
"ޓައީއަށް ކޮންހާ ރުޅިއެއް ތި ބާލާލަނީ..؟ އަމިއްލަ ބޯ ނަގާފައި ފައިބުޑަށް އެއްލާލީމައި ދެވަނަ ދުވަހު އެދަފަ ޑްރާމާއަކަށް ތައްޔާރުވާން ފަހަރެއްގައި ދަސްވެދާނެ..!" ފަހަތުން ކަޔާންގެ އަޑު އިވުމުން ތާބިޝް ބަލައިލި އެވެ.
"ކީކޭ ކިޔަން ތިއުޅެނީ..؟" ތާބިޝްގެ ސުވާލާއެކު ކަޔާން މަލާމާތުގެ ހިނިގަނޑަކުން ތާބިޝްއަށް ޖަވާބުދިނެވެ.
"އަހަރުމެންގެ ހަށިގަނޑުގައި އެންމެ މައްޗަށް ބޯ، ހުންނަނީ ވަރަށް ގިނަ ސަބަބުތަކަށްޓަކައި.. އަހަރެން ގަބޫލުކުރާގޮތުގެ އޭގެ އެންމެ ބޮޑު ސަބަބަކީ ބޮލުގައި ސިކުނޑި ލައްވާފައިވުން.. މާނައަކީ އިންސާނާ ފުރަތަމަ އިސްކުރަންޖެހޭނީ އޭނާގެ ބުއްދިއާއި ވިސްނުމޭ..! ތިކަހަލަ ބޮލެއް ހުރުމަށްވުރެން ބަރަބޮލެއް ކަރަށް ވައްދައިގެން ހުއްޓަސް ތަންކޮޅެއް ފައިދާކުރާނެ ކަންނޭގެ..! ތާބިޝްކަހަލަ ޒަމާނީ ތައުލީމް ހޯދައިގެންހުރި ގާބިލް ޒުވާނަކު، އެފަދަ ޖާހިލު އަމަލެއް ހިންގީތީ އަހަރެން ހަމަ އަންތަރީސްވެއްޖެ..!" މަލާމާތުގެ ރާގުގައި ކަޔާން ވާހަކަދައްކަމުން ދިޔައީ އޭނާގެ ދެ ޖީބަށް އަތްޖަހައިގެން ޓެރަސްގެ ރެއިލިންގައި ލެގިލައިގެން ހުރެ އެވެ.
"އަހަރެން ކުރި ކުށަކާއި، ބުނަންއުޅޭ އެއްޗެއް ތަންކޮޅެއް ސާފުކޮށް ބުނެފާނަން..؟" ހިތްހަމަނުޖެހިފައި ތާބިޝް ބުނެލި އެވެ.
"ކުށޭ..؟ ތާބިޝް ކުށެށް ކުރިންތަ..؟ އަހަރެން ބުނަންޖެހޭ އެއްޗެއް އެބައޮތްތަ..؟ ތާބިޝްއަށް، ތާބިޝްގެ މަންމަ ނޭގުނީމައި އަހަރެން ހަމަ އަޖައިބުވެއްޖެ..! މީގެކުރިންވެސް އިނގޭ ތިއީ ބޮލެއް ނެތް ކުކުޅެއްކަން.. އެކަމަކު މިއަދު އަހަރެންގެ ކުރިމަތީގައި ތާބިޝްއަކީ ފިޔޮކަކަށްވެސް ނުވި..! މިއޮއްހައި ދުވަހު މިކަހަލަ ކަންކަމަށް އެއްޗެއް ނުބުނީ، މިގޭތެރޭގައި ހިނގަމުންދާ ކަންކަން ތާބިޝްއަށް އެނގޭކަމަށް ހީކޮށްފައި..! އެކަމަކު މިހާރު އެނގިއްޖެ މިގޭގައި އެކަންކަން ތަކުރާރުވަނީ ތިކަހަލަ ޖާހިލުންގެ ސަބަބުންކަން.. ތިއީ އަހަރެންގެ އެއްބަނޑުއެއްބަފާ ބޭބެއޭ ބުނަންވެސް މިއަދު ލަދުގަނެއްޖެ..!" ފަހު ޖުމުލަ ނިންމިއިރު ކާޔާންގެ ދެ ލޯ ރަތްވެއްޖެ އެވެ.
ތާބިޝްއާއި އެފަދަ ގޮތަކަށް ވާހަކަދައްކާން ޖެހުމަކީ ކަޔާންއަށްވެސް ފަސޭހަކަމެއް ނޫނެވެ. އެކަމަކު މިއަދު އެ ނޫން އެހެން ފޮމިއުލާއެއް ކަޔާންއަށް ނުފެނުނީ އެވެ. ޖީބުން އަމިއްލަ ފޯނު ނަގާފައި ގަދަކަމުން ތާބިޝްގެ އަތަށް ލާފައި ކަޔާން ހިނގައިގަތީ ތާބިޝްގެ މޫނަށް ބަލައިވެސް ނުލަ އެވެ.
ދުނިޔޭގައި ތާބިޝް އެންމެ ލޯބިވަނީ އޭނާގެ ކޮއްކޮ ކަޔާންދެކެކަން ނޭގޭ އެއްވެސް މީހަކު ތާބިޝްގެ އާއިލާ އަދި ރަހްމަތްތެރީންގެ ތެރޭގައިވެސް ނުހުންނާނެ އެވެ. މިއަދު ކަޔާން އެ ވާހަކަދެއްކި މޭރުމުން ދުވަހަކުވެސް ތާބީޝްއާއި ވާހަކަދައްކާފައިނުވެ އެވެ. ކަޔާންގެ ބަސްތައް ހަޖަމުކުރާން ނޭގި، ތާބިޝް ބަލަހައްޓައިގެން ހުރީ ކަޔާން ދިޔަ ދިމާއަށެވެ.
އިރުކޮޅެއްފަހުން، އަތުގައި އޮތް ފޯނަން ބަލައިލެވުނީ ސުވާލުއުފެދިފަ އެވެ. ކަޔާންގެ ފޯނު ތާބިޝްގެ އަތަށް ދިނުމުގެ ބޭނުމަކީ ކޮބައިބާ އެވެ؟ ފަރުވާތެރިކަމާއެކު ފޯނަށް ބަލައިލި އެވެ. ފޯނުގައި 'ޕޯސް'ކޮށްފައި އޮތީ ވީޑިއޯ އެކެވެ. ނިއްކުރިއަށް ރޫ އަރުވާލާފައި ތާބިޝް ވީޑިއޯ 'ޕްލޭ' ކޮށްލި އެވެ.
ފެންނަމުންދިޔަ މަންޒަރާއި އިވެމުންދިޔަ އަޑުތަކުން ތާބިޝްގެ ކަންފަތުގެ ހިނދުރިއަށް ހަމަލާއެއް ދިންފަދަ އއެވެ. ފެންނަމުންދިޔައީ މިއަދު ގޭތެރޭގައި ހިނގާފައިވާ ކަންތައްތަކުގެ ވީޑިއޯ އެވެ. ގޭތެރޭގައި ކެމެރާ ހަރުކޮށްފައި ހުންނަކަން މީގެކުރިން ތާބިޝްއަށް އެނގިފައެއް ނެތެވެ.
ފެންނަމުންދިޔަ ވީޑިއޯގައި އަނިޔާ ލިބެނީ މަންމައަކަށް ނޫނެވެ. މަންމަ އަނިޔާކުރަމުންދިޔައީ ފިޒާއަށެވެ. މަންމަގެ ދުލުން ހުތުރު އިބާރާތްތައް އަމާޒުކުރަމުންދިޔައީވެސް ފިޒާއަށެވެ. ތާބިޝް ދޮރުގެ ތަޅުގައި ހިފާ މަންޒަރު މަންމަ ބެލީ ގޭތެރޭގައި ހުންނަ ސްކްރީނުންނެވެ. ސީދާ ތާބިޝްގެ ފައިބުޑަށް މަންމަ ވެއްޓިގަތީ އަމިއްލަ އަށެވެ. ފިޒާގެ އެއްވެސް ކުށެށް ނެތެވެ. ފައިބަމުންދިޔަ ކަރުނައާއެކު ކަޔާންގެ ފޯނުގައި ހުރި އެތައް ވީޑިއޯއެއް ތާބިޝް ބެލި އެވެ.
އެތައް ދުވަހެއްގެ އެތައް މަންޒަރެއް ކަޔާންހުރީ 'ސޭވް'ކޮށްފަ އެވެ. ކިތަންމެ ވީޑިއޯއެއް ތާބިޝް ބެލި އެވެ. މަންމަގެ އެތައް ގޯނާއެއް ތަކުރާރުކޮށް ފިޒާ ތަހަންމަލްކޮށްފައި ވެއެވެ. އެކަމަކު ދުވަހަކުވެސް އެފަދަ ކަމެއްގެ ވާހަކައެއް ފިޒާ، ތާބިޝްއަށް ހުށަހަޅާފައި ނުވެ އެވެ. އަތް ފަޔާއި ގައިގެ އެތަން މިތަން ނޫފައިގަތްފައި ހުއްޓައި ކިތަންމެ ދުވަހަކު ތާބިޝްއަށް ފެނުނެވެ. ސުވާލުކުރުމުން، ފިޒާގެ ޖަވާބަކީ ކޮންމެވެސް ތަނެއްގައި ޖެހިފައި ނުވަތަ ވެއްޓިގެން ލިބިފައިވާ އަނިޔާއެއް ކަމަށެވެ. އެކަންކަމާމެދު ފިޒާގެ ފަރުވާކުޑަކަމުން، ތާބިޝް ކިތަންމެ ދުވަހަކު އެއްޗެހިކިޔަ އެވެ. ދުވަހަކުވެސް ފިޒާގެ ދިފާއުގައި، ނުވަތަ ތާބިޝްއަށް ރައްދު ދިނުމަށް އެއްޗެއް ބުނެފައި ނުވެ އެވެ.
ލިބުނު މައުލޫމާތާއި ފެނުނު މަންޒަރު ލޮލަކަށް ފަސޭހައެއް ނޫނެވެ. އަމިއްލަ ނަފުސުގެ ބަލިކަށިކަމާއިމެދު ތާބިޝް ހިތާމަކުރި އެވެ. ފިޒާއާއި ހަތަރުކަޅި ހަމަކުރާނެ ގޮތަކާއިމެދުގައި ދުވަހުގެ އިރުއޮއްސެންދެން ތާބިޝް ވިސްނި އެވެ.
"ތާބިޝް، އަހަރެން މި ވާހަކަދައްކަނީ މިގޭ ހަތަރު ފާރަކާއި ނޫން.." އަޑުގެ ނެތްތަނަށް ވާލިދް ހަޅޭއްލަވައިގގަތެވެ. މާޒީގެ ކޯރުން ހިތިހަނދާންތަކާއެކު ތާބިޝްއަށް އެއްގަމަށް އެރިއްޖެ އެވެ. ހިޔާލީ ދުނިޔެއިން ނިކުމެ ލޯ ހުޅުވިއްޖެ އެވެ. އަމިއްލަ ގޭގައި އަމިއްލަ ލޯކުރިމަތީގައި އެތައް ވޭނެއް ފިޒާ އުފުލިއިރުވެސް ތާބިޝްގެ ހިމާޔަތުގައި ފިޒާ ރައްކާތެރިކުރެވިފައެއް ނެތެވެ. މިރޭ، ހަގީގަތުގައިވެސް ވާލިދްގެ އަތް ތާބިޝްއާއި ދިމާއަށް އުފުލުން ހައްގެވެ. އެހެންނަމަވެސް އެކަމަށް ހުރަސްއަޅައި އިންކާރުކުރީ ހަމަ ފިޒާ އެވެ.
"އަހަރެންގެ ސުވާލަށް ތާބިޝް ޖަވާބުދޭނަންތަ.. ނުދޭނަންތަ؟ މިގެއަށް ކަލޭ ތިއައީ ކީއްކުރަންހޭ..؟ ކޮބައިހޭ ބޭނުމަކީ..؟ ދިހަ ބާރަފަހަރު ސުވާލުކޮށްފިން، ދޭނެ ޖަވާބެއް ނެތިއްޔާ ހަމަމިހާރު މިގެއިން ނިކުމޭ..!" ވާލިދްގެ ނަފްރަތާއެކު ހަމަބިމަށް ތާބިޝްއަށް އާދެވިއްޖެ އެވެ. ހަގީގީ މަންޒަރު ލޮލަށްފެންނާން ވަގުތު ނެގީ އެވެ.
"އަހަރެން ބޭނުން ފިޒާއާއި ވާހަކަދައްކަން" މެދުހަށީން ހިތްވަރު ނެރިފައި ތާބިޝް ބުނެލި އެވެ.
"ބުނޭ" ވަގުތުން ފިޒާ ބުނެލި އެވެ. ފިޒާގެ އަޑުގައި އެއްވެސް އަސަރެއް ނެތެވެ.
"ވާހަކަދައްކަން ބޭނުމީ ހަމައެކަނި ފިޒާއާއި.. ހަމައެކަނި އަހަރުމެން ދެމީހުން..!" އުނދަގުލުން ނަމަވެސް ތާބިޝް ބޭނުންވާގޮތް ބުންޏެވެ.
"އެހެންތަ..؟ ތިކަމަށް އަހަރުމެން ދެމީހުން ހުއްދަ ދޭނެހެން ކަލެއަށް ހީވޭތަ..؟" ހަށަން ބަނދެލަމުން އަޝްކާ ސުވާލުކުރި އެވެ.
"އިޓްސް... އިޓްސް.. އިމްޕޯޓަންޓް..!" އިސްޖަހައިލައިފައި ތާބިޝް ބުންޏެވެ.
"ކަމް"
އަޝްކާއާއި ވާލިދް އެއްވެސް އެއްޗެއް ބުނުމުގެ ކުރީން ތާބިޝްގެ އަތުގައި ހިފައި ދަމަމުން ކަހަލަގޮތަކަށް ފފިޒާ ތާބިޝް ގެންގޮސްފި އެވެ.
ކޮޓަރިއަށް ވަންގޮތަށް، ފިޒާ ދޮރުލައްޕައިފި އެވެ.
"ބުނޭ..! ބުނަން ބޭނުން ކޮންމެ އެއްޗެއް މިވަގުތު ތާބިޝް ބުނޭ..!" އަޑުގައި ހަރުކަށިގޮތެއް ހުއްޓަސް، ފިޒާ ވާހަކަދެއްކީ މަޑުމައިތިރިކަމާއެކު އެވެ.
ފިޒާގެ އާދަޔާ ހިލާފް ހިތްވަރުގެ ސަބަބުން ޝޮކް ލިބުނީ ތާބިޝްއަށެވެ. އެފަދަ ގޮތަކަށް އަޝްކާއާއި ވާލިދުގެ ކުރިމަތީން ގެނެސް ތާބިޝް ކޮޓަރިއަށް ވައްދައި ދޮރުލައްޕަފާނެކަމަށް ހުވަފެނެއްގައިވެސް ތާބިޝް ގާބޫލުނުކުރާނެ އެވެ. ފިޒާގެ މި ސިފަ ދުވަހަކުވެސް ތާބިޝް ދެކިފައިނުވެ އެވެ. އެއްޗެއް ބުނަން ނުކެރި ޖެހިލުންވެފައި ފިޒާގެ ކުރިމަތީގައި ހުންނާންޖެހުނު ސަބަބަކީ އެއީ އެވެ.
ވަރަށް ހިތްވަރުކޮށްފައި ނުހަނު ގާތުން ތާބިޝް، ފިޒާއަށް ބަލައިލި އެވެ. ކުރިއަށްވުރެން ފިޒާ ހިކިފައިވިޔަސް އަދި މޫނުމަތީގެ ތާޒާކަން ކެނޑިފައި ވިޔަސް، ފިޒާގެ ހަށިގަނޑުގެ ރީތި ބައްޓަމާއި ލޮލުގެ ކަޅިރަވައާއި އާމަންޑެއްފަދަ ލޮލުގެ ހިތްގައިމުކަން ތާބިޝްގެ ހިތާއި ކުޅެލި އެވެ. ހިންދިރުވާލާފައި ކުރިއަށް ފިޔަވަޅެއް އެޅިއެވެ. ރީތި ދޮން މޫނުގެ ކޯތާފަތުން ފެށިގެން ފިޒާގެ އިޝްގީ ތުންފަތާއި ދިމާއަށް ތާބިޝްގެ ނަޒަރު ހުއްޓުނެވެ. ލޮލުގެ ކަޅި އެހެން އެއްވެސް ދިމާއަކަށް ހަރަކާތް ނުކުރި އެވެ. އިހްތިޔާރަކާއި ނުލައި އަތް އުފުލާލެވުނީ ލޯބިލޯބި މޫނުގައި ފިރުމާލަން ހިތް އެދުނީތީ އެވެ. ފިޒާއަށްވުރެން ރީތި އެހެން އެއްވެސް އަންހެންކުއްޖަކު ތާބިޝްގެ ނަޒަރުގައި ނުވެ އެވެ. އުފުލާލި އަތާއެކު ފިޒާ ފަހަތަށް ފިޔަވަޅެއް ނެގުމުން، ތާބިޝްގެ ހަރަކާތް އޭނާގެ އަމިއްލަ ސަމާލުކަމަށް އައެވެ.
"ފިޒާ" މަޑުމަޑުން ފިޒާގެ ނަން ކިޔާލަމުން ހަތަރުކަޅި ހަމަކޮށްލި އެވެ.
އަހަރުތަކަކަށްފަހު ތާބިޝްގެ ތުންފަތުން ފިޒާގެ ނަން އިވިގެން އައީ ފަޒާގެ ފިނިފިނި ރޯޅިއެއް ފަދައިންނެވެ. އިޝްގީ ގޮވައިލުމަށް ހަށިގަނޑުގައި ދިރުން ނެތިފައިވި އެތައް ސެލްއެއް ހަރަކާތްކުރަންފެށި އެވެ. ފިޒާއަށް ބަލައިލެވުނީ ތާބިޝްގެ ލޮލަށެވެ. ކޮފީތިއްކެއްފަދަ ސާފު ކަޅިއަށް ފިޒާ ގެއްލިގެން ދިޔައީ އަމިއްލަ އިހްތިޔާރަކު ނޫނެވެ. ދެމީހުން އެކަކު އަނެކަކުގެ އިޝްގުގައި ހިމޭންވެފައި ތިބީ، ލޯބީގެ ބަސްމޮށުންތެރިކަމުގެ ބާރުގަ އެވެ. ދުލުން އެންމެ ލަފްޒެއް ނުބުންޏަސް، ދެހިތުގެ ލޯބި މެހެސޫސް ކުރެވެމުންދިޔައީ ބަހާރުމޫސުމަށް ފަރިވެފޮޅިފައިވާ މާމެލާމެލީގެ ތާޒާ ގުލްދާސްތާއެއް ފަދައިންނެވެ. ހިމޭންކަމުގައި ހޭދަކުރެވުނު ވަގުތުގެ ދިގުމިނެއް އެނގޭނީ ދެމީހުންނަށްވެސް އެކަން ރެއަކާލީނަމަ އެވެ.
ތާބިޝް އެ ގެއަށް އައީ ކޮންބޭނުމެއްގައިކަން އިހްސާސްވުމުން، ފިޒާ ފިޔަވައި އެހެން ހުރިހައި ދިމާއަކަށް ބަލަންފެށި އެވެ. ހިތް ނުތަނަވަސްވެ ސިކުނޑިއަށްވެސް ބަރުވީ އެވެ.
"އޯހ.. އަސްލު.. އަހަރެން.." ބުނަން ބޭނުން ކިތަންމެ އެއްޗެއް އެބަހުއްޓެވެ.
ޖުމުލައެއް ފުރިހަމައެއް ނުކުރެވުނެވެ. ހިތްވަރު ހޯދަން ތާބިޝްއަށް ކުރެވޭނެކަމެއްވެސް ނެތެވެ. ބޮލުގެ ފުށްކިބައިގައި އަތް ކާއްތަންފެށީ ހަދާނެގޮތެއް ނޭގުނީމަ އެވެ. ތާބިޝްއަށް ބަލަހައްޓައިގެންހުރި ފިޒާގެ ލޮލުން ކަރުނަ ވިދާލަން މާގިނައިރެއް ނުނެގި އެވެ.
މާޒީގެ ހަނދާންތަކުން ފިޒާގެ ލޯ ތެންމާލީ އެވެ. ތާބިޝްގެ އިސްތަށިގަނޑު ފިޒާއަށް ވަރަށް ހާއްސަ އެވެ. އެތައް ރެއަކު ތާބިޝްއަށް ނިދެންދެން އިސްތަށިގަނޑުގައި ފިރުމާލުން ނުވަތަ މަސާޖުކޮށްލުމުގައި އެތައް އިރެއް ފިޒާ ހޭދަކުރަނީ އެ އިސްތަށިގަނޑުގެ ހިތްގައިމު ކަމުންނެވެ. އަދި ތާބިޝްގެ ބޮލުގައި އިނގިލިތައް ބީއްސާލުމުން ފިޒާއަށް ލިބިގެންދާ އަރާމަކީ ބަޔާންކުރެވޭނެ އިހްސާސެއް ނޫނެވެ. ފިޒާގެ ކުރިމަތީގައި ތާބިސްގެ ބޮލުގައި އަމިއްލައަށް ފިރުމުމުން، ފިޒާއަށް އަސަރުކޮށްފި އެވެ. އެއްބަސްވާން ބޭނުންނުވިޔަސް ތާބިޝްގެ ކޮންމެ ގާތްވުމަކުން ފިޒާއަށް އަސަރުކުރެ އެވެ.
ތާބިޝްގެ ހަށިގަނޑަށް މާބޮޑު ބަދަލެއް އައިސްފައެއް ނެތެވެ. ނަމަވެސް ކުރިއަށްވުރެން އެތައް ގުނައެއް ފުރާފުރިހަމަވެފައިވާކަން ކަށަވަރެވެ. މިހުރިހައިކަމެއް ތާބިޝްގެ ފިރިހެންވަންތަކަން އެތައް ގުނައަކަށް އިތުރުކޮށްދެ އެވެ. އަންހެންކުދިން ތާބިޝްއަށްޓަކައި ގުރުބާންވުން އެއީ އެކުދިންގެ ކުށެށް ނޫންކަން ފިޒާއަށް ގަބޫލުކުރެވުނެވެ. ރީތި، ފުރިހަމަ ކޮންމެ އެއްޗަކަށް އިންސާނުންގެ ހިތް ލެނބުމަކީ ދުނިޔޭގެ ތަބީއަތެވެ.
"އަހަރެން މި އައީ ފިޒާކައިރީގައި ކަމަކު ކިޔަންވެގެން..!" ވަރަށް ހިތްވަރުކޮށްފައި ތާބިޝް ބުނެލި އެވެ. އެކަމަކު ޖުމުލައާއިމެދު އަމިއްލައަށް ޖެހިލުންވީ، ފިޒާގެ ލޯ ވައްށްކޮށްލާފައި ތާބިޝްއަށް ބަލައިލި ގޮތުންނެވެ.
"ފިޒާ... ގެއަށް ދާން ހިނގާ..! ޕްލީޒް..!" މާ ނޭވާއަކާއެކު ކުއްލިޔަކަށް ތާބިޝް ބުންޏެވެ. ލިބުނު ޝޮކްގައި ފިޒާގެ އަނގަ ބޮޑުކޮށް ހުޅުވުނެވެ.
މިކަހަލަ ގޮތަކަށް، މިފަދަ ހުށަހެޅުމެއް އައިސްފާނެކަމަށް ހުވަފެނެއްގައިވެސް ފިޒާއަށް ހީކުރެވިފައެއް ނެތެވެ. ގުޑާލަންވެސް ފިޒާއަށް ނޭގުނީ އެހެންވެ އެވެ.
"ފިޒާ.. ޕްލީޒް! ގެއަށް ދާން ހިނގާ..!" އާދޭހާއެކު ތާބިޝްގެ ހުށަހެޅުން ތަކުރާރުކޮށްލި އެވެ. ދޭންވީ ޖަވާބެއްވެސް، އަދި އެ ހުށައެޅުމަށް ހަދަންވީ ގޮތެއްވެސް ފިޒާއަކަށް ނުވިސްނުނެވެ. ކުއްލިޔަކަށް ފުރަގަސްދެވުނީ ބުނާނެ އެއްޗެއް ނޭގުނީމަ އެވެ.
"ތާބިޝް... ތިކަމަށް މިހާރު މާބޮޑަށްވެސް ލަސްވެއްޖެ!" ލޮލުން ފައިބައިގަތް ކަރުނައާއެކު ފިޒާ ބުންޏެވެ.
"ފިޒާ.. ބޭބީ ޕްލީޒް، އަހަންނަށް އެންމެ ފުރުސަތެއް އިތުރަށް ދީ..! މިފަހަރު ފިޒާ ނާއުއްމީދުވާން ނުޖެހޭނެކަމަށް އަހަރެން ވައުދުވަން..!"
ތާބިޝްގެ އާދޭހުގެ ޖަވާބުގައި ފިޒާ އެއްމިޔަކަނުން ހީލުމުން ތާބިޝް ބިރުގަތެވެ. އަޑުއަހަން ބޭނުން ނޫން އެއްޗެއް އަޑުއިވޭނެކަމަށް ތާބިޝް ޔަގީންކުރި އެވެ.
"ތާބިޝް.. މިއީ ހަގީގީ ދިރިއުޅުން.. މިއީ ފިލްމެއް ނޫން.. މިއީ މީހަކު ލިޔެފައި އޮތް ވާހަކައެއްވެސް ނޫން.. ހަގީގީ ދިރިއުޅުމުގައި ކޮންމެ ކޮންމެ ކަމަކަށް ދެވަނަ ފުރުސަތެއް ނުލިބޭނެ..! އިންސާނުންގެ ކަރާމަތާއި އަބުރާއި އިއްފަތްތެރިކަމަކީވެސް އޮންނަ އެއްޗެއް..! އެކަމަކު އެއީ ތާބިޝް ދަންނަ ކަންކަމެއް ނޫން..!" ފިޒާގެ ބާރުގަދަ ބުނުމާއެކު ތާބިޝް އިސްޖަހައިލި އެވެ. ކުރިމަތިލާންޖެހުނު ކޮންމެ ކަމަކަށް މިރޭ ތާބިޝް ކެތްކުރާނެ އެވެ.
ފިޒާގެ ދެ ކޮނޑުގައި މަޑުމަޑުން ހިފާލާފައި ތާބިޝްއާއި ދިމާއަށް އަނބުރާލި އެވެ.
"ފިޒާ.. ބޭބީ.. އަހަންނަށްވެސް އިނގޭ މިއީ ފިލްމެއް ނޫންކަން.. އަދި މިއީ ހިޔާލީ ވާހަކައެއްވެސް ނޫން.. އަހަރެން މި އެދެނީ އަހަންނަށް، ދެވަނަ ފުރުސަތެއް ދިނުމަކަށް ނޫން.. މި ލޯތްބަށް.. އަހަރުމެންގެ ލޯތްބަށް އިތުރު ފުރުސަތަކަށް މި އެދެނީ.. ޕްލީޒް ފިޒާ..!" ލޯތްބާއެކު ތާބިޝް ބުންޏެވެ. ފިޒާއަށް ބަލައިލެވުނީ ތާބިޝްގެ ލޮލަށެވެ.
"ލޯތްބޭ... ތާބިޝް، މި ދެމެދުގައި ލޯބި އެބައޮތްތަ..؟" ފިޒާގެ ރިހުމުން ފުރިގެންވީ ބުނެލުމުން ތާބިޝް ސިހުނެވެ.
"ލޯތްބަކީ އަހަރެންގެ މި ހިތުގައި ފިޒާއަށްޓަކައި އޮތް އިތުބާރު..! އަހަންނަށްޓަކައި ފިޒާގެ ހިތުގައި އޮތް އިތުބާރު.." ތާބިޝްގެ މޭގައި އަތްއަޅާފައި ވާހަކަދެއްކީ ފިޒާއަށް ވިސްނައިދިނުމަށެވެ.
"ކޮން އިތުބާރެއްގެ ވާހަކައެއް ތާބިޝް ތި ދައްކަނީ..؟ (ނުނިމޭ)