އައްޑޫ ސިޓީގެ ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ ވެރިކަމުގެ ފަހުކޮޅު 04 ޖޫން 2023 ގައެވެ. މީ އިންޑިއާގެ އެގްޒިމް ބޭންކުން ދޫކޮށްފައިވާ ލައިން އޮފް ކްރެޑިޓްގެ ދަށުން 29.7 މިލިއަން ޑޮލަރު (457.9 މިލިއަން ރުފިޔާ) ހަރަދުކޮށްގެން ކުރިޔަށް ގެންދާ މަޝްރޫއެކެވެ.
މި މަޝްރޫއުގައި ހިމެނޭ މަގެއް އުނިކުރަން ނިންމުމުން އައްޑޫ ބައެއް ރައްޔިތުން އަންނަނީ އެކަމާއި ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މިކަމާއި ގުޅިގެން މިނިސްޓަރު މުއްތަލިބި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގަން އިންޓާނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރޭގައި ހިމެނޭ މަގެއްގެ މަސައްކަތް ކުރުމަށް ހުސްކުރަންޖެހޭ އިމާރާތެއް ހުސްނުކުރެވިވާކަމަށެވެ. އަދި އެ ބިން ކޮންޓްކްޓަރާއި ހަވާލުނުކުރެވުމުގެ ސަބަބުން ޕްރޮޖެކްޓް ނިންމަންޖެހޭ މުއްދަތަށް ނިންމުމަށް ދަތިވެ، އޭގެ ސަބަބުން ކޮންޓްރެކްޓަރަށް ބަދަލުދޭން ޖެހޭފަދަ ހާލަތެއް މެދުވެރިވެ ދައުލަތަށް މާލީގޮތުން ގެއްލުންވެދާނެތީ އެ އިމާރާތް ހިމެނޭ ސަރަޙައްދުގެ މަގުގެ ބައި ޕްރޮޖެކްޓުން އުނިކުރަން ބޭނުންވާކަން ކޮންޓްރެކްޓަރަށް އެންގުމަށް އައްޑޫ އިންޓަރނޭޝަނަލް އެއާޕޯޓް ޕްރައިވެޓް ލިމިޓެޑަށް އަންގާފައިވާކަަމަށް މިނިސްޓަރު މުއްތަލިބު ވިދާޅުވިއެވެ.
މި އިމާރާތަކީ އަދި ޢިމާރާތް ހުރި ބިމަކީ އައްޑޫ އިންޓަރނޭނަލް އެއަރޕޯޓް ކޮންޕެނީގެ މިލްކެއްކަމަށް މިނިސްޓަރު މުއްތަލިބު ވިދަޅުވިއެވެ.
" އެހެން ނަމަވެސް 2 އަހަރެއްހާ ދުވަހު މަސައްކަތްކޮށްގެންވެސް އެ އިމާރާތް ބޭނުން ކުރަމުންދާ ފަރާތުން ތަން ހުސްކުރުމަށް ދެކޮޅު ހެދުމުގެ ސަބަބުން އައްޑޫ އިންޓާނޭޝަނަލް އެއާޕޯޓް ކޮންޕެނީއިން އެބިން ކޮންޓްރެކްޓަރާވަނީ ހަވާލު ނުކުރެވި." މިނިސްޓަރު މުއްތަލިބު ވިދަޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އެކަމުގައި އައްޑޫ ރައްޔިތުންގެ ކަންބޮޑުވުން ބަލައިގަންނަވާކަމަށެވެ. މިމަހު 17 ގެ ކުރިން މިކަމަށް ހައްލެއް ލިބިއްޖެނަމަ އުނިކުރަން އެންގި މަސައްކަތް ކޮންޓްރެކްޓާ އެއްގޮތަށް ކުރިއަށްދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ބިން ހުސްނުކުރެވި މި ޕްރޮޖެކްޓް އިން ކުރިއަށް ގެންދެވޭ ގޮތް ނުވެއްޖެނަމަ، ބިން ލިބުނުހާ އަވަހަކަށް ވަކި ޕްރޮޖެކްޓެއްގެ ގޮތުގައި އެ މަސައްކަތް ކުރިއަށް ގެންދާނެކަމަށްވެސް މިނިސްޓަރު މުއްތަލިބް ވިދާޅުވިއެވެ.