ހުސްވެފައިވާ ހައިކޯޓުގެ އިސްފަނޑިޔާރުކަމުގެ މަގާމަށް އެ ކޯޓުގެ އެންމެ ސީނިއަރ ދެ ފަނޑިޔާރުން ކަމަށްވާ، މުހައްމަދު ނިޔާޒް އަދި މުހައްމަދު ފައިސަލް ކުރިމަތިލައްވައިފި އެވެ.
ހައިކޯޓުގެ އިސްފަނޑިޔާރުކަމުގެ މަގާމު ހުސްވީ، އެ މަގާމުގައި ކުރިން ހުންނެވި ހުސެއިން ޝަހީދު، ސުޕްރީމް ކޯޓަށް ޕްރޮމޯޓް ކުރެއްވުމާ ގުޅިގެންނެވެ. ހައިކޯޓުގެ އިސްފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު ހަމަވީ މިއަދު އެވެ.
ހައިކޯޓުގައި މިވަގުތު ތިއްބެވި 10 ފަނޑިޔާރުންގެ ތެރެއިން އެންމެ ސީނިއަރ ފަނޑިޔާރަކީ ނިޔާޒްއެވެ. އޭނާއަކީ ޖޭއެސްސީގެ ނާއިބު ރައީސްވެސްމެއެވެ. ފަނޑިޔާރު ފައިސަލްއަކީ މި ވަގުތު ވަގުތީ ގޮތުން ހައިކޯޓު ހިންގެވުމާ ހަވާލުވެ ހުންނެވި، ހައިކޯޓުގެ ދެވަނަށް އެންމެ ސީނިއަރ ފަނޑިޔާރެވެ.
ހައިކޯޓަށް އިސްފަނޑިޔާރެއް ކަނޑައަޅާނީ ޖޭއެސްސީންނެވެ.