ads
އިސްލާމީ މަރުކަޒުގައި ހުކުރު ނަމާދު ކުރަނީ.
އަޅުން ކުރާ ހެޔޮ އަމަލު، މާތް ﷲ ގަބޫލުކުރެއްވިކަމުގެ ނިޝާންތަކެއްވޭ
އަޅުން ކުރާ ހެޔޮ އަމަލު، މާތް ﷲ ގަބޫލުކުރެއްވިކަމުގެ ނިޝާންތަކެއްވެ އެވެ. އެހެނީ މުސްލިމަކު ހެޔޮ އަމަލެއް ކުރުމަށް ފަހު އެންމެ މުހިންމު ކަމަކީ އެ އަމަލެއް ގަބޫލު ކުރައްވާތޯ ދެންނެވުމާއި އެ އަމަލު ކުރުންމަތީ ދެމިހުރުމުގެ ތައުފީގަށް އެދި ދުއާ ދެންނެވުމެވެ
Advertisement

އެގޮތުން ރަމަޟާން މަހު ނަމާދުގެ ޖަމާއަތަށް ރައްކާތެރިވެ، ގިނަގިނައިން ގުރްއާން ކިޔަވައި، މީސްތަކުންނަށް ހެޔޮފޯރުވައި އުޅުމަށްފަހު، ރަމަޟާން މަސް ނިމުމުން މި ކަންކަމަށް ފަރުވާކުޑަކޮށް، ފާފަތަކަށް އަރައިގަންނަމަ އޭގެ އެއް މިސާލަކީ މީހަކު އެތައް ހަރަދަކާއި، މަސައްކަތެއް ކޮށްގެން، ރަނގަޅު ބިނާއެއް ކުރުމަށްފަހު، އެ ބިނާ އަމިއްލަ އަތުން ފުނޑުފުނޑުކޮށްލުމެވެ.

އެހެނީ ރަމަޟާން މަހަކީ މުޅި އަހަރުތެރޭގައި ކުރެވުނު ފާފަތައް ފޮހެލުމަށް ﷲ ދެއްވާފައިވާ ރަނުގެ ފުރުސަތެ ކެވެ. އެހެން ކަމުން ރަމަޟާން މަސް ނިމުމަށް ފަހުވެސް ހެޔޮއަމަލު ކުރުން މަތީ ދެމިތިބެން އަޒުމު އާ ކޮށް ގަދަ އަޅާ ހިތްވަރުކުރަން ވާނެ އެވެ. 

ސަބަބަކީ އަޅުން ކުރާ ހެޔޮ އަމަލު، ﷲ ގަބޫލުކުރެއްވިކަމުގެ ނިޝާންތަކެއްވެ އެވެ. އެއީ، އެ އަމަލުތައް ކުރުން ދޫކޮށްނުލައި، ފާފަތަކަށް އަރައި ނުގަނެ ހުރުމާއި، ކުރެވުނު ހެޔޮ އަމަލުތައް ﷲގެ ހަޟްރަތުގައި މަގްބޫލު އަމަލަކަށް ނުވެ ހިނގައިދާނެތީ ބިރުވެތިވުމާއި، އިތުރު ހެޔޮ އަމަލުތައް ކުރުންމަތީ ދެމިހުރުމުގެ ތައުފީގު ލިބުމާއި، ހެޔޮ އަމަލާ މެދު ބޮޑާވުމުގެ ބަދަލުގައި، އެ އަމަލުގެ މަދުކަން އިހްސާސް ވުމާއި އަދި ހެޔޮ އަމަލަށާއި ޞާލިހުންނަށް ލޯބިޖެހި، ފާފަތަކަށާއި ފާސިގުންނަށް ނުރުހުންތެރިކަން އުފެދުމެވެ.

އެހެން ކަމުން ރަމަޟާން މަސް އަޅުގަނޑުމެންނާއި އަލްވަދާއުކީ ކަމުގައިވިޔަސް އިސްލާމް ދީނުގައި ލައްވައިފައިވާ ހެޔޮކަމުގެ ފުރުސަތުތައް ވަރަށް ގިނަ ކަން އަބަދުމެ ހަދާން ކުރާށެވެ. އޭގެތެރެއިން އެންމެ މުހިއްމު އެއް ފުރުސަތަކީ ޝައްވާލުމަހުގެ ހަ ރޯދަ އެވެ. 

''ރަމަޟާން މަހުގެ ރޯދަ ހިފުމަށްފަހު އެއާވިދިގެން، ޝައްވާލު މަހު ހަރޯދަ ހިފުމަކީ މުޅި އަހަރު ދުވަހު ރޯދަހިފުން ފަދަ ކަމެކެވެ." ނަބިއްޔާ صلى الله عليه وسلم ގެ ހަދީސް ބަސްފުޅުގެ މާނައިގައިވެ އެވެ.

ޝައްވާލު މަހުގެ ހަ ރޯދަ ހިފަން އޮތް އެންމެ މޮޅު އިތުރު ގޮތަކީ ޝައްވާލު މަހުގެ ދެވަނަ ދުވަހުން ފެށިގެން މެދުނުކެނޑި ހަ ދުވަހު ރޯދަ ހިފުމެވެ. ނަމަވެސް ޝައްވާލު މަހުގެ ކޮންމެވެސް ހަ ދުވަހެއްގައި ވަކިވަކިން ހިފި ކަމުގައި ވިޔަސް ފުދޭނެ ކަމަށް އިލްމުވެރިން އިރުޝާދު ދެއްވަ އެވެ.

މީގެ އިތުރުން ﷲ ސުބްހާނަހޫ ވަތައާލާ އަށް ލަދުވެތިވެ، ހެޔޮކަމުގައި މެދުނުކެނޑި ދެމިތިބުމަށް ދަމު ނަމާދުކުރުމާއި، ކޮންމެ ދުވަހަކު ވެސް ގުރްއާނުން މިންވަރެއް ކިޔެވުމާއި، ކެރި ކުޅަދާނަވީ މިންވަރަކުން ﷲ ގެ މަގުގައި ހޭދަކުރުމާއި، ގާތް ތިމާގެކަމުގެ ގުޅުން ދެމެހެއްޓުމާއި އަވަށްޓެރިންނާއި، މައިންބަފައިންގެ ހައްގުތަކާއި، އަނބި ދަރީންގެ ހައްގުތައް އަދާކުރުން ފަދަ ކަންތައްތަކަށް ރައްކާތެރިވުމަށް އެކަމު އަނެކަކަށް އަބަދުމެ ނަސޭހަތްތެރިވެ ނަމޫނާ ދެއްކުން މޮޅުއިތުރެވެ.

އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިވުމުގެ ދީން ކަމުގައިވާ، އިސްލާމް ދީނަކީ ސަލާމަތާއި، އަމާން ކަމުގެ ދީނެވެ. އަދި އަނިޔާވެރިކަމާއި، ހައްދު ފަހަނަ އެޅުމާ ދެކޮޅު ދީނެވެ. މީގެ އިތުރުން މީސްތަކުންގެ ފުރާނަޔާއި މުދަލަށް ގެއްލުންދިނުން ފަދަ ހަރުކަށި، އަނިޔާވެރި، އަމަލުތަކުން އިސްލާމް ދީން ބަރީއަވެގެންވާކަން އަބަދުވެސް ހަދާނުގައި ހަރުލެއްވުން ވަރަށް މުހިންމެވެ. އެހެން ކަމުން އީމާންކަމުން ފުރިގެންވާ ހިތަކަށް ނޫނީ ދުނިޔޭގައި ރަނގަޅު ހަޔާތެއް ނުލިބޭނެ ކަން ގަބޫލުކޮށް މުޖުތަމައުގެ އަމާންކަމާއި، ރައްކާތެރިކަން ދެމެހެއްޓުމަށް މަސައްކަތްކުރުމަކީ، އެންމެންގެ ޒިންމާއެއް ކަމަށް އަބަދުމެ ވަކާލާތު ކުރަން ވާނެ އެވެ.

އަޅުކަން ކުރުމަކީ، ހަމައެކަނި ވަކި މޫސުމަކާ ގުޅިފައި އޮންނަންވާނޭ ކަމެއް ނޫނެވެ. އެހެނީ ރަމަޟާންމަހުގެ ވެރި ﷲ އަކީ، އެހެނިހެން މަސްތަކުގެވެސް ވެރި ﷲ އެވެ. މުއުމިނުންނަކީ ވަކި މަހެއްގައި، ވަކި މޫސުމެއްގައި، ﷲ އަށް އަޅުކަން ކުރަން ޖެހޭ ބައެއް ނޫނެވެ. މުޅި ހަޔާތުގައި ވެސް އަޅުކަން ކުރަންޖެހޭނެ އެވެ. ބައެއް މޫސުންތަކުގައި އަޅުކަން ކުރުން ގިނަވެ އެވެ. ރަމަޟާން މަހަކީ އެފަދަ މޫސުމެކެވެ. އެއީ އެ މޫސުމުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށެވެ

ސުވަރުގެވަނުމަށް މަގުކޮށާ އިންސާނާގެ ހެޔޮކަމުގެ ނާރެހަކީ ހިތްކަމަށާއި މާތް ﷲ ބައްލަވާ ވޮޑިގެންވަނީވެސް ހިތައްކަމަށްވީއިރު ހިތް ރަނގަޅުކޮށް އިސްލާހުކުރުމަށާއި ހެޔޮކަމުގެ މަތީ ދެމިހުރެ، ސަލާމަތްވެގެންވާ ހިތަކާއިއެކު މާއްދީ ހަޔާތުގައި ތިބާގެ ދައުރު ފުރިހަމަކުރުމަށް ރޫހާނީ ބަޔަށް އިސްކަންދިނުމުގެ ގޮތުން އިސްސާނާގެ "ލަގަނަކީ" ހިތްކަމަށް ދެކި ގިޔާމަތްދުވަހު ސަލާމަތްކަމާއި އަމާންކަން ލިބުމަށް ހިތް ގާވިޔަ ނުވުމަށް ﷲ ހަނދުމަކުރުންމަތީ ދެމިހުރުމަށް އެދި ދަންނަވާށެވެ.

އަދި ނަބިއްޔާ صلى الله عليه وسلم ގެ ހުލްގުފުޅުން އިބްރަތް ހާސިލްކޮށް އެކަކު އަނެކަކުގެ ގޯސް ވާހަކަ ދެއްކުމާއި ޣީބަ ބުނުންފަދަ، މުޖުތަމައު ފަސާދައަށް ހުށަހެޅިގެންދާ ކަންތައްތަކުން ދުރުހެލިވެ، ދީނުގައި ރަނގަޅަށް ހިފާ، މުޖުތަމައު ބައިބައިވެ ނުދިއުމަށް ހިތްވަރުދީ ހައްޖަތުލް ވަދާއުގައި ރަސޫލު ﷲ صلى الله عليه وسلم ދެއްވި ހުތުބަތުލް ވަދާއުގައި އިސްލާމީ އުއްމަތަށް ދެއްވި ނަސޭހަތްތަކުގެ ހަނދާން އަބަދުވެސް އާކޮށް، އެކަންކަމުގައި ހިފާ މާތްﷲ އަށް ފުރިހަމައަށް ކުއްތަންވާ އަޅުންތަކެއްގެ ގޮތުގައި ހެޔޮ އަމަލު ކުރުމުގައި ހީވާގިވާށެވެ! اهْدِنَا الصِّرَاطَ الْمُسْتَقِيمَ "އަޅަމެނަށް ތެދުމަގު ދައްކަވާނދޭވެ! 

އަދި އެއްވާހަކަ އެވެ. 

އިންސާނާގެ އެންމެ ބޮޑު އަދާވާތްތެރިއަކީ ޝައިޠާނާ އެވެ. އެހެންކަމުން ޝައިޠާނީ ވަސްވާސްތަކުން ސަލާމަތްވުމަށް ގަދައަޅައި މަސައްކަތް ކުރާށެވެ. ހެޔޮކަމެއް ކުރެވުމުން އެކަމާ ބޮޑާ ނުވާށެވެ. ކުރެވުނު އަމަލުގެ ގިނަކަމުން، ސުވަރުގެ ޔަގީންވީކަމަށް އަހަރެމެން ދެކިގެން ނުވާނެ އެވެ.

މައުލޫމާތު: ދީނުގެ މަގު

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް