
އުމުރުން އެންމެ 23 އަހަރުގެ އިންފްލުއެންސަރު، "އިންޑިއާސް ގޮޓް ލޭޓެންޓް" ޝޯގެ ޖަދަލުވެރި ހާދިސާއަށްފަހު އޭނާއަށް ލިބުނު ރޭޕް ތެރެޓްތަކާއި، މަރުގެ އިންޒާރުތަކާއި، އެސިޑް ހަމަލާގެ ބިރުދެއްކުންތައް ހާމަކޮށްފިއެވެ. 3 މިލިއަނަށްވުރެ ގިނަ ފޮލޯވަރުން ތިބި މުހިޖާ، އޭޕްރިލް 8 ވަނަ ދުވަހު ޕޯސްޓްކުރި ފޮޓޯތަކުގައި އޭނާއަށް ލިބުނު އެތައް ސަތޭކަ ނަފްރަތުގެ މެސެޖުތަކުގެ ސްކްރީންޝޮޓްތައް ހިމަނާފައިވެއެވެ.
މި ޖަދަލު ފެށުނީ ފެބްރުއަރީ މަހު ކޮމީޑިއަން ސަމޭ ރައިނާ ހޯސްޓްކުރި ޔޫޓިއުބް ޝޯއެއްގައި ރަންވީރު އަލާބާދިއާ އަމާޒުކުރި ބޭއަދަބީ ވާހަކަތަކާ ގުޅިގެންނެވެ. މި ޝޯގައި ބައިވެރިވި މުހިޖާއާއި އެހެން ބައިވެރިންނަށް ވެސް ގާނޫނީ ފިޔަވަޅުތައް އުޅުމަށް މުންބާއީ ޕޮލިހުންނާއި ނޭޝަނަލް ކޮމިޝަން ފޯ ވިމެން (އެންސީޑަބްލިއު) އިން ސަމަންސް ފޮނުވާފައިވެއެވެ. މުހިޖާ ޕޮލިހުންނަށް ހާޒިރުވެ އެންސީޑަބްލިއުއަށް ލިޔުމުން މައާފަށް އެދިފައިވާކަން ފާހަގަކުރެވެއެވެ. ޝޯގެ އެޕިސޯޑްތައް ޔޫޓިއުބުން ނަގައި، ރައިނާގެ އިންޑިއާ ޓުއާ ވަނީ ފަސްކޮށްފައެވެ.
މުހިޖާގެ އަނބުރާ އައުމާއެކު، އޮންލައިން ފުރައްސާރައިގެ މައްސަލަ، ހާއްސަ ކޮށް އާންމު އަންހެނުންނަށް ކުރިމަތިވާ ގޯނާއާ ބެހޭ ބަހުސްތައް ވަނީ އިތުރުވެފައެވެ.
އޭނާގެ ޕޯސްޓްތަކަށް ތާއީދުކުރާ ކޮމެންޓްތައް ވެސް ވަރަށް ގިނައެވެ. "ކިހާ ހިތްވަރުގަދަ އަންހެން ކުއްޖެއްތަ!" އަދި "މިހާރު ވަނީ ބޮޑު އަޑަކުން ގޮވާލުމުގެ ވަގުތު!" ފަދަ ބަސްތަކުން އޭނާއަށް ހިތްވަރުދީފައިވެއެވެ.
މީގެއިތުރުން، ސައިބާ ސެކިއުރިޓީ ފިޔަވަޅުތައް ހަރުދަނާކުރުމަށް ގޮވާލުންތައް އިތުރުވެފައިވެއެވެ. މިއަދު މުހިޖާގެ ސޯޝަލް މީޑިއާއަށް އެނބުރި އައުމަކީ އޭނާއަށް ކުރިމަތިވި ނަފްރަތާ ދެކޮޅަށް އެޅި ހަރުދަނާ ފިޔަވަޅެކެވެ.