
ރައީސް މުއިއްޒުގެ އާއިލާގެ ފަރާތުން މި މައްސަލަ ކޯޓަށް ހުށަހެޅުއްވީ، ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމް ޝަކޫރު އެވެ. އެކަން އާޒިމާވަނީ ސޯޝަލް މީޑިއާގައި އާއްމު ކުރި ޕޯސްޓެއްގައި ހާމަ ކުރައްވާފަ އެވެ.
މިދިޔަ ހަފްތާގައި އާއިޝަތު އާޒިމް ޝަކޫރު ވަނީ މި މައްސަލާގައި ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ނެރުއްވި ނޫސްބަޔާނެއް އާއްމުކޮށްފަ އެވެ. ފަސްޓް ލޭޑީގެ ނޫސްބަޔާނުގައި ވިދާޅުވީ ސިޔާސީ ގޮތުން ރައީސް މުއިއްޒާ ހުރި ހިޔާލުތަފާތުވުންތަކަކާ ގުޅިގެން އެ މަނިކުފާނުގެ ދަރިކަލަކާ ގުޅިގެން ދޮގު ވާހަކަތައް ފަތުރަމުންދާ ކަމަށެވެ. އެކަމުގެ ތެރެއިން އެ ކުދިންގެ ކިޔެވުމާއި މުސްތަގްބަލާއި އިޖުތިމާއީ ހެދިބޮޑުވުމަށް އަސަރުކުރާ ފަދަ ވާހަކަތައް ދައްކަމުންދާ ކަމަށް ފަސްޓް ލޭޑީ ވިދާޅުވި އެވެ.
އާޒިމާ ވިދާޅުވީ، މައްސަލަ އިތުރަށް ދިރާސާކުރަމުން އަންނަ ކަމަށާއި އިތުރު ބަޔަކަށް ފިޔަވަޅު އަޅަން ޖެހިއްޖެނަމަ އެކަން ވެސް ކުރާނެ ކަމަށެވެ.