
ފިލްމަށް ފުރަތަމަ ދުވަހު އިންޑިއާގެ އެކި ކަންކޮޅުތަކުން ޖުމްލަ 26 ކުރޯޑް ރުފިޔާ ލިބިފައިވާކަމަށް ވަނީ ލަފާކުރެވިފައެވެ.
އީދު ދުވަހު ރިލީޒްކުރި ފިލްމަކަށްވީތީ މި އަދަދު ރަނގަޅު ކަމުގައި ބެލެވުނު ނަމަވެސް، ސަލްމާން ހާންގެ ކުރީގެ އީދު ފިލްމުތަކާ އަޅާބަލާއިރު މިއީ މަދު އަދަދެއްކަން ފާހަގަކުރެވެއެވެ.
"ސިކަންދަރު" އަކީ އެކްޝަން ގިނަ ފިލްމެއް ކަމަށްވާއިރު، ފިލްމުގެ އެކްޝަން މަންޒަރުތަކަށް ގިނަ ފޭންސުންނާއި ފިލްމު ރިވިއުކުރާ ފަރާތްތަކުން ވަނީ ތައުރީފުކޮށްފައެވެ. އެހެންނަމަވެސް، ފިލްމުގެ ވާހަކައާއި ލަވަތަކަށް ލިބިފައިވަނީ މެދުމިނުގެ ރިވިއުތަކެކެވެ. ގިނަ ފަރާތްތަކުން ފިލްމުގެ ވާހަކަ ސިފަކޮށްފައިވަނީ "އާދައިގެ" ގޮތަކަށް ލިޔެފައިވާ ވާހަކައެއް ކަމަށެވެ. އަދި ލަވަތައް "ފަސޭހައިން ހަނދާން ނެތޭ" ގޮތަކަށް ހުރި އެއްޗެހި ކަމަށް ވެސް ބައެއް މީހުން ބުނެފައިވެއެވެ. މި ކަންކަމުގެ ސަބަބުން ފިލްމުގެ ކުރިއެރުމަށް އަސަރުކުރާނެ ކަމަށް ވިޔަފާރި ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
ސަލްމާން ހާންގެ ކުރީގެ އީދު ފިލްމުތަކާ އަޅާބަލާއިރު "ސިކަންދަރު" ފިލްމަށް ލިބުނު 26 ކުރޯޑް ރުފިޔާއަކީ މަދު އަދަދެކެވެ. ނަމަވެސް، އީދު ފާހަގަކުރުމުގެ ގޮތުން ގިނަ ބަޔަކު ސިނަމާތަކަށް ދިއުމާއި، މި ދުވަސްވަރު އެހެން ބޮޑު ފިލްމެއް ނެތުމުގެ ސަބަބުން ކުރިއަށް އޮތް ދުވަސްތަކުގައި ފިލްމަށް ރަނގަޅު އާމްދަނީއެއް ލިބޭނެކަމަށް ވިޔަފާރި ދާއިރާގެ ތަޖުރިބާކާރުން އުންމީދުކުރެއެވެ.
ފިލްމު ރިލީޒްކުރި ދުވަހު ގިނަ ފޭންސުން ސިނަމާތަކަށް ގޮސްފައިވާއިރު، ސަލްމާން ހާން އޭނާގެ ގެލެކްސީ އެޕާޓްމަންޓްސް ގައި ބުލެޓްޕްރޫފް ބިއްލޫރިއެއްގެ ފަހަތުން ފޭންސުންނަށް ޓާޓާކިޔާ މަންޒަރުތައް ވަނީ މީޑިއާގައި ފެނިފައެވެ.