
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މިއަހަރު ހައްޖަށް ދެވޭނެ ކަމަށް ހައްޖު ކޯޕަރޭޝަންގެ ކިއުގައި ތިބި ހުރިހާ ފަރާތްތަކަށް މިއަހަރު ހައްޖަށް ދެވޭނެ ކަމަށެވެ.
މިއީ ޒަމާންތަކަކަށް ފަހު, އެ އަހަރެއްގައި ކިއުގައި ޖެހިފައި ތިބި އެންމެނަށް އެ އަހަރު ހައްޖަށް ދެވޭ ފުރަތަމަ ފަހަރު ކަމަށް ރައީސް ވިދާޅުވި އެވެ.
ހައްޖު ކޯޕަރޭޝަނަށް ފައިސާ ދައްކައިގެން ހައްޖު ކިއު ލިސްޓުން ޖާގަ ކަށަވަރުވީ ނަމަވެސް ފަރުޟު ހައްޖު އަދާކުރުމަށް ދިގު އިންތިޒާރެއްގައި ތިބި ރައްޔިތުންނަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ރާއްޖެއަށް ލިބޭ ރަސްމީ ހައްޖު ކޯޓާ އިތުރުކުރުމަށް ވެސް ސަރުކާރުން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ.
މީގެއިތުރުން ދާދިފަހުން ސަރުކާރުން ވަނީ އަލަށް ހައްޖުގެ އަޅުކަން އަދާކުރަން އެދޭ ފަރާތްތަކަށް އިސްކަންދޭ ގޮތަށް، ރާއްޖެއިން ޙައްޖަށް މީހުން ގެންދިޔުމާބެހޭ އުސޫލަށް ބަދަލު ގެނެސްފަ އެވެ. ރާއްޖެ އިން މީހުން ހައްޖަށް ގެންދަނީ ހައްޖު ކޯޕަރޭޝަނުގެ ހަވާލުގަ އެވެ.
އަދި ހައްޖު ފަންޑެއް ގާއިމްކޮށް ހައްޖަށް ދިއުމަށް ރައްޔިތުން ކުރާ ހޭދަ ކުޑަކުރުމަކީ ވެސް ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
ހައްޖު ކޯޕަރޭޝަނުން މީގެ ކުރިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި މިހާރު އެ ކޯޕަރޭޝަން މެދުވެރިކޮށް ހައްޖުގެ އަޅުކަން އަދާކުރުމަށް ކިޔޫގައި 9115 މީހުން އެބަތިއްބެވެ. މީގެ ތެރޭގައި 65 އަހަރުން ދަށުގެ 7543 މީހުންނާއި 65އަހަރާއި 75 އަހަރާ ދެމެދުގެ 1461 މީހުން އަދި 75 އަހަރުން މަތީގެ 111 މީހުން އެބަތިއްބެވެ.
މިހާރު ކިޔޫގައި ތިބި މީހުންގެ ތެރޭގައި އަލަށް ހައްޖަށް ދިއުމަށް އެދިފައިވަނީ 8623 މީހުންނެވެ. އެއީ 65 އަހަރުން ދަށުގެ 7150 މީހުންނާއި 65 އަހަރާއި 75 އަހަރާ ދެމެދުގެ 1370 މީހުން އަދި 75 އަހަރުން މަތީގެ 103 މީހުންނެވެ.