ads
މީޑިއާ ކޮންޓްރޯލް ކުރާ ބިލާއި ދެކޮޅަށް ނޫސްވެރިން މުޒާހަރާކުރަނީ ފޮޓޯ: މިލްޒީރޯ ނިޝާން
މީޑިއާ ކޮންޓްރޯލް ބިލާއި ގުޅިގެން ނޫސްވެރިން ރައީސް އޮފީހަށް ޕެޓިޝަން އެއް ހުށަހަޅައިފި
މީޑިއާ ރެގިއުލޭޓްކުރުމުގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު ބޭރުކުރަން ގޮވާލާ ޕެޓިޝަނެއްގައި ނޫސްވެރިން ސޮއިކޮށް، އެ ޕެޓިޝަން މިއަދު ރައްޔިތުންގެ މަޖިލީހާއި ރައީސް އޮފީހަށް ހުށަހަޅައިފި އެވެ.
Advertisement

މި ޕެޓިޝަނުގައި ރާއްޖޭގައި ހަރަކާތްތެރިވާ 41 މީޑިއާއަކަށް ނިސްބަތްވާ 151 ނޫސްވެރިން ވަނީ ސޮއިކޮށްފަ އެވެ. އޭގެ ތެރޭގައި ފްރީލާންސް ނޫސްވެރިން ވެސް ހިމެނެ އެވެ.

ނޫސްވެރިން  ބުނީ ރައީސް މުއިއްޒު މިކަމާއި މެދު ވިސްނާވަޑައިގަންނަވާނެ ކަމަށް ގަބޫލު ކުރާކަމަށާއި އަދި ނޫސްވެރިންގެ އަޑު ރައީސް އައްސަވާނެ ކަމަށް ގަބޫލުކުރާން ކަމަށެވެ.

"ބިލުގައި އުފައްދަން ބުނާ ކޮމިޝަނުން މައްސަލައެއް ބަލަން ފަށަމުން ވެސް ވަގުތީ ގޮތުން ލައިސެންސް ހިފެހެއްޓުމުގެ ބާރު ކޮމިޝަނަށް އޮތުމުން ވަކި ނޫސްތަކަށް ޓާގެޓުކޮށް ވަކި މުއްދަތެއް ނެތް ގޮތަށް ނޫސްތައް ބަންދުކޮށްފައި ބެހެއްޓުމުގެ ފުރުސަތު އެބަ އޮތް" އެ ޕްޓިޝަން ގައިވެ އެވެ

މި ޕެޓިޝަން ރައްޔިތުންގެ މަޖިލީހަށް ސްޕޮންސާކޮށްދިނީ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް އެވެ.

މީޑިއާ ރެގިއުލޭޓު ކުރަން އެކުލަވާލާ ކޮމިޝަނެއްގައި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މެންބަރުންތަކެއް ތިބެން ލާޒިމުކޮށް ބިލު ހުށަހެޅި ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު އެވެ. ބިލުގައިވާ ގޮތުން ކޮމިޝަނުގެ ރައީސް އައްޔަން ކުރަންޖެހެނީ ރައީސުލްޖުމްހޫރިއްޔާ އެވެ.

އެ ބިލު ރައީސް މުހައްމަދު މުއިއްޒުގެ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ސުޕަމެޖޯރިޓީއިން ބަލައިގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އަންނަނީ ދިރާސާ ކުރަމުންނެވެ. ކޮމިޓީން ވަނީ މިފަހުން ވަނީ ނޫސްވެރިންނާ ބައްދަލުކޮށްފަ އެވެ. އެ ބައްދަލުވުމުގައި ނޫސްވެރިން އެދުނީ ބިލު ބޭރުކޮށްލުމަށެވެ. ބައެއް ނޫސްވެރިން ވަނީ މި ބިލާ ދެކޮޅަށް އަޑުއުފުލާތީ އިންޒާރުތައް ލިބެމުން އަންނަކަން ވެސް ކޮމިޓީއާ ހިއްސާކޮށްފަ އެވެ.

އެ ބިލު ބޭރުކޮށްލުމަށް ރާއްޖޭގެ ނޫސްވެރިންނާއި ހައްގުތަކަށް ވަކާލާތު ކުރާ ބޭރުގެ ވަރަށް ގިނަ ޖަމިއްޔާތަކުން ވެސް ދަނީ ގޮވާލަމުންނެވެ. އެކަމަކު، ސަރުކާރުން މިހާތަނަށް އެކަންކަމަށް ޖަވާބެއް ނުދެ އެވެ. ގިނަ ބަޔަކު ބުނަނީ، މިއީ އެފަދަ ބިލެއް ހުށަހެޅި ދެ ވަނަ ފަހަރު ކަމުން މި ފަހަރު އެ ބިލު ފާސް ކުރާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް