ads
ހެލްތް މިނިސްޓަރު ނާޒިމް:
ބޭހުގެ ސަޕްލައި އިތުރުކުރުމަށް ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އަޅަނީ
ބޭހުގެ ސަޕްލައި އިތުރުކުރުމަށް ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
Advertisement

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނާޒިމް ވިދާޅުވީ އާއްމުންނަށް ބޭހުގެ ދަތިކަން ކުރިމަތިވާކަން އެނގުމާ އެކު އެކަން ހައްލުކުރުމުގެ މަސައްކަތްތައް ފަށާފައިވާ ކަމަށެވެ. އަދި މިހާރު އެ މަސައްކަތުގެ ނަތީޖާ ރަނގަޅަށް ފެންނަން ފަށާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ބޭހުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރޭގައި ރާއްޖެއަށް ބޭނުންވާ ބޭސްތައް އެސްޓީއޯއިން އެކަނި ގެނައުމަށް ނިންމުމާއި، އެސްޓީއޯގެ ބޭހުގެ ސަޕްލައި އިތުރުކުރުމަށް އެ ނިޒާމު ވަރުގަދަކުރުމާއި ބޭހުގެ ކަންކަން ރަނގަޅުކުރުމަށް ގަވަނެންސް ހަރުދަނާކުރުން ހިމެނެއެވެ. މީގެ އިތުރުން ބޭހުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުން އިތުރުކޮށް، އެ މުވައްޒަފުން ޒިންމާދާރުކުރުމަށް އެސްއޯޕީތައް އެކުލަވާލުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް ހެލްތު މިނިސްޓަރު ވިދާޅުވިއެވެ.

ބޭސް ސިޓީ ދޫކުރުމުގެ ކަންކަމުގައި އާސަންދަ ޕޯޓަލްއަށް އިސްލާހުތައް ގެނައުމާއި ފަރުވާގެ ގައިޑްލައިންތައް އިތުރަށް ހެދުމާއި އެމްއެފްޑީއޭގެ ނިޒާމު ހަރުދަނާކުރުމަކީވެސް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކެއް ކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި އެސްޓީއޯ ފާމަސިސްޓުން އިތުރަށް ޒިންމާދާރުކުރުމާއި ތަމްރީނުކުރުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް ހެލްތު މިނިސްޓަރު ވިދާޅުވިއެވެ. "މިކަން މިގޮތަށް ކުރަން ފެށުމުގެ ނަތީޖާއެއްގެ ގޮތުން ކުރިން ހުރި ގޮންޖެހުންތަކަށް ހައްލުތަކެއް ލިބި މިއަދު އަޅުގަނޑުމެން ދެކެނީ ކުރިއެރުންތަކެއް ލިބިފައިވާކަމަށް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މާ ގިނަ ދުވަސްތަކެއް ނުވެ މި ކަންބޮޑުވުން ދާއިމީ، ހިތްހަމަޖެހޭ ހައްލެއް ހޯދައިދޭނެކަމުގެ ޔަގީންކަން ވަރަށް ބޮޑަށް އެބައޮތް" ކަމަށް ހެލްތު މިނިސްޓަރު ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް