
އިސްލާމިކް ޔުނިވާސިޓީގެ "ސަނާބިލް" އިމާރާތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަމުން ޝަރީފު ވިދާޅުވީ ބީއެމްއެލް އިސްލާމިކަށް މިހާތަނަށް 2.4 ބިލިއަން ރުފިޔާގެ ޑިޕޮސިޓް ލިބިފައިވާ ކަމަށެވެ. އަދި އެ ބޭންކުގެ އިސްލާމިކް ފައިނޭންސިންއަށް އޮތް އިތުބާރު ވަރަށް ބޮޑު ކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް އެ ހިދުމަތް އިތުރަށް ފުޅާ ކުރަމުން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޝަރީފު ވިދާޅުވި ގޮތުގައި މިއަހަރު ތެރޭގައި އަތޮޅު ތެރޭގައި ހިންގާ ހަތަރު ބްރާންޗެއް ވާނީ ބީއެމްއެލް އިސްލާމިކްއަށް ބަދަލުކޮށްފައެވެ. އަދި މިއަހަރު ނިމެން ވާއިރަށް ހުރިހާ އަތޮޅު ބްރާންޗެއްގައި ބީއެމްއެލް އިސްލާމިކްގެ ހަބްތަކަށް ބަދަލު ކުރުމުގެ ޕްލޭނާ އެއްގޮތަށް އަމަލީ މަސައްކަތް ނިމިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ބީއެމްއެލްގެ އިސްލާމިކް ތައާރަފް ކޮށްފައިވަނީ 2016 ވަނަ އަހަރުއެވެ. އެ ބޭންކްގެ ހިދުމަތްތައް ފަރުމާކޮށްފައިވަނީ އެކި ބާވަތްތަކުގެ އިސްލާމިކް ބޭންކިން ހިދުމަތްތައް ލިބޭ ގޮތަށެވެ.
އިސްލާމިކް ޔުނިވާސިޓީއިން އަޅާ ހަތް ބުރީގެ އިމާރާތުގެ ޕްރޮޖެކްޓަށް ޖޫން 2024 ގައި ހުޅުވާލި ސުކޫކަށް ބީއެމްއެލް އިސްލާމިކުން ވަނީ 60 މިލިއަން ރުފިޔާ އިންވެސްޓްކޮށްފައެވެ.
މިއާއެކު ބީއެމްއެލް އިސްލާމިކް ވެފައިވަނީ އިދާރާއަކުން ދޫކުރި އިސްލާމިކް ކެޕިޓަލް މާކެޓް އިންސްޓްރޫމެންޓަކަށް އިންވެސްޓްކުރި ރާއްޖޭގެ ފުރަތަމަ ބޭންކަށެވެ. ޝަރީފު ވިދާޅުވީ އިސްލާމިކް ޔުނިވާސިޓީގެ ސަނާބިލް އިމާރާތް އެޅުމަށް އެ ޔުނިވާސިޓީން އިޝޫކުރި ސުކޫކުގައި އިންވެސްޓް ކުރުމުގެ އެންމެ މައިގަނޑު އެއް ސަބަބަކީ އިސްލާމިކް ފައިނޭންސިންގެ ފުރުސަތުތައް އިތުރުކޮށް ފުޅާ ކުރުމުގައި ބައިވެރިވުން ކަމަށެވެ.