
ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން ގެނެސް ދައުލަތަށް ލިބެންޖެހޭ 1.7 ބިލިއަން ރުފިޔާ ނުލިބި އޮތްކަން ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ.
ރާއްޖޭގައި ހިންގާ ބޮޑެތި ކުންފުނިތައް ހިމެނޭހެން 1،026 ކުންފުންޏަކުން ދައުލަތަށް ފަިސާ ނުދައްކާކަން މިނިސްޓްރީން ހާމަކޮށް އެ ކުންފުނިތަކުގެ ނަންތައްވެސް މިނިސްޓްރީން މިދިޔަ އަހަރުގެ ޖޫން މަހު އާއްމުކުރިއެވެ. އަދި ނުދައްކާހުރި ފައިސާ ދައްކަން އެކުންފުނިތަކަށް ވަނީ އަހަރުގެ ދުވަހުގެ މުއްދަތެއް ދީފައެވެ.
ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާގަކަ ދައްކަވަމުން ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލް މަޖީދު އިބްރާހީމް ވިދާޅުވީ ބިދޭސީންގެ ފީ ގެގޮތުގައި ދައުލަތަށް ނުލިބި އޮތް 1.7 ބިލިއަންގެ ތެރެއިން މިހާތަނަށް 1.6 ބިލިއަން ރުފިޔާ މިހާރު ހޯދާފައިވާކަމަށެވެ. އެހެންނަމަވެސް އެހެން ނަމަވެސް ފީތަކުގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ 900 އެތައް މިލިއަން ރުފިޔާ އަދި ވެސް އެބަހުރިކަން މަޖީދު ފާހަގަކުރެއްވިއެވެ.
ސަރުކާރުން އެޅި ފިޔަވަޅުތަކާއެކު ބިދޭސީންނަށް ދައްކަންޖެހޭ ފީ ދައްކާ ފަރާތަކުން ބޮޑު ބައެއް މިހާރު ގަވައިދުން ފީ ދައްކަމުން އަންނަކަމަށްވެސް މަޖީދު ވިދާޅުވިއެވެ. އެގޮތުން ފީ ދައްކަންޖެހޭ ފަރާތްރަކުގެ ތެރެއިން 55.4 އިންސައްތަ މީހުން މިހާރު ގަވާއިދުން ފީ ދައްކަމުން އަންނަމަކަމަށް މަޖީދު ވިދާޅުވިއެވެ.
ގވައިދާ ހިލާފަށް އުޅޭ ބިދޭސީން ގަވައިދަށް ފެއްތުމަށް ހޯމް މިނިސްޓްރީން އަންނަނީ "ކުރަނގި" ނަމުގައި ހާއްސަ އޮޕަރޭޝަނެއް ހިންގާ ބިދޭސީން ބަޔޯމެޓްރިކް ޑާޓާތައް ނަގަމުންނެވެ. މި މަސައްކަތުގެ ދަށުން މިހާތަނަށް 100،000 ބިދޭސީންގެ އިނގިލީގެ ނިޝާންތައް ނަގާ އެމީހުން ވަނީ ސިސްޓަމްގެ ތެރެއަށް ވައްދާފައެވެ. އަދި މިމަހުގެ ނިޔަލަށް އިނގިލީގެ ނިޝާންތައް ނަގާ ނުނިންމާ ބިދޭސީން ޑީޕޯޓްކުރާނެކަމުގެ އިންޒާރުވެސް މިނިސްޓްރީން ވަނީ ދީފައެވެ.