ads
ގެވެށި އަނިޔާ——
އައްޑޫ ސިޓީގައި ގެވެށި އަނިޔާގެ ވިކްޓިމުންނަށް ހާއްސަ ހިޔަލެއް
އައްޑޫ ސިޓީ ހިތަދޫގައި ގެވެށި އަނިޔާ އަދި ޖެންޑާ ބޭސްޑް ވަޔަލެންސްގެ ޝިކާރައަކަށްވާ ފަރާތްތަކަށް ހާއްސަ ހިޔާއެއް އެޅުމަށް ސަރުކާރުން އިއުލާންކޮށްފިއެވެ.
Advertisement

މި މަޝްރޫއު ކުރިއަށް ގެންދަނީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)ގެ އެހީގައި ހިންގާ ސްޓްރެންތެނިން ޖެންޑާ އިންކްލޫސިވް އިނިޝިއޭޓިވް ޕްރޮޖެކްޓުގެ ދަށުންނެވެ.

ފައިނޭންސް އެންޑް ޕްލޭނިން މިނިސްޓްރީން ހާމަކުރި ގޮތުގައި، މި މަޝްރޫއުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އޯޕަން ކޮމްޕެޓިޓިވް ބިޑިން އުސޫލުގެ މަތިން ބީލަން ހުޅުވާލާފައިވެއެވެ. ބީލަމުގައި ބައިވެރިވާ ފަރާތްތަކުން 1,500 ރުފިޔާ ނުވަތަ 100 ޔޫއެސް ޑޮލަރުގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެއެވެ. ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ އެޕްރީލް 28 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައި ފައިނޭންސް މިނިސްޓްރީގެ ނެޝަނަލް ޓެންޑާ ޑިޕާޓްމަންޓުގެ ޖަލްސާކުރާ މާލަމުގައެވެ.

މި މަޝްރޫއު ކުރިއަށް ގެންދާނީ ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދާއި، އިކޮނޮމިކް އެންޑް ޑިވެލޮޕްމަންޓް މިނިސްޓްރީގެ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީއާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. ޖެންޑާ މިނިސްޓްރީގެ ބޭނުމަށް ކުރިއަށް ގެންދެވޭ މި މަޝްރޫއުގެ ސަބަބުން، ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.

ރާއްޖޭގައި ގެވެށި އަނިޔާގެ މައްސަލަތައް އިތުރުވަމުން އަންނަ ދަނޑިވަޅެއްގައި މި ފަދަ ހިޔާއެއް އެޅުމަކީ ވިކްޓިމުންނަށް ލިބިގެންދާނެ ބޮޑު ހިތްވަރެއް ކަމަށް ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ފާހަގަކުރަމުންދެއެވެ. އައްޑޫ ސިޓީގައި މި ފަދަ ހިޔާއެއް ގާއިމުކުރުމުން ދެކުނު ސަރަހައްދުގެ ރަށްތަކުގައި ދިރިއުޅޭ ފަރާތްތަކަށްވެސް މީގެ ފައިދާ ކުރާނެ ކަމަށް ބެލެވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް