
މިއީ އެމްއެމްޕީއާރުސީއިން އިންޑިއާ މާކެޓަށް އަމާޒުކޮށްގެން ހެދި މިފަދަ ފުރަތަމަ ޕާޓްނާޝިޕެވެ.
އެމްއެމްޕީއާރުސީން ބުނީ މިއީ ވިޒިޓް މޯލްޑިވްސްއިން އިންޑިއާއަށް އަމާޒުކޮށްގެން ހެދި މިފަދަ ފުރަތަމަ ޕާޓްނާޝިޕް ކަމަށެވެ. އަދި މި ޕާޓްނާޝިޕްގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް އެންމެ މުހިންމު އެއް މާކެޓުގައި ރާއްޖޭގެ މަގާމު އިތުރަށް ހަރުދަނާވެގެން ދާނެކަމަށް އެމްއެމްޕީއާރުސީއިން ބުނެއެވެ.
ދުނިޔޭގެ ދެވަނައަށް އެންމެ މަގުބޫލު ކުޅިވަރު ކްރިކެޓަކީ ޑިސްޕޯސަބަލް އިންކަމް ބޮޑު އޯޑިއަންސްއެއް ލިބިފައިވާ ކުޅިވަރެއްކަމުން މި ޕާޓްނާޝިޕަކީ އިންޑިއާގެ އިތުރުން ބައިނަލްއަގްވާމީ ފަތުރުވެރީންގެ މެދުގައި ރާއްޖޭގެ ބްރޭންޑް ހަރުދަނާކުރުމަށް އަޅާ ފިޔަވަޅެއް ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.
ފަސް އަހަރު ދުވަހު ޗެމްޕިއަންކަން ހޯދާފައިވާ މުމްބާއީ އިންޑިއަންސްއަކީ އިންޑިއާގެ އެންމެ ކާމިޔާބު އަދި އެންމެ އަގުހުރި ފަރެންޗައިޒް ކްރިކެޓް ޓީމު ކަމަށްވާއިރު، އިންޑިއާއަކީ ރާއްޖޭގެ ޓޮޕް ސޯސް މާކެޓަށް ވުމުން މި ޕާޓްނާޝިޕަކީ އިންޑިއާއިން އަންނަ ފަތުރުވެރީންގެ އަދަދު އިތުރުކޮށް އިންޑިއާގެ އެކި ސިޓީތަކުން ފަތުރުވެރިން އިތުރުކުރަން އުފެއްދޭނެ ޕާޓްނާޝިޕެއް ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.
އެ ކޯޕަރޭޝަނުން ބުނީ މި އަހަރު އިންޑިއާއިން 200،000 ފަތުރުވެރީން ގެނައުމަށް ކަނޑައަޅާފައިވާ އަމާޒަށް ވާސިލްވުމަށް ވެސް މި އެއްބަސްވުން ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ކަމަށެވެ. މި ޕާޓްނާޝިޕްގެ ތެރެއިން ޑިޖިޓަލް ޕްރޮމޯޝަންތަކާއި އޮންގްރައުންޑް އެކްޓިވޭޝަންތަކާއި ރާއްޖެއަކީ އެންމެ މަގުބޫލު ލަގްޒަރީ ޓްރެވަލް މަންޒިލްގެ ގޮތުގައި ޝައުގުވެރި ކެމްޕޭންތަކެއް ފަށާނެ ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.
ކްރިކެޓަކީ އިންޑިއާގައި އެންމެ މަގުބޫލު ކުޅިވަރުކަމުން، އައިޕީއެލް އަށް ބޮޑު އޯޑިއެންސެއް އޮވެ އެވެ. އަދި މި ލީގުގައި ބައިނަލްއަގްވާމީ ގިނަ ކުޅުންތެރިން ކުޅޭތީވެ، އިނގިރޭސި ވިލާތާއި، އޮސްޓްރޭލިއާ އާއި، ކެރީބިއަން އާއި، އެފްރިކާގައި ވެސް މި ލީގު މަޝްހޫރެވެ.
އަނެއްކޮޅުން މުމްބާއީ އިންޑިއަންސް ނިސްބަތްވަނީ އިންޑިއާގައި ކްރިކެޓުގެ ފޯރި އެންމެ ބޮޑު ސިޓީ ކަމަށްވާ މުމްބާއީ އަށް ކަމުން، އެ ކްލަބުގެ ސަޕޯޓަރުން ވަރަށް ގިނަ އެވެ. އިންޑިއާގެ ކްރިކެޓުގެ އެންމެ ބޮޑު އެއް ހަބު ކަމަށްވާ ވަންކެޑޭ ސްޓޭޑިއަމުގައި ހޯމް މެޗުތައް ކުޅޭ މި ކްލަބުގެ ކުރީގެ ކެޕްޓަނުންގެ ތެރޭގައި، ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ކްރިކެޓަރު ސަޗިން ޓެންޑުލްކާ އާއި، އޮސްޓްރޭލިއާގެ ރިކީ ޕޮންޓިން ހިމެނެ އެވެ. މި ޓީމުގެ ކޯޗަކީ، ޓެންޑުލްކާމެންގެ ޒަމާނުގައި ސްރީ ލަންކާގެ ކެޕްޓަންކަންކުރި މަހޭލާ ޖަޔަވަރްދަނާ އެވެ.
މި އަހަރުގެ އައިޕީއެލް އަންނަ ހޮނިހިރު ދުވަހު ފަށާއިރު، މުމްބާއީ އިންޑިއަންސްގެ ފުރަތަމަ މެޗު އޮންނާނީ އަންނަ އާދީއްތަ ދުވަހު ޗެންނާއީ ސުޕަ ކިންގްސްއާ ދެކޮޅަށް މެޑްރާސްގަ އެވެ.
އިނގިރޭސިވިލާތާއި ޔޫރަޕްގައި ރާއްޖެ އިޝްތިހާރުކުރުމުގެ ގޮތުން އިނގިރޭސި ޕްރިމިއާ ލީގުގައި ނަން ހިނގާ ކްލަބް ލިވަޕޫލް އެފްސީއާ އެކު ރާއްޖެއިން ވަނީ މިފަހުން ސޮއިކޮށްފަ އެވެ. އެ އެއްބަސްވުމުގެ ދަށުން ރާއްޖެއަކީ އެ ކުލަބުގެ ރަސްމީ ޓޫރިޒަމް މަންޒިލެވެ.