ads
އެސްއީޒެޑް ޓައުންޝިޕްގެ ކުރެހުމެއް
އެސްއީޒެޑް އަވަށްތަކުގައި ދުނިޔޭގެ ފެންވަރުގެ ތައުލީމީ އަދި ސިއްހީ ހިދުމަތްތައް
ރާއްޖޭގައި ގާއިމްކުރާ ސްޕެޝަލް އިކޮނޮމިކް ޒޯނު (އެސްއީޒެޑް) ތަކުގައި ތަރައްގީކުރާ ސަސްޓެއިނަބަލް ޓައުންޝިޕްތަކުގައި ދުނިޔޭގެ ފެންވަރުގެ ތައުލީމީ އަދި ސިއްހީ ހިދުމަތްތައް ހުންނަންޖެހޭނެ ކަމަށް ބޯޑު އޮފް އިންވެސްޓުމެންޓުން ނިންމައިފިއެވެ.
Advertisement

މި ނިންމުމަކީ ރާއްޖެ މި ސަރަހައްދުގައި ހެލްތު ޓޫރިޒަމް އަދި ތައުލީމީ ދާއިރާގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ގައުމަކަށް ހެދުމަށް އަމާޒު ހިފައިގެން ނިންމާފައިވާ ނިންމުމެކެވެ.

ބޯޑު އޮފް އިންވެސްޓުމެންޓުން އިއްޔެ ގެޒެޓުކުރި ސްޕެޝަލް އިކޮނޮމިކް ޒޯނު ފްރޭމްވޯކުގެ ދަށުން ތަރައްގީކުރާ ޓައުންޝިޕްތަކުގައި ހުންނަންޖެހޭނެ ޝަރުތުތަކުގެ ތެރޭގައި، މަތީ ފަންތީގެ ތައުލީމީ އަދި ސިއްހީ ހިދުމަތްތަކުގެ އިތުރުން ލަގްޒަރީ ވިލާތަކާއި އާއިލާތަކަށް ހާއްސަ އެންމެ މަތީ ފަންތީގެ ގެތައް ހިމެނެއެވެ. މީގެ އިތުރުން މި ޓައުންޝިޕްތަކުގައި ލަގްޒަރީ ރިސޯޓާއި ހޮޓާ އަދި މެރީނާވެސް ހުންނަންޖެހޭނެއެވެ.

މި ޓައުންޝިޕްތައް ތަރައްގީކުރުމަށް މަދުވެގެން 500 މިލިއަން ޑޮލަރު އިންވެސްޓުކުރަންޖެހޭނެ ކަމަށް ބޯޑު އޮފް އިންވެސްޓުމެންޓުން ބުނެފައިވެއެވެ. އަދި މި ޓައުންޝިޕްތަކަކީ އެންމެ މަތީ ފަންތީގެ މީހުން ރާއްޖޭގައި ދިރިއުޅެން ކަމުދާނެ ގޮތަކަށް ތަރައްގީކުރާ ތަންތަނަށް ވާންޖެހޭނެއެވެ.

ދެމެހެއްޓެނިވި ތަރައްގީއަށް އިސްކަންދިނުމުގެ ގޮތުން، މި ޓައުންޝިޕްތަކުގައި މަދުވެގެން 60 ޕަސަންޓު ދެމެހެއްޓެނިވި ހަކަތަ ބޭނުންކުރާ ހަކަތައާއި ކުނި މެނޭޖްކުރުމަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ގާއިމްކުރަންޖެހޭނެއެވެ. އަދި ޒަމާނީ ދަނޑުވެރިކަމުގެ ވަސީލަތްތަކާއި އެކުއަކަލްޗަރާ މެދުވެރިކޮށް ފުޑް ސެކިއުރިޓީ ޔަގީންކުރުމަށް މަދުވެގެން ދެ ބާވަތެއް އުފައްދަންޖެހޭނެއެވެ.

މީގެ އިތުރުން، މި ޓައުންޝިޕްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށާއި އެ މީހުންގެ އާއިލާތަކަށް ބޭނުންވާނެ ސިއްހީ، ތައުލީމީ އަދި ރެކްރިއޭޝަނަލް ވަސީލަތްތައްވެސް ގާއިމްކުރަންޖެހޭނެއެވެ. މިއީ ރާއްޖޭގައި ތަރައްގީކުރާ އެސްއީޒެޑް ޓައުންޝިޕްތަކުގައި ހުންނަންޖެހޭނެ ކަމަށް ބޯޑު އޮފް އިންވެސްޓުމެންޓުން ކަނޑައަޅާފައިވާ މައިގަނޑު ޝަރުތުތަކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް