ads
މުއިއްޒު
25 އަހަރުން ދަށުގެ ޒުވާނުންނަށް ދުންފަތް މަނާކުރަން ގިނަބަޔަކު ތާއީދުކޮށްފި
ރައީސް ޑރ. މުހައްމަދު މުއިއްޒު ދުންފަތް މަނާކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ހުޅުވާލި ޕޯލުގައި، 2000 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާ ކުދިންނަށް ދުންފަތް މަނާކުރުމަށް ގިނަ ރައްޔިތުން ތާއީދުކޮށްފިއެވެ.
Advertisement

ރައީސް މުއިއްޒު މިމަހުގެ 3 ވަނަ ދުވަހު ހުޅުވާލި މި ޕޯލުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުމަށް އެންމެ އެކަށީގެންވާ އުމުރުފުރާއަކީ ކޮބައިތޯ ބެލުމަށް ތިން އޮޕްޝަނެއް ހުށަހަޅުއްވާފައިވެއެވެ. އެއީ 2000 ވަނަ އަހަރުން ފެށިގެން ނުވަތަ 2004 ވަނަ އަހަރުން ފެށިގެން ނުވަތަ 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާ ކުދިންނަށެވެ.

ރައީސް މުއިއްޒު އެކްސްގައި ހުޅުވާލި ޕޯލަށް 5500 އަށްވުރެ ގިނަ މީހުން ވޯޓު ލާފައިވާއިރު، 51.1 ޕަސަންޓު މީހުން ވޯޓު ދީފައިވަނީ 2000 ވަނަ އަހަރުން ފެށިގެން އުފަންވާ ކުދިންނަށް ދުންފަތް މަނާކުރުމަށެވެ. ފޭސްބުކްގައި ހުޅުވާލާފައިވާ ޕޯލަށް 5000 އަށްވުރެ ގިނަ މީހުން ވޯޓު ދީފައިވާއިރު 73 ޕަސަންޓު މީހުން ވަނީ 2000 ވަނަ އަހަރު ފެށިގެން އުފަންވާ ކުދިންނަށް ދުންފަތް މަނާކުރުމަށް ބޭނުންވާކަން ހާމަކޮށްފައެވެ. މި ޕޯލުގެ ވަގުތު މިއަދު މެންދުރު ފަހު 15:15 އަށް ވަނީ ހަމަވެފައެވެ. 

ދުންފަތުން ރައްކާތެރި ޖީލެއް ބިނާކުރުމަށް "ޖެނެރޭޝަނަލް ބޭން" ތައާރަފު ކުރުމަށް ސަރުކާރުން ވަނީ މަޝްވަރާތައް ފަށްޓަވާފައެވެ. ހެލްތް މިނިސްޓްރީން ވަނީ ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާއާއި ޔުނިސެފްގެ ބޭފުޅުންނާއެކު މަޝްވަރާ ކުރައްވާފައެވެ. ރައީސް މުއިއްޒު ވިދާޅުވެފައިވަނީ ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމުގެ ޖީލުތަކެއް ރާއްޖޭގައި ތަންފީޒުކުރާނަމަ ދުންފަތުގެ އިސްތިއުމާލުކުރުމުގެ ގެއްލުންތަކުން އަޅުގަނޑުމެންގެ ޒުވާނުންނާއި އަންނަން އޮތް ޖީލުތަކުގެ ސިއްހަތު ރައްކާތެރިކުރެވިގެން ދާނެކަމަށެވެ. އަދި ދުންފަތުގެ އިސްތިއުމާލުކުރާ އެހެނިހެން އުމުރުފުރާތަކުގެ މީހުންވެސް އެ އާދަ ދޫކޮށްލުމަށާއި ރާއްޖެއަށް ދުންފަތުގެ ބާވަތްތައް އެތެރެކޮށް، ވިޔަފާރި ކުރާ ފަރާތްތަކުން އެކަން ހުއްޓާލުމަށްވެސް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް