ads
މަޝްހޫރު ފުޓްބޯޅަ ކޯޗު އިހްސާން އަބްދުލްޣަނީ (ސާންތި)
ސާންތި ނިޔާވުމަކީ ދިވެހި ކުޅިވަރަށް ލިބުނު ހުސްކަމެއް
މަޝްހޫރު ފުޓްބޯޅަ ކޯޗު އިހްސާން އަބްދުލްޣަނީ (ސާންތި) ނިޔާވުމަކީ ދިވެހި ކުޅިވަރުގެ ދާއިރާ އަށް ލިބުނު ހުސްކަމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

އެމަނިކުފާނު މިފަދައިން ވިދާޅުވީ، އިޙްސާން ޢަބްދުލްޣަނީ ނިޔާވުމާގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ވިދާޅުވީ، ކުޅިވަރުގެ ރޮނގުން، ވަކީން ހާއްސަކޮށް ފުޓްބޯޅައިގައި ބައިނަލްއަގުވާމީ އަދި ގައުމީ ފެންވަރުގައިވެސް ދިވެހިރާއްޖެ ފަހުރުވެރިވާ ހިދުމަތްތަކެއް ގައުމަށް ކޮށްދެއްވާފައިވާ މަޝްހޫރު ފުޓްބޯޅަ ކޯޗު އިހުސާން ޢަބްދުލްޣަނީ (ސާންތީ) އަވަހާރަވުމަކީ، ދިވެހި ކުޅިވަރުގެ ދާއިރާއަށް ލިބުނު ބޮޑު ހިތާމައެއް އަދި ހުސްކަމެއްކަމަށެވެ.

ހިތާމައިގެ މިވަގުތު ކުޅިވަރުގެ ދާއިރާގެ ހުރިހާ ހިދުމަތްތެރީންނަށް އަދި މަރުހޫމްގެ ލޮބުވެތި އާއިލާއަށް ރައީސް ވަނީ ތައުޒިޔާ ދަންނަވާފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން ކެންސަރު ބައްޔަށް ސާންތީ ފަރުވާ ހޯދަމުން ދިޔައީ އިންޑިޔާގައެވެ. އެހެންނަމަވެސް ސާންތީވަނީ މީގެ ދުވަސްކޮޅެއް ކުރިން މާލެއަށް އެނބުރި އައިސްފައެވެ. ނިޔާވީ ޓްރީޓޮޕް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުންދަނިކޮށް ކަމަށްވަނީ މައުލޫމާތު ލިބިފައެވެ. 

ސާންތީއަކީ ދިވެހި ފުޓްބޯޅައިގެ އަގު ނުކުރެވޭނެ ފަދަ ހިދުމަތްތެރިއެކެވެ. 2008 ވަނަ އަހަރު، ރާއްޖޭން އެންމެ ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރިއިރު ސާންތީވަނީ އޭރުގެ ކޯޗު ޖޯސެފް ޔަންކޭޒްގެ އެސިސްޓެންޓުންގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ.

މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގެ ޗެއާމަންކަންވެސް ކުރިން އަދާކުރި ސާންތީ ނިޔާވީ ގިނަ ދުވަސްތަކެއްވަންދެން ބަލިވެ އުޅުމަށް ފަހުއެވެ. 

ކްލަބް އީގަލްސްގެ ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރަމުގެ އިތުރުން ސާންތި އަކީ ގައުމީ ކުޅިވަރު މަޖިލީހުގެ ވެސް ކުރީގެ މެންބަރެކެވެ. އަދި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް ދިޔަ ދިވެހި ކޮންޓިންޖެންޓުގެ ޗެފް ޑި މިޝަންގެ ރޯލުވެސް ކުރިން ސާންތީ އަދާކުރި އެވެ.

އިހުސާންގެ މަރުގެ ހިތާމައިގައި ބައިވެރިވެ އެތައް ބަޔަކު ސޯޝަލް މީޑިއާގައި އަންނަނީ ތައުޒިޔާ ކިޔަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް