
ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ހޯމް މިނިސްޓްރީން ވަނީ " ކުރަނގި" ގެ ނަމުގައި ހާއްސަ އޮޕަރޭޝަނެއް ފަށާފައެވެ.
ހޯމް މިނިސްޓްރީން ބުނީ މި ސަރުކާރު އައިފަހުން މިހާތަނަށް ރާއްޖެއިން ޑީޕޯޓްކުރި ބިދޭސީންގެ އަދަދަކީ 6750 ކަމަށެވެ. މިއީ ކުރީގެ ސަރުކާރުގައި ޑީޕޯޓްކުރި އަދަދަށްވުރެ ގިނަ އަދަދެކެވެ. އެގޮތުން 2018 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާ ހަމައަށް ޑީޕޯޓްކޮށްފައިވަނީ 2،649 ބިދޭސީންނެވެ.
ޑީޕޯޓްކުރި ބިދޭސީންގެ ތެރޭގައި ގިނައީ ކުރަން އައި މަސައްކަތް ނޫން އެހެން މަސައްކަތެއް ކުރަމުންދިޔަ މީހުންނާއި ގަވައިދާ ހިލާފަށް އެކި ކަހަލަ ވިފަޔާރި ކުރަމުން އައި މީހުންކަމަށެވެ.
ބިދޭސީންގެ މައްސަލަ ހައްކުކުރުމަށް ފެށި "ކުރަނގި" އޮޕަރޭޝަންގެ ދަށުން މިހާތަނަށް 100،000 އަށްވުރެ ގިނަ ބިދޭސީންގެ ބަޔޯ-މެޓްރިކް ޑޭޓާ އެއްކޮށްފައިވާކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ. މީގެތެރެއިން 65،000 މީހުންނަކީ މާލޭ ސަރައްހަދުން އެއްކުރެވިފައިވާ މައުުލޫމާތުކަމަށް މިނިސްޓްރީން ބުނެއެވެ.