
ހިއްސާގެ ފައިދާގެ ގޮތުގައި ބަހަން ހުށަހެޅީ ހިއްސާއަކަށް 4.58 ރުފިޔާ އެވެ. ހިއްސާގެ ފައިދާ ބަހަން ހުށަހަޅަނީ ހިއްސާގެ ފައިދާގެ 50 ޕަސެންޓު ކޭޝް ޑިވިޑެންޑް ގޮތުގައި ދިނުމާ އެކު، ފައިދާގެ 50 ޕަސެންޓު ބޯނަސް ހިއްސާ ދިނުމަށެވެ.
ބޯނަސް ހިއްސާގެ ގޮތުގައި ހުށަހަޅާފައިވާ ހިއްސާ ދޫކުރަނީ 35ރ. ގެ ރޭޓުންނެވެ. އެމްއައިބީގެ 15 ވަނަ އަހަރީ އާންމު ޖަލްސާއާ ތާރީހާ ހަމައަށް އެ ބޭންކުގެ ހިއްސާދާރުންގެ ދަފުތަރުގައި ހިމެނޭ ހުރިހާ ކަސްޓަމަރުންނަށް ހިއްސާގެ ފައިދާގެ ގޮތުގައި ބަހާ ފައިސާ އާއި ބޯނަސް ހިއްސާ ލިބޭނެ އެވެ.
ހިއްސާގެ ފައިދާ ބެހުމާ ގުޅޭގޮތުން އެމްއައިބީގެ ބޯޑުން ނިންމާފައިވާ ހުށަހެޅުން ފާސްކުރާނީ މި އަހަރު ބާއްވާ އެ ބޭންކުގެ 15 ވަނަ އަހަރީ އާންމު ޖަލްސާގަ އެވެ. އެ ޖަލްސާގެ ނޯޓިސް އާއި އިތުރު މައުލޫމާތު އަންނަ މަހު އާއްމުކުރާނެ ކަމަށް އެމްއައިބީން ބުންޏެވެ.
އެމްއައިބީން ބުނީ އެ ޖަލްސާގެ "ރިކޯޑް ތާރީހާ" ހަމައަށް އެ ބޭންކުގެ ހިއްސާދާރުންގެ ދަފުތަރުގައި ހިމެނޭ ހުރިހާ ފަރާތްތަކަށް ހިއްސާގެ ފައިދާގެ ގޮތުގައި ބަހާ ފައިސާ އާއި ބޯނަސް ހިއްސާ ލިބޭނެކަމަށެވެ.
ވޭތުވެދިޔަ އަހަރަކީ އެމްއައިބީއަށް ކާމިޔާބު އަހަރެކެވެ. އެގޮތުން އެބޭންކުން ވަނީ އާ ސާވިސް ސެންޓަރުތައް ހުޅުވާ ޑިޖިޓަލް ބޭންކިންގެ ވަސީލަތްތައް އިތުރަށް ފުރިހަމަކޮށް އެ ބޭންކުގެ ހިދުމަތްތައް ފުޅާކޮށް، ބައިނަލްއަގްވާމީ ތިން އެވޯޑެއް ހޯދާފަ އެވެ.
އެމްއައިބީއަކީ ރާއްޖޭގެ ފުރަތަމަ އަދި ހަމައެކަނި ފުލްފްލެޖް އިސްލާމިކް ބޭންކެވެ. އަދި ރާއްޖޭގައި ޑިޖިޓަލްކޮށް ހުރިހާ ހިދުމަތެއް ދޭން ފެށި ފުރަތަމަ ބޭންކެވެ.