ads
މީރާ އޮފީސް
މީރާއަށް މިދިޔަ މަހު 3.38 ބިލިއަން ރުފިޔާ
މީރާއަށް މިދިޔަ މަހު 3.38 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މިއަދު ހާމަކޮށްފިއެވެ.
Advertisement

މިއީ ފާއިތުވި އަހަރުގެ މާޗު މަހާ އަޅާބަލާއިރު 15.1 ޕަސަންޓު އިތުރު އަދަދެކެވެ. އަދި މިދިޔަ މަހު ލިބޭނެކަމަށް އަންދާޒާކުރި ވަރަށްވުރެ 26.2 ޕަސަންޓު އިތުރު އަދަދެއްކަން މީރާއިން ފާހަގަކޮށްފައިވެއެވެ.

މީރާއިން ބުނިގޮތުގައި އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ފެބްރުއަރީ މަހުގެ ޓެކުހުގެ ސުންގަޑިތައް ބަންދު ދުވަހަކާ ދިމާވުމުން މާޗު މަހުގެ ތިންވަނަ ދުވަހަށް މުއްދަތު އިތުރުކޮށްފައިވުމެވެ. އަދި ރިސޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީގެ އާމްދަނީ ވެސް މި މުއްދަތުގައި ބަލައިގަތުމަކީ އާމްދަނީ އިތުރުވި ސަބަބެއްކަމަށް މީރާއިން ބުންޏެވެ. ނަމަވެސް ޓޫރިޒަމްގެ އާމްދަނީ ދަށްވެފައިވާކަމަށް މީރާއިން ފާހަގަކޮށްފައިވެއެވެ. އެއީ މިދިޔަ އަހަރަށްވުރެ މި އަހަރުގެ ފެބްރުއަރީ މަހު ރާއްޖެ ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު 1.5 ޕަސަންޓު ދަށްވެފައިވާތީއެވެ.

މިދިޔަ މަހު ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއެވެ. އެއީ 57 ޕަސަންޓު ނުވަތަ 1.93 ބިލިއަން ރުފިޔާއެވެ. ޓޫރިޒަމް ލޭންޑް ރެންޓުން 384.3 މިލިއަން ރުފިޔާ ލިބުނުއިރު، ގްރީން ޓެކްސްއިން 270 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އާމްދަނީން ނަގާ ޓެކްސްއިން 180 މިލިއަން ރުފިޔާ ލިބުނުއިރު، ލީސް ޕީރިއަޑް އެކްސްޓެންޝަން ފީއިން 162.3 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މީގެ އިތުރުން މިދިޔަ މަހު އާމްދަނީގެ ގޮތުގައި 174.23 މިލިއަން އެމެރިކާ ޑޮލަރު ވެސް ބަލައިގަނެފައިވާކަމަށް މީރާއިން ބުނެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް