
މި ހިދުމަތް ފަށަން ނިންމާފައިވާ ރަށްތަކަކީ މ.މުލި، ށ.ފުނަދޫ، ށ.މިލަންދޫ އަދި ނ.ވެލިދޫއެވެ. މިހާރު ރާއްޖޭގެ 15 ރަށެއްގައި އައިޑީކާޑު ޕްރިންޓްކުރުމުގެ ހިދުމަތް ދެމުން ގެންދާ ކަމަށް ހޯމް މިނިސްޓްރީން ބުނެފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދެއްކަމަށްވާ އައިޑީކާޑު ހެދުމުގެ ހިދުމަތް ރަށްރަށުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ރަސްމީކޮށް ފެށީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައެވެ. މީގެ ކުރިން އައިޑީކާޑު ހެދުމުގެ ހިދުމަތް ދެމުން ދިޔައީ މާލެއިން ޕްރިންޓްކޮށް ރަށްރަށަށް ފޮނުވައިގެންނެވެ. މިއީ ވަގުތު ނަގާ އަދި ރައްޔިތުންނަށް ތަކުލީފު ބޮޑު ކަމެއްކަމަށް ހޯމް މިނިސްޓްރީން ބުނެފައިވެއެވެ.
ހޯމް މިނިސްޓްރީން އިތުރަށް ބުނެފައިވަނީ މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް އައިޑީކާޑު ޕްރިންޓުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަކީ ސަރުކާރުން ކަނޑައަޅާފައިވާ އަމާޒެއް ކަމަށެވެ. އަދި ރާއްޖޭގެ ރަށްރަށުގެ އިތުރުން މެލޭޝިއާ، ސްރީލަންކާ، އިންޑިއާ އަދި އިނގިރޭސިވިލާތުގައިވެސް މި ހިދުމަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ހޯމް މިނިސްޓްރީން ބުނެފައިވެއެވެ.