މިފްކޯގެ އިންޖިނިއަރިން އެންޑް ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރުގެ މަގާމުގައި ހުރި މުއާޒާއެކު އިތުރު ތިން މީހަކު ހައްޔަރުކުރީ މިދިޔަ ހަފްތާގަ އެވެ. މި މައްސަލައިގައި ދެން ހައްޔަރުކުރީ ދެ ވިޔަފާރިވެރިން ކަމުގައިވާ ލޮޓަސްގެ ވެރިޔާ އަހްމަދު އާރިފް (އާއްޓޭ) އާއި އެޕޯލޯގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އާއި ކަސްޓަމްސްގެ ޑިޕާޓްމަންޓެއްގެ އިސްވެރިއެއް ކަމަށްވާ ޒިވާރު އިސްމާއިލް އެވެ.
ފުލުހުން މިއަދު ބުނީ ބަންދާމެދު ގޮތެއް ނިންމުމަށް މުއާޒު މިއަދު ކޯޓަށް ހާޒިރުކުރުމުން އިތުރު 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ. ކަސްޓަމްސްގައި މީގެ ކުރިން މަސައްކަތްކޮށްފައިވާ މުއާޒަށް އެންމެ ފުރަތަމަ ޖެހީ ފަސް ދުވަހުގެ ބަންދު މުއްދަތެވެ.
އޭގެ ތެރެއިން އާރިފާއި ޒިވާރުގެ ބަންދަށް 15 ދުވަސް ޖެހިއިރު، ވަހީދުގެ ބަންދަށް ޖެހީ ފަސް ދުވަހެވެ. މި މައްސަލައިގައި ހަތަރު މީހަކު ހައްޔަރުކުރުމުގެ އިތުރަށް 12 މީހަކު ފުރުން ވަނީ މަނާކޮށްފަ އެވެ
އެ ސިނގިރޭޓުތައް ހުރީ އެމްޕީއެލްގެ ބެލުމުގެ ދަށުގައި ކަމަށްވާއިރު، އެ ކުންފުނިން ވަނީ އެތެރޭގެ ތަހުުގީގެއް ފަށައި، ލިބުނު މައުލޫމާތާ ގުޅިގެން ހަ މުވައްޒަފަކު ސަސްޕެންޑުކޮށްފަ އެވެ.
މީގެ އިތުރުން ކަސްޓަމްސްއިން ވަނީ، އެ މައްސަލައިގައި އެ ހިދުމަތުގެ މުވައްޒަފަކު ޝާމިލުވާކަން ހާމަވެއްޖެ ނަމަ އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ބުނެފަ އެވެ.