
މި މަޝްވަރާތަކަކީ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުތަކުގެ ތެރެއިން ކުރިއަށްގެންދާ މަސައްކަތުގެ ބައެކެވެ.
ހެލްތް މިނިސްޓްރީން ބުނީ، މި ބައްދަލުވުމުގައި "ޖެނެރޭޝަނަލް ބޭން" ނުވަތަ ވަކި އުމުރުފުރާއަކުން ފެށިގެން ދުންފަތް ބޭނުންކުރުން މަނާކުރުމުގެ ސިޔާސަތު ކާމިޔާބުކަމާއެކު ތަންފީޒު ކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާކަމަށެވެ. މި ސިޔާސަތު ތަންފީޒުކުރުމަށް އެންޖީއޯތަކުން ގިނަ ލަފާތަކެއްވެސް ދީފައިވާކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.
ރައީސް މުއިއްޒު ވަނީ މީގެކުރިން ރައްޔިތުންގެ ހިޔާލު ހޯދުމަށް ސޯޝަލް މީޑިއާގައި ޕޯލެއް ހިންގަވާފައެވެ. އެ ޕޯލަށް ގިނަ ބަޔަކު ވޯޓު ދީފައިވަނީ 2000 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމަށެވެ. އަދި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއާއި ޔުނިސެފްއާ ބައްދަލުކޮށް މިކަމާގުޅޭގޮތުން މަޝްވަރާކޮށްފައިވާކަމަށްވެސް ހެލްތް މިނިސްޓްރީން ބުނެފައިވެއެވެ.