ads
އެލަން މަސްކު އަދި ލިޔުންތެރިޔާ އެޝްލީ ސެއިންޓް ކްލެއާ
އެލަން މަސްކާ ދެކޮޅަށް ވާހަކަ ނުދައްކަން 40 މިލިއަން ޑޮލަރު ހުށަހެޅި
ދުނިޔޭގެ އެންމެ މަޝްހޫރު އެއް ބިލިއަނަރު އެލަން މަސްކާ ބެހޭގޮތުން ތައްޔާރުކުރި އާ ޑޮކިއުމެންޓްރީއެއްގައި ބައިވެރިނުވެ ހަނުހުރުމަށް، 40 މިލިއަން އެމެރިކާ ޑޮލަރުގެ ބޮޑު ހުށަހެޅުމެއް ލިބުނު ކަމަށާއި ނަމަވެސް އެ ހުށަހެޅުން ދޫކޮށްލި ކަމަށް މަސްކްގެ ދަރިއަކު ހުންނަ ލިޔުންތެރިޔާ އެޝްލީ ސެއިންޓް ކްލެއާ ހާމަކޮށްފި އެވެ.
Advertisement

އިޓަލީގެ ވެނިސް ފިލްމު ފެސްޓިވަލްގައި ވާހަކަދައްކަމުން އެޝްލީ މިކަން ހާމަކުރި ނަމަވެސް، މަސްކް ވަނީ އެ ވާހަކަތައް ވަގުތުން ދޮގުކޮށްފައެވެ.

އެޝްލީ ބުނި ގޮތުގައި މަސްކްގެ ވާހަކަތައް ސިއްރުކުރުމުގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް މި ހުށަހެޅުން އައީ މަސްކްގެ ބިޒްނަސް މެނޭޖަރު މެދުވެރިކޮށެވެ. މިއީ މަޝްހޫރު ޑައިރެކްޓަރު އެލެކްސް ގިބްނީ، މަސްކާ ގުޅޭގޮތުން އުފެއްދި "މަސްކް" ނަމަކަށް ކިޔާ ޑޮކިއުމެންޓްރީގައި އޭނާ ބައިވެރިވުން ހުއްޓުވުމަށް ހުށަހެޅި ފައިސާއެއް ކަމަށް އޭނާ ތުހުމަތުކުރެ އެވެ. 

މި ބޮޑު އަދަދުގެ ފައިސާގެ ހުށަހެޅުން ދޫކޮށްލި ސަބަބާ ބެހޭގޮތުން ވާހަކަދައްކަމުން އެޝްލީ ބުނީ، ދިރިއުޅުމުގައި އެއްވެސް އަގެއް ހަގީގަތް ހާމަކުރުމަށްވުރެ މުހިންމު ނޫންކަން އަމިއްލަ ދަރިންނަށް ދަސްކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ދެކޭތީ ކަމަށެވެ. އެހެންކަމުން، ފައިސާއަށްޓަކައި ހަނުހުރުމުގެ ބަދަލުގައި ހަގީގަތް ހާމަކުރުމަށް އިސްކަންދިނީ ކަމަށް އޭނާ ބުންޏެވެ.

ނަމަވެސް، އެޝްލީގެ މި ތުހުމަތުތަކާ ގުޅިގެން މަސްކް ވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި އެކަން ކަނޑައެޅިގެން ދޮގުކޮށްފައެވެ. މަސްކް ބުނީ 40 މިލިއަން ޑޮލަރު ހުށަހެޅި ކަމަށް ބުނާ ވާހަކައަކީ ކަނޑައެޅިގެން ހަދައިގެން އުޅޭ ދޮގެއް ކަމަށާއި، އެފަދަ އެއްވެސް މުއާމަލާތެއް ނުވަތަ ހުށަހެޅުމެއް ހިނގާފައި ނުވާނެ ކަމަށެވެ. 

މި މައްސަލައާ ގުޅިގެން ރަސްމީ އެއްވެސް ލިޔެކިޔުމެއް އަދި ތިންވަނަ ފަރާތެއްގެ ކަށަވަރުކުރުމެއް މިހާތަނަށް އާންމުކޮށްފައި ނުވާތީ، މިއީ އަދި ސާބިތުނުވާ ތުހުމަތެއްގެ ގޮތުގައި އޮތް ކަމެކެވެ. އެލެކްސް ގިބްނީ ތައްޔާރުކޮށްފައިވާ މި ޑޮކިއުމެންޓްރީއަކީ މަސްކްގެ ވިޔަފާރީގެ ދުނިޔެއާއި، އޭނާގެ ސިޔާސީ ނުފޫޒުގެ އިތުރުން އަމިއްލަ ދިރިއުޅުމުގެ އެކި ކަންކަމަށް ފާޑުކިޔައިގެން ތައްޔާރުކޮށްފައިވާ އުފެއްދުމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް