
ޓޫރިޒަމްގެ ގާނޫނުގެ ދަށުން، ދައުލަތުގެ އާންމު މަންފާއަށް ހިންގުމަށް ސަރުކާރުން ކަނޑައަޅާ މަޝްރޫއުތަކާއި އަދި އެ މަޝްރޫއުތަކާ ހަވާލުވާ ފަރާތްތަކުން އިންވެސްޓް ކުރަންޖެހޭ އެންމެ މަދު މިންވަރު ރައީސް ކަނޑައަޅުއްވަން ޖެހެ އެވެ.
އެ ގާނޫނުގެ ދަށުން ރައީސް ކުރިން ނެރުއްވި ގަރާރުގައި ރާއްޖޭގެ މިނިވަންކަމާއި ހަމަޖެހުން ގާއިމް ކުރަން ހިންގާ މަޝްރޫއުތަކަށް އިންވެސްޓް ކުރަންޖެހޭ އަދަދެއްގެ ގޮތުގައި ކަނޑައަޅުއްވާފައި ކުރިން އޮތީ 15 މިލިއަން ޑޮލަރެވެ.
ނަމަވެސް ރައީސް މިއަދު ނެރުއްވި ގަރާރުގައިވަނީ އެ އަދަދު 100 މިލިއަން ޑޮލަރަށް ބޮޑު ކުރައްވައިފަ އެވެ.
ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ހިމާޔަތްކޮށް ރައްކާތެރިކުރުމަށާއި، ގައުމުގެ ސުލްހަމަސަލަސްކަން ދެމެހެއްޓުމަށްޓަކައި މަޝްރޫއުތަކެއް ވަނީ ކުރިއަށް ގެންދަން ނިންމަވާފައިވާއިރު، އެ މަޝްރޫއުތަކުގެ ތަފްސީލްތަކެއް ސަރުކާރުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.
ނަމަވެސް ރާއްޖޭގެ އަސްކަރީ ގާބިލްކަން ވަރުގަދަކޮށް، ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ހިމާޔަތްކޮށް، ބެލެހެއްޓެވުމަށް ސަރުކާރުން ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރާއްޖެ ވައިގެ މަގުން ބެލެހެއްޓުމަށް މިހާރު ވަނީ ޑްރޯން ބޭނުން ކުރަން ފަށައިފަ އެވެ. އަދި ސަރުކާރުން އަސްކަރިއްޔާގެ ބޭނުމަށް "ކުރު ރާސްތާ" ގެ މި ސައިލް ގަންނަން އުޅޭ ކަމަށް ވެސް ބައެއް ރިޕޯޓްތައް ބުނެ އެވެ.