ads
އެއާ އެންބިއުލާންސް
އަހަރެއް ތެރޭގައި އެއާ އެމްބިއުލާންސްއިން 900 އަށްވުރެ ގިނަ ބަލިމީހުން އުފުލައިފި
ސަރުކާރުން އެއާ އެމްބިއުލާންސްގެ ކިދުމަތް ތައާރަފުކޮށް އެއް އަހަރު ފުރުމާއެކު، މިދިޔަ އަހަރުގެ ތެރޭގައި 900 އަށްވުރެ ގިނަ ބަލިމީހުން އެމަޖެންސީ އިވެކުއޭޝަންތަކުގައި އުފުލާފައިވާކަމަށް ގައުމީ އެއާލައިން މޯލްޑިވިއަންއިން ބުނެފިއެވެ.
Advertisement

އެ ކުންފުނިން ދިން މައުލޫމާތުގައި، ރާއްޖޭގެ އެކި ސަރަހައްދުތަކުން ޖުމުލަ 931 ބަލިމީހުން އުފުލުމަށް 787 ދަތުރު ކޮށްފައިވާކަމަށް ފާހަގަކޮށްފައިވެއެވެ.

މި ހިދުމަތަށް އަހަރެއް ފުރުން ފާހަގަކުރުމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީންއާއި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް އެއާކްރާފްޓް ބެއްލެވުމަށް ޒިޔާރަތްކުރެއްވިއެވެ. 

ޓްރާންސްޕޯޓު މިނިސްޓަރު އަމީން ވިދާޅުވީ، "މިއީ ރައީސުލްޖުމްހޫރިއްޔާގެ ކާއްސަ އިރުޝާދުފުޅާއެކު ގައުމީ ފެންވަރުގައި ކުރިއަށްގެންދެވޭ މަސައްކަތެއް،" ކަމަށެވެ. 

މި ހިދުމަތް ފެށިއިރު އެއްފަހަރާ ބަލި 2 މީހުން އުފުލޭގޮތަށް ހަމަޖެހިފައިވިނަމަވެސް، މިހާރު އެއްފަހަރާ ބަލި 3 މީހުން އުފުލޭ ކުރިއެރުން ހޯދާފައިވާކަމަށް މޯލްޑިވިއަންއިން ހާމަކޮށްފިއެވެ.

ހެލްތު މިނިސްޓަރު ނާޒިމް ރާއްޖެފަދަ ވަކިވަކި ރަށްތަކަކަށް ބެހިފައިވާ ގައުމެއްގައި މިއީ ސިއްހީ ނިޒާމު ވަރުގަދަކުރުމަށް ބޭނުންތެރި ހިދުމަތެއްކަން ފާހަގަކުރެއްވިއެވެ. އަދި މި ހިދުމަތް މިހާރަށްވުރެ އިތުރަށް ހަރުދަނާކުރުމަށް ސަރުކާރުގެ ޕްލޭންތަކެއް ހުރިކަމަށްވެސް ވިދާޅުވިއެވެ.

މޯލްޑިވިއަންގެ ސީނިއާ މެނޭޖަރު ޓެކްނިކަލް ސްޓްރެޓެޖީ އިސްމާއިލް އާތިފް މުހައްމަދު ވިދާޅުވެފައިވަނީ ހިދުމަތް ފުރިހަމަ ގޮތުގައި ދިނުމަށް 24 ގަޑިއިރު ކްރޫއިން ތައްޔާރަށް ތިބޭކަމަށެވެ. އެއާ އެމްބިއުލާންސްގައި މިހާރު ވެންޓިލޭޓަރއާއި އިންކިއުބޭޓަރއާއި އެހެނިހެން ކުއްލި ހާލަތަށް ބޭނުންވާ ވަސީލަތްތައް ގާއިމުކޮށްފައިވެއެވެ.

ޑޭޝް 8 މާކާގެ އެއާކްރާފްޓެއް ބޭނުންކޮށްގެން ދެމުންދާ މި ކިދުމަތަށް 15 މުވައްޒަފުން ތަމްރީންކޮށްފައިވާއިރު، ޑޮކްޓަރުންނާއި ނަރުހުންނާއި އެމަޖެންސީ މެޑިކަލް ޓެކްނީޝަނުން އެ ޓީމުގައި ހިމެނެއެވެ. މި ހިދުމަތް ރަސްމީކޮށް ފަށާފައިވަނީ 2023 ވަނަ އަހަރުގެ މާރިޗު 1 ވަނަ ދުވަހުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް