ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތުތަކުން ވަގުތީ ގޮތުން އަޒްމިރަލްދާ އެކަހެރިކުރިއަސް އޭނާގެ މައްޗަށް އެއްވެސް ތުހުމަތެއްގައި އެއްވެސް މައްސަލައެއް ބަލާކަން އޭސީސީން އަންގާފައި ނުވާ ކަމަށް އޭނާގެ ސިޓީގައި ފާހަގަކުރައްވާފައިވެއެވެ.