
ހެލްތް މިނިސްޓްރީން ބުނީ މިއަހަރު އެންމެ ގިނައި ފެތުރެމުން އަންނަނީ އަރިދަފުސް ރޯގާއާއި ކޮވިޑްކަމަށެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް 107 މީހަކަށް ކޮވިޑް ޖެހިފައިވާކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ. މިދިޔަ އަހަރު 139 މީހަކަށް ކޮވިޑް ޖެހިފައިވާކަމަށް މިނިސްޓްރީގެ ހިސާބުތަކުން ދައްކައެވެ.
ހެލްތް މިނިސްޓްރީން ބުނީ، އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްކުރާ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު އިތުރުވެފައިވާ ކަމަށެވެ. މިދިޔަ އަހަރުގެ މި ދުވަސްވަރު އަރިދަފުސްގެ 4،794 ކޭސް ރިޕޯޓްކޮށްފައިވާއިރު މި އަހަރު ރިޕޯޓްކޮށްފައިވަނީ 8،157 ކޭސް އެވެ. މިހާރު ފެތުރެމުންދާ އަރިދަފުސް ރޯގާގެ ތެރެއިން އެންމެ ގިނައިން ރިޕޯޓް ކުރަމުންދަނީ އިންފްލުއެންޒާ އާއި ކޮވިޑް ކަމަށާއި، އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ މާލެ ސަރަހައްދުން ކަމަށް ހެލްތް މިނިސްޓްރީގެ ފަރާތުން އޮފީހުން ބުންޏެވެ.
އެހެންނަމަވެސް، ޑެންގީ ހުމުގެ ހާލަތު މިދިޔަ އަހަރާ އަޅާބަލާއިރު ދަށްވެފައިވާ ކަމަށް ހެލްތް މިނިސްޓްރީން ފާހަގަކޮށްފިއެވެ. 2023 ވަނަ އަހަރުގެ މެއި މަހު ޑެންގޫގެ 675 ކޭސް ރިޕޯޓްކޮށްފައިވާއިރު މި އަހަރު މެއިގައި ރިޕޯޓްކޮށްފައިވަނީ 116 ކޭސް އެވެ. މި އަހަރު ޑެންގީ ހުން ޖެހިގެން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ މާލެ ސަރަހައްދުގެ އިތުރުން ރ، ކ އަދި އއ އަތޮޅުންނެވެ. ހެލްތް މިނިސްޓްރީން ރައްޔިތުންނަށް އިލްތިމާސްކޮށްފައިވަނީ ރޯގާތަކާއި އެކި ބަލިތަކުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އަޅަމުން ގެންދިއުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށެވެ.